މާލޭގެ ރޯޝަނީ މަގު ހެދުމުގެ މަސައްކަތް ފަށައިފި

މާލޭ ސްޓްރީޓް ސްކޭޕިން މަޝްރޫއުގެ ދަށުން ހެންވޭރު ރޯޝަނީ މަގު ހެދުމުގެ މަސައްކަތް މޭޔަރު މުހައްމަދު މުއިއްޒު ފައްޓަވާ ދެއްވަނީ -- ފޮޓޯ: އާރުޑީސީ

މާލޭ ސްޓްރީޓް ސްކޭޕިން މަޝްރޫއުގެ ދަށުން ހެންވޭރު ރޯޝަނީ މަގު ހެދުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)އިން ނެރުނު ބަޔާނެއްގައިވާ ގޮތުން މާލޭ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ފަށާފައިވާ މާލޭ ސްޓްރީޓް ސްކޭޕިން މަޝްރޫއުގެ ފުރަތަމަ ފިޔަވަހި މިހާރު ވަނީ ނިމިފައެވެ.

އެގޮތުން އެ ފިޔަވަހީގެ ދަށުން ފުރަތަމަ ހަދަން ފެށީ މާފަންނު ހުޅަނގު އުތުރުގެ މަގުތައް ކަމަށާއި މިހާރު އެ ސަރަހައްދުގެ ގިނަ މަގުތައް ހަދާ ނިމިފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.

އެ މަޝްރޫއުގެ ދެވަނަ ފިޔަވަހި ފެށުމުގެ މަސައްކަތް މިއަދު ފައްޓަވާ ދެއްވީ މާލޭ ސިޓީގެ މޭޔަރު މުހައްމަދު މުއިއްޒުއެވެ.

މާލޭ ސްޓްރީޓް ސްކޭޕިން މަޝްރޫއުގެ ދަށުން ކުރަން ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި ޕޭވްމެންޓުތައް ހެދުމާއި ޕާކިން އޭރިއާ ހެދުން ހިމެނެއެވެ. އަދި ޒަމާނީ ފެންވަރުގެ މަގު ބައްތި ހަރު ކުރުމާއި މަގުގައި ގަސް އިންދުމަށް ޕޮޓް ބެހެއްޓުން ހިމެނެއެވެ.

މީގެ އިތުރުން އެ މަޝްރޫއުގެ ދަށުން މަގުތައް ހަދާ އިރު މަގުތަކުގެ އަޑީގައި ވަޅުލާ ފެންހޮޅި އާއި ކޭބަލްތައް ވަޅުލާނީ ވަކި ނިޒާމެއްގެ ތެރެއިން ކަމަށާއި ފަހުން މަގުގެ އަޑީގައި މަސައްކަތް ކުރަން ޖެހުނަސް މަގު ކޮންނަން ނުޖެހޭނެ ކަމަށް އެ ބަޔާނުގައިވެއެވެ. އަދި މާލޭގެ މަގުތަކުގައި ހުރި ޑީވޯޓަރިން ހޮޅިތައް ނުވަތަ ފެން ހިންދާ ހޮޅިތައް އެ މަސައްކަތް ނިމޭ އިރު ހުންނާނީ މަގުގެ އަޑީގައި ކަމަށާއި މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލު ވެގެން ދާނެ ކަމަށްވެސް އާރުޑީސީން ބުންޏެވެ.

މާލޭ ސްޓްރީޓް ސްކޭޕިން މަޝްރޫއު ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި މުޅިން ނިންމާލެވޭނެ ކަމަށް ކުރިން ވަނީ ލަފާކޮށްފަ އެވެ. އެ މަޝްރޫއުގެ އަގަކީ 462 މިލިއަން ރުފިޔާ އެވެ.

comment ކޮމެންޓް