އައިއޯއެސްގެ އާ އަޕްޑޭޓަށް ފަހު ނެޓްވޯކް މައްސަލަތައް ދިމާވާ ކަމުގެ ޝަކުވާތަކެއް

އައިއޯއެސްގެ އާ އަޕްޑޭޓަށް ފަހު ނެޓްވޯކް މައްސަލަތައް ދިމާވާ ކަމަށް ބައެއް މީހުން ވަނީ ޝަކުވާކޮށްފަ -- ފޮޓޯ: ފޯބްސް

އެޕަލްއިން މިދިޔަ މަހު ތައާރަފް ކުރި އައިއޯއެސް އަޕްޑޭޓްގެ ސަބަބުން ފޯނަށް ނެޓްވޯކް ލިބުމުގައި މައްސަލަތައް ދިމާވާ ކަމަށް ބުނެ، އައިފޯން ބޭނުން ކުރާ ގިނަ އަދަދެއްގެ މީހުން ޝަކުވާކޮށްފިއެވެ.

އައިއޯއެސް 14.7.1އާ ބެހޭ ގޮތުން އެޕަލް ކޮމިއުނިޓީ ފޯރަމްތަކާއި ޑެވެލޮޕާ ފޯރަމްތަކުގައި މީހުން ކޮށްފައިވާ ޝަކުވާތަކުގެ ތެރޭގައި ފޯނު އަޕްޑޭޓު ކުރުމުން "ނޯ ސާވިސް" އަރައި، ހިދުމަތްތަކަށް ބުރޫ އަރާ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ސޯޝަލް މީޑިއާ މެދުވެރިކޮށް ބައެއް މީހުން ބުނި ގޮތުގައި، އައިފޯން އަޕްޑޭޓު ކުރުމުން މިހާރު ފޯނުގެ ޗާޖު ދާ ސްޕީޑު ވަނީ އަވަސްވެފައެވެ.

އެ ޝަކުވާތައް ހުށަހަޅާފައިވާ މީހުންގެ ތެރޭގައި އައިފޯން 6އެސް އިން ފެށިގެން އެންމެ ފަހުގެ އައިފޯން 12 ބޭނުން ކުރާ މީހުންވެސް ހިމެނެއެވެ.

އައިފޯނުގެ ސޮފްޓްވެޔާ އަޕްޑޭޓު ކުރުމުން ބައެއް ފޯނުތަކުން މައްސަލަތައް ފާހަގަ ކުރެވުމަކީ އާއްމު ކަމެކެވެ. އަދި އެޕަލްއިން އާއްމު ގޮތެއްގައި އެފަދަ މައްސަލަތައް ވީހާވެސް އަވަހަކަށް ހައްލު ކުރެއެވެ.

އައިއޯއެސްގެ އާ އަޕްޑޭޓުގައި ބޮޑަށް އިސްކަން ދީފައި ވަނީ ސެކިއުރިޓީއާ ބެހޭ ބަދަލުތަކަކަށެވެ. އަދި އެންމެ މުހިއްމު ކަމަކަށް ފާހަގަކޮށްފައި ވަނީ، ޓަޗް އައިޑީ ހުންނަ އައިފޯން މޮޑެލްތަކުން 'އަންލޮކް ވިތު އައިފޯން' ފީޗާ ބޭނުން ކޮށްގެން، އެއާ ގުޅިފައިވާ އެޕަލް ވޮޗް ނުހުޅުވޭ މައްސަލަ ހައްލު ކުރުމަށެވެ.

comment ކޮމެންޓް