އާރްޑީސީގެ ވައްކަން: ފުލުހުން ބުނަނީ ސިޔާސީ ގުޅުމެއް ނެތްކަމަށް

އޯގަސްޓް 16، 2021: ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑިސީ)ގެ އޮފީސް ފަޅާލައި ވައްކަންކުުރުން -- ފޮޓޯ/ އާރްޑީސީ

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑިސީ)ގެ އޮފީސް ފަޅާލައި ވައްކަންކުރި މައްސަލައާ ސިޔާސީ އެއްވެސް ފަރާތަކާ ގުޅިފައިނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އާރްޑީސީގެ ވައްކަމާއި ގުޅިގެން ފުލުހުން އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ. އަދި މިހާތަނަށް ތަހުގީގަށް ފާހަގަކުރެވިފައިވާ ގޮތުން އެ މައްސަލަ އެއްވެސް ވަރަކަށް ސިޔާސީ ބަޔަކާ ގުޅިފައިވާކަމަށް ތަހުގީގަށް ފާހަގަކުރެވިފައިނުވާކަމަށެވެ.

އާރްޑީސީ ގެ އޮފީސް ފަަޅާލުމާ ގުޅިގެން އެ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) ވަނީ އެއީ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ އަމަލެއް ކަމުގައި ތުހުމަތު ކުރައްވާފައެވެ. އަދި އެ ކޯޕަރޭޝަނުގައި ވައްކަން ކުރާނެ އެއްވެސް މުވައްޒަފެއް ނޫޅޭނެކަމަށްވެސް ވިދާޅުވެފައެވެ.

މީގެކުރިން މޫކޭ "ސަން"އަށް ވިދާޅުވީ އާރުޑީސީއަށް ގެއްލުން ދިނުމަށް ޕީޕީއެމް އާއި ޕީއެންސީން ކުށުގެ ވެށްޓަށް ހުށަހެޅިފައިވާ ކުދިން ބޭނުން ކުރާ ކަމަށް އޭނާއަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެކަމުގައި ދެ ޕާޓީގެ އިސް މެމްބަރުންތަކެއް ބައިވެރިވާކަމުގެ މައުލޫމާތުވެސް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އަދި ހާމަކުރަން ބޭނުން ނުވާ ވަރަށް ގިނަ މައުލޫމާތު އެބަހުރި. އެއީ ޕީޕީއެމް ޕީއެންސީގެ ބައެއް އިސް ލެވެލްތަކުން މިކަމުގެ ތެރޭގަ ހަރަކާތްތެރިވާކަން. ހަމަ އެކަނި އާރުޑީސީއެއް ނޫން، ސަރުކާރުގެ ކުންފުނިތަކަށް އަމާޒުކޮށްގެން ކުށުގެ ވެށީގަ އުޅޭ ކުދިން ބޭނުންކޮށްގެން ހަރަކާތްތަކެއް ހިންގަން [އެމީހުން] އުޅޭކަން،" މޫކޭ ވިދާޅުވިއެވެ.

މޫކޭގެ ވާހަކަތަކާ ގުޅިގެން އިދިކޮޅު ކޯލިޝަނުން ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވަނީ ރައްދުދީފައެވެ. ޝުޖާއު ވިދާޅުވި ގޮތުގައި ވައްކަންކުރި މައްސަލައިގެ ފަހަތުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން އޮތްކަމަށް ތުހުމަތުކުރަނީ މިވަގުތު ސަރުކާރަށް ތާއިދުކުރާ އާންމުން ހިތްހަމަޖައްސަން ކަމަށާއި އެއީ އިދިކޮޅުން ކުރާކަމެއްނަމަ އެކަން އެ ކުރަނީ ކާކުތޯ ސީދާ ބުނުމަށް ވިދާޅުވެފައެވެ.

އާރްޑީސީގެ އޮފީސް ތިން ފަހަރެއްގެ މަތިން ވަނީ ފަޅާލައިފައެވެ. އެގޮތުން އޭޕްރިލް މަހުގެ ތެރޭ އެ އޮފީހުން ވައްކަންކުރި ބަޔަކު ވަނީ 100،000 އެއްހާ ރުފިޔާ ވަގަށް ނަގައިފައެވެ.

comment ކޮމެންޓް