ޑޯޓްމަންޑް ބަލިކޮށް ބަޔާނުން ސުޕަ ކަޕް ކާމިޔާބުކޮށްފި

ބަޔާން މިއުނިކުން ޖަރުމަނުގެ ސުޕަ ކަޕު އުފުލާލަނީ --- ފޮޓޯ//އޭޕީ

ޖަރުމަން ސުޕަ ކަޕުގައި އެންމެ ފަހުގެ ލީގު ޗެމްޕިއަން ބަޔާން މިއުނިކުން ވާދަވެރި ބުރޮޝިއާ ޑޯޓްމަންޑްގެ މައްޗަށް ކުރި ހޯދައިފިއެވެ.

ޑޯޓްމަންޑުގެ ދަނޑުގައި ރޭ ކުޅުނު މެޗުން ބަޔާން ކުރި ހޯދީ 1-3 ގެ ނަތީޖާއަކުންނެވެ. މި މެޗުން ލިބުނު މޮޅާ އެކު ބަޔާނުގެ އާ ކޯޗަކަށް މިފަހުން ހަމަޖެއްސި ޖޫލިއަން ނެގްލަސްމަންގެ ކޯޗުކަމުގައި އެ ޓީމުން އުފުފާލި ފުރަތަމަ ޓްރޮފީއަކަށް ސުޕަ ކަޕް ޓްރޮފީ ވަނީ ވެފައެވެ. ވޭތުވެ ދިޔަ ދެ ފަހަރުވެސް ސުޕަ ކަޕުގެ ކުރިމަތިލުމުގައި މި ދެ ޓީމު ވާދަކުރި އިރު ކުރި ހޯދީ ބަޔާނުންނެވެ.

ރޭގެ މެޗު ފަށައިގެން ކުރީކޮޅު ޑޯޓްމަންޑުގެ ކެޕްޓަން މާކޯ ރޮއިސްއަށް ވަނީ ގޯލު ޖަހާނެ ހުސް ފުރުސަތެއް ލިބި ނާކާމިޔާބު ވެފައެވެ. އެއަށްފަހު ބަޔާނުންވެސް ގިނަ ހަމަލާތަކެއް އުފެއްދި އިރު، އެ ޓީމަށް ޑޯޓްމަންޑުގެ ގޯލު ފޫދުއްވާލެވުނީ ފުރަތަމަ ހާފު ނިމެންދަނިކޮށް ރޮބާޓް ލެވަންޑޮސްކީ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.

ދެވަނަ ހާފު ފަށައިގެން ތޯމަސް މުލާގެ ގޯލުން ބަޔާން ލީޑު ފުޅާ ކުރި އިރު، ޑޯޓްމަންޑުން ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. މާކޯ ރޮއިސް ދުރުން ފޮނުވާލި ބާރު ހަމަލާއެއް ގޯލާ އަމާޒުކޮށްލައިގެން ޑޯޓްމަންޑަށް ހިތްވަރު ގެނެސްދިން ނަމަވެސް އޭގެ އިރުކޮޅެއް ފަހުން ލެވަންޑޮސްކީ ވަނީ އިތުރު ގޯލެއް ޖަހައި ބަޔާނަށް މެޗު ކާމިޔާބުކޮށްދީފައެވެ.

މިދިޔަ ސީޒަނުގައި 40 ލީގު ގޯލު ޖަހައި ލެވަންޑޮސްކީ ޖަރުމަނު ލީގުގެ ރެކޯޑް ހެދި އިރު، ކުރިން އެ ރެކޯޑް އޮތް ގާޑް މުލާ މީގެ ދެ ދުވަސް ކުރިން ވަނީ މަރުވެފައެވެ. ރޭގެ މެޗު ފެށުމުގެ ކުރިން ބަޔާނުގެ ކުޅުންތެރިން މުލާގެ ހަނދާނުގައި އޭނާގެ ޖާޒީ ދަނޑުގައި ވިހުރާލި އިރު، މުލާއަކީ އަދިވެސް ޖަރުމަނުގެ ގިނަ ރެކޯޑްތަކެއް އޮތް ފަރާތެކެވެ.

ރޭގެ ތަށްޓާ އެކު ބަޔާނުން ވަނީ މިހާތަނަށް ނުވަ ފަހަރު ސުޕަ ކަޕު ކާމިޔާބުކޮށްފައެވެ. އެ ޓީމާ އެންމެ ގާތުން ދެން ވާދަކުރާ ޑޮޓްމަންޑަށް އެ ތަށި ލިބިފައިވަނީ ހަ ފަހަރުއެވެ.

comment ކޮމެންޓް