އެމެރިކާގެ އެދުމަށް، ޔުގަންޑާއިން އަފްގާނިސްތާނުގެ 2،000 ރެފިއުޖީން ގެންދަނީ

އަފްގާނިސްތާން ތާލިބާނުގެ އަތް ދަށަށް ދިޔުމުން އެގައުމުގެ ގިނަ އަދަދެއްގެ މީހުން ގައުމު ދޫކޮށް ދިޔުމަށް މަސައްކަތް ކުރަމުން -- ފޮޓޯ: އޭއެފްޕީ

ކަމްޕާލާ (އޮގަސްޓު 17): އަފްގާނިސްތާން ތާލިބާން ޖަމާއަތުގެ ބާރުގެ ދަށަށް ގެންދިޔުމާ ގުޅިގެން ހާލުގަ ޖެހުނު 2،000 ރެފިއުޖީއަކު ޔުގަންޑާއަށް ގެންދަން ނިންމާފައިވާކަން އެގައުމުން އިއުލާންކޮށްފިއެވެ.

ޔުގަންޑާގެ ސްޓޭޓް މިނިސްޓާ ފޯ ރިލީފް، ޑިޒާސްޓާ ޕްރިޕެޔާޑްނެސް އެންޑް ރެފިއުޖީސް، އެސްތާ އަންޔަކުން ވިދާޅުވި ގޮތުގައި އެގައުމަށް އަފްގާނިސްތާނުން މީހުން ގެންދަނީ އެމެރިކާއިން އެކަން ކޮށްދިނުމަށް އެދުމުންނެވެ. އަދި އެކަމަށް ރައީސް ޔޮވެރީ މުސެވޭނީ ރުހުން ދެއްވުމުންނެވެ.

"އެމެރިކާ ސަރުކާރުން އެމީހުން އެހެން ތަނަކަށް ބަދަލު ކުރަންދެން، އެމީހުން ވަގުތީ ގޮތުން ތިބޭނީ މިގައުމުގައި. އެއީ އެކަން ކޮށްދިނުމަށް ރައީސްގެ އަރިހުގައި އެމެރިކާގެ ސަރުކާރުން އެދުމުން. އިއްޔެ އަޅުގަނޑުމެން ވަނީ ތައްޔާރީތައް ފަށާފަ،" އަންޔަކުން ވިދާޅުވިއެވެ.

ޔުގަންޑާއަށް އަފްގާނިސްތާނުގެ 2،000 މީހަކު ގެންދަން ހަމަޖެހިފައި ވަނީ ފަހަރަކު 500 މީހުން ގެންގޮސްގެންނެވެ. އަދި އެމީހުން އެހެން ތަނަކަށް ބަދަލު ކުރަން ނަގާނީ ތިން މަސް ކަމަށް ޔުގަންޑާގެ ޑިޒާސްޓާ މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން އެމީހުންނާ ގުޅުން ހުރި ހުރިހާ ކަމަކަށް ހަރަދު ކުރާނީ އެމެރިކާ ސަރުކާރުންކަންވެސް ޔުގަންޑާއިން ފާހަގަކުރިއެވެ.

ޔުގަންޑާގެ އިތުރުން، އަލްބޭނިއާ އާއި ކޮސޯވޯއިންވެސް ދަނީ އެމެރިކާގެ އެދުމަށް އަފްގާނިސްތާނުގެ މީހުން ގެންދަމުންނެވެ.

މިދިޔަ އާދިއްތަ ދުވަހު ތާލިބާނުން އަފްގާނިސްތާނުގެ ވެރިރަށް ކާބުލްއަށް އެރުމާއެކު އެގައުމުގެ ސަރުކާރު ވަނީ ވެއްޓިފައެވެ. އަދި އެ ޖަމާއަތުން ކާބުލްއަށް އެރުމުގެ ތަންކޮޅެއް ކުރިން ރައީސް އަޝްރަފް ގަނީ ވަނީ އޭނާގެ އާއިލާއާއެކު ގައުމު ދޫކުރައްވާ ވަޑައިގެންފައެވެ.

comment ކޮމެންޓް