އީން އޮތް ވޯޑުގެ ދޮރު ހުޅުވައިލި ކާވިންގެ ދެލޯ ބޮޑުވިއެވެ. އެނދުގައި ފުރޮޅެމުން ދިޔައީ، އީންކަމަށް ގަބޫލު ކުރަންވެސް އޭނާއަށް އުނދަގޫ ވިއެވެ. ކާވިން ހީކުރީ، ދިމާވި ހާދިސާއަށްފަހު، އީންގެ ސިކުނޑިއަށް ގެއްލުމެއް ލިބުނީ ކަމަށެވެ. ކޮޓަރިއަށް ވަނުމުގެ ބަދަލުގައި އޭނާ އަވަސްވެގަތީ، ޑަކުޓަރަކު ހޯދަން ދިޔުމަށެވެ. ކައުންޓަރުގައި ތިބި ނަރުސް ކުދިންނާއި ހަމައަށް ދެވުނުއިރު، ހާސްވެގެން ކާވިންގެ ނިތްކުރިމަތީން ދާ ހިއްލާލައިފިއެވެ.

ނަރުސް ކުދިންނާއިއެކު، ކާވިން ގޮސް އީންގެ ކޮޓަރި ދޮރުމަތީގައި ހުއްޓުނެވެ. ދޮރު ހުޅުވައިލީ، ކާވިން އެވެ. އެވަގުތު އިވިގެން ދިޔައީ، އީން ރުޅި އައިސްފައި އެއްޗެއް ބުނި އަޑެވެ.

**********

އީން ހުރީ، އެނދުމަތީގައި ކޮޅަށެވެ. އެއް އަތުގައި ފޯނު އޮތްއިރު، އޭނާ ހުރީ، އަނެއް އަތުން ފޯނުގެ އިސްކްރީނުގައި ހިފައިގަނެގެންނެވެ. އީންގެ ބޮލުގެ އިސްތަށިގަނޑު ވަނީ، ހޭވިފައެވެ. ދޮރުމަތިން ދުރަށް ޖެހިލަން ވެސް ނޭނގިފައި ކާވިން ހުއްޓެވެ. ނަރުސް ކުދިން ވެސް ބޯދިއްކޮށްލާފައި ކޮޓަރިތެރެއަށް ބަލާލައިފިއެވެ.

ދޮރު ހުޅުވައިލި އަޑަށް އީން އެދިމާއަށް ބަލައިލިއެވެ. ދޮރުމަތީގައި ހުރި ކާވިން ފެނުމުން، ވަގުތުން އޭނާގެ ހަރަކާތް ހުއްޓިއްޖެއެވެ. އޭނައަށް އަވަސް ނަޒަރެއް ދެވުނީ އަތުގައި އޮތް ފޯނަށެވެ. އިސްކްރީން ފުރާލާފައި އެވަނީ ކާވިންގެ ތަސްވީރަކުންނެވެ. އެ ތަސްވީރުގައި އޭނަ ވަނީ ކުރަހާފައެވެ. އެކި ކުލައިން ކުލަ ޖައްސައި ހަޑިކޮށްފައެވެ. އީން އަވަހަށް ފޯނު ފުރަގަހަށްލައި ފޮރުވިއެވެ.

އީން ހުރި ހާލު ފެނުމުން، ކާވިންގެ އަތުގައި އޮތް ފިނިފެންމާ ދޫވިއެވެ. އޭނަ އީން އާއި ދިމާއަށް ދުއްވައިގަތީ، އީން ވެއްޓެން އުޅޭހެން ހީވުމުންނެވެ. އީންގެ ހިތް ތެޅިގަތީ، އޮބި ނޯންނަ ވަރަށެވެ. އޭނަ އަވަހަށް އެނދުން ފުންމާލައިގެން، ދުވެފައި ގޮސް ފާހާނާއަށް ވަނެވެ. ލަދުން ގޮސް އީންގެ މުޅި މޫނު ވަނީ، ރަތްވެފައެވެ. ދޮރުގައި ލެނގިލި ގޮތަށް އޭނައަށް ބޮޑުވައި އިނގިލީގެ ނިޔަފަތިގަނޑުގައި ދައިގަނެވުނެވެ.

ނަރުސްކުދިން ސިއްރުން ހޭތަން ފެނުމުން، ކާވިން އެކުދިންނާއި ދިމާއަށް ބަލައިލީ ދެބުމަ ކައިރިކޮށްލަމުންނެވެ. އީންގެ ހިމާޔަތުގައި ހުރި ކަހަލައެވެ. ނަރުސްކުދިން އަވަހަށް އެ ތަނުން ނުކުތެވެ. އީންއަށް ގޮވައިލަމުން، ފާޚާނާ އާއި ދިމާއަށް ހިނގައިގަތް ކާވިންގެ ފޯނު ރިންގުވާން ފެށިއެވެ. ގުޅީ، ނުދަންނަ ނަންބަރަކުންނެވެ. ބޭރަށް ނުކުމެ، ނަރުސް ކުދިންގެ ކައިރީގައި އީން ރަނގަޅަށް ބެލުމަށް އެދިފައި އޭނާ ކައުންޓަރުގެ ކައިރިން ދުރަށްޖެހިލިއެވެ.

ފޯނު ނަގައި ކަންފަތުގައި ޖައްސައިލި ކާވިންއަށް ފޯނު ދުރުކޮށްލެވުނީ، ފިރެހެނެއްގެ ބާރު އަޑު އިވުމުންނެވެ. އެމީހަކަށް ރޮވޭވަރުން، ރަނގަޅަށް ވާހަކަ ވެސް ނުދެއްކެއެވެ.

"އޮފިސަރ!... އަޅުގަނޑުގެ އަންހެނުން..." ފޯނުގެ އަނެއްކޮޅުން ވާހަކަ ދައްކަމުން ދިޔައީ، އިގްބާލެވެ.

ވީގޮތް އެނގުމުން، ކާވިންއަށް ކުއްލި ސިހުމެއް ލިބުނެވެ. އެންމެ ވަގުތުކޮޅަކުވެސް މަޑުކުރަން ނަހަދާ، ހަމްދޫނާ ބާއްވާފައި އޮތް ވޯޑާއި ދިމާއަށް އޭނަ ދުއްވައިގަތެވެ.

ކާވިން ގޮސް ވޯޑުގެ ދޮރު ހުޅުވައިލިއިރު، އިގްބާލު އިނީ މުށިތަކުގެ މަތީގައި ރޯށެވެ. ބޮލުގައި ދެއަތުން ތަޅަމުން، އަޑުން އަޑު ނަގާފައި އޭނަ ރޮމުން ދިޔައެވެ. އެނދުމަތީގައި އޮތް ހަމްދޫނާގެ ހަށިގަނޑުގެ ކައިރީގައި ޑަކުޓަރަކު ހުއްޓެވެ. ޑަކުޓަރުގެ މޫނުމަތިން ފެންނަމުން ދިޔައީ، ނުތަނަވަސް ކަމެވެ.

ހަމްދޫނާގެ ހަށިގަނޑު އޮތީ، ލެއިން ކަޅިވެފައެވެ. ތޫނު އެއްޗަކުން ހަމަލާދީ، މުޅި ހަށިގަނޑު ޒަޚަމު ކޮށްފައި ވިއެވެ. ހަށިގަނޑު ފެނުމާއިއެކު ވެސް، ފުރާނަ ނެތްކަން ކާވިންއަށް ކަށަވަރު ވިއެވެ. ކާވިންގެ ހިއްވަރު އެލުނެވެ. އެހާ ހާލުން ހަމްދޫނާގެ ހަށިގަނޑު ސަލާމަތްކުރުމުންވެސް ގާތިލު އޭނާ މަރާލީއެވެ. ތަހުގީގަށް ކުރިއެރުމެއް ލިބުމުގެ ބަދަލުގައި، އިތުރު ހަރުފަތެއް އަޑިއަށް ދިޔައީއެވެ.

ރޯން އިން އިގްބާލަށް ބަލައިލި ކާވިންއަށް ހިންދިރުވައިލެވުނެވެ. ރޮއެރޮއެފައި އިގްބާލު ދިޔައީ، އެކަން ކުރި މީހަކަށް ބަދު ދުޢާ ކުރަމުންނެވެ. ގާތް މީހަކު ނިޔައުވުމުން، އެ ކުރެވޭ އިހުސާސް އެންމެ ރަނގަޅަށް އެނގޭ އެކަކީ ހުދު ކާވިން އެވެ.

"އޮފިސަރ!...." ކާވިން ފެނުމުން އިގްބާލު ގޮވައިލީ މާޔޫސްކަމުން ފުރިފައިވާފަދަ ރާގަކަށެވެ. "އަޅުގަނޑުގެ އަންހެނުން..."

ކާވިން ގޮސް އިގްބާލުގެ ކޮނޑުގައި އަތް ޖައްސައިލިއެވެ. ހިއްވަރު ދިނުމުގެ ގޮތުން ބުނާނޭ އެއްޗެއް އޭނާގެ ދުލަކަށް ނައެވެ.

"މިކަން ކުރި މީހަކަށް ސަލާމަތަކުން ނުހުރެވޭނެ... އަހަރެން އެމީހަކު މަރާލާނަން..." އިގްބާލު ރޮއެރޮއެފައި ބުނަމުން ދިޔައެވެ.

ކާވިން ދެން ބަލައިލީ ޑަކުޓަރުގެ މޫނަށެވެ. ލޮލުގެ އިޝާރާތުން ވޯޑުން ބޭރުން ބައްދަލުކޮށްލުމަށް އޭނާ ޑަކުޓަރުގެ ކައިރީގައި އެދުނެވެ. ކާވިން ވޯޑުން ނުކުތީ، ފޮރިންސިކް ޓީމަށް ގުޅާފައި އެތަނަށް އައުމަށް އެދިފައެވެ.

"ޒަޚަމުތައް އެހާ ތާޒާއެއް ނޫން... ބޮޑަށް ބެލެވެނީ، މަރާލާފަ އެވަނީ، ރޭގެ ވަގުތެއްގަ ކަމަށް... މާޑަރ ކޭސްއެއް ވީމަ، އަޅުގަނޑު ވެސް މަތިމަތިން މި ބަލާލީ... އަޅުގަނޑު އައި އިރުވެސް، ޕޭޝަންޓްގެ ފުރާނައެއް ނެތް..." ޑަކުޓަރު ކަންބޮޑުވެފައި ބުންޏެވެ.

"މިވަރުގެ ބޮޑު ކަމެއް ހިނގާއިރު، ތަނުގެ ސްޓާފަކަށް ނޭނގުން ތީ ވަރަށް ދެރަކޮށް ވީ ކަމެއް... ވަރަށް ބޮޑު އިހުމާލެއް މީ..." ކާވިން ހުރީ ހިތްހަމަނުޖެހިފައެވެ. އެކަމަކު ހާލަތުގެ ގޮތުން، ކެތްތެރިކަން އިސްކުރެވޭތޯ އޭނާ ދިޔައީ މަސައްކަތް ކުރަމުންނެވެ.

"ލައްބަ... އަޅުގަނޑު ތިކަން ގަބޫލު ކުރަން..." ޑަކުޓަރު ހުރީ ކުށްވެރިއެއްހެން އިސްޖަހާލައިގެންނެވެ.

"އިއްޔެއިން ފެށިގެން ހޮސްޕިޓަލުގެ ހުރިހާ ސީސީޓީވީ ފުޓޭޖްތަކެއްގެ ރެކޯޑިން އަހަރެން ބޭނުން... އާނ!.... ރޭއްސުރެ ޑިއުޓީ އާ ހަވާލުވެ ތިބި، ސްޓާފުންގެ ލިސްޓެއް ވެސް ވަރަށް އަވަހަށް ލިބޭނެގޮތް ހަދައިދީ..." ކާވިން ވާހަކަ ދައްކަމުން ދިޔައިރު، އެ ނަޒަރު ދޭތެރެ ދޭތެރެއިން އިގްބާލަށް ހުއްޓެމުން ދިޔައެވެ.

"މިކަން، އިތުރު މީހަކަށް އެނގޭނެތަ؟..." ކާވިން ސުވާލު ކުރިއެވެ.

ޑަކުޓަރު އަވަސް އަވަހަށް ދެފަރާތަށް ބޯ ހޫރާލިއެވެ. ހަމްދޫނާ މަރާލާފައި އޮއްވާ އެންމެ ފުރަތަމަ ފެނުނީ އޭނައަށް ކަމުގައި ޑަކުޓަރު ބުންޏެވެ.

"އެންމެ ރަނގަޅު!... އަހަރެން ބުނަންދެން މިކަން ސިއްރެއްގެ ގޮތުގަ ބާއްވަދީ..." ފޯނު ނަގައި މެސެޖެއް ލިޔަމުން، ކާވިން ވާހަކަ ދެއްކިއެވެ.

********

އަސުރު ނަމާދު ކޮށްގެން އައިސް މެޔަށް ތަދުވާތީ، ރަޝީދު އޮތީ ނިދާފައެވެ. ރަޝީދަކީ، ޒުލޭހާގެ ފިރިމީހާ ނަސީމްގެ ބައްޕައެވެ. އޭނަގެ އަންހެނުން މޫމިނާ، އިލޮށި ފައްޗެއް ހިފައިގެން ގޭތެރެ ސާފުކުރަން އުޅުނެވެ. ރަޝީދަށް ހޭލެވުނީ، މޫމިނާ އައިސް ދެތިން ފަހަރަކު ގޮވި ފަހުންނެވެ.

ހަވީރު ސަޔަށް އިންސާފު ކުރުމުގެ ކުރިން، ރަޝީދު ދިޔައީ އޭނާގެ ދަރިފުޅު ނަސީމްގެ ކޮޓަރި އަށެވެ. ކޮޓަރި އޮތީ، އޭގެ ކުރީ ދުވަހު ވެސް އޮތް ގޮތަށެވެ. އެނދުގެ ބެޑްޝީޓުގައި އެންމެ ރޫކޮޅެއްވެސް ނެތެވެ. ބާލީސްތައް ހުރީ ތަރުތީބު ކޮށެވެ. ނަސީމް އުޅުނު ކަމުގެ އެއްވެސް ނިޝާނެއް ނެތެވެ. އާއްމުކޮށް، ނުވައެއް ނޫނީ ދިހައެއް ޖަހާއިރު ހޭލާ ނަސީމް މިއަދު ބޭރަށް ނުކުތް ތަން ނުފެންނަ ކަމަށް މޫމިނާ އޮތީ ބުނެފައެވެ. ދަންވަރު ގެއިން ނުކުމެގެން ހިނގައިދާނެއެކޭ ވެސް ރަޝީދުގެ ހިތެއް ނުބުންޏެވެ. އިރުކޮޅަކު ވިސްނައިލަން ހުރެފައި ރަޝީދު ގޮސް ވަނީ ކާގެ އަށެވެ. އޭރު މޫމިނާ ހުރީ، ސައިތައްޓެއް ގިރާށެވެ.

"މޫމިނާ!... އަދިވެސް ނަސީމްގެ ޚަބަރެއް ނުވަނީތަ؟... އެ ސޮރު ގެއަށް ނާންނަނީތަ؟..." ރަޝީދު ވާހަކަ ދެއްކީ، އުނދަގޫ ގޮތަކަށެވެ.

މޫމިނާ އެ ވާހަކަ އާއިމެދު ވިސްނައިލި ކަން އެނގުނީ އެއްދިމާއަކަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރުމުންނެވެ.

"އަހަންނަށް މި ހީވަނީ ރަނގަޅަށް ބާ؟... ރަށު ތެރޭ މިދައްކާ ވާހަކައިން އަހަރެން މިހުންނަނީ ލަދުން ގޭން ބޭރަށް ވެސް ނުކުންނަށް ނުކެރިފަ.." ފިކުރެއްގެ ފުން ކަނޑެއްގެ ތެރެއަށް ގެނބިފައި އިން ރަޝީދުގެ މޫނުން ފެނުނީ މާޔޫސް ކަމެވެ. "މޫމިނާ!... އަހަރެމެންގެ ދަރިފުޅު އެވަރުގެ ވިޔާނުދާ ކަމެއް ކޮށްފާނެހެން މޫމިނާއަށް ހީވޭތަ؟..."

ރަޝީދަށް ވިސްނުނު ގޮތުގައި ޒުލޭހާ އާއި ޒަހުރާގެ ފުރާނަ ދުއްވައިލުމަށްފަހު، ނަސީމް ފިލީއެވެ. އެކަމަކު މޫމިނާގެ ޚިޔާލު ތަފާތު ވިއެވެ. އޭނަ ހިތްހަމަނުޖެހިފައި ރަޝީދަށް ބަލައިލިއެވެ.

"ރަޝީދު ކީއްވެތަ އަބަދު ގޯސްކޮށް ތި ވިސްނަނީ؟... ނަސީމް ކޮން ކުށެއް ކޮށްގެންތަ އެ ކުއްޖާދެކެ އެހާ ވަރަށް ރުޅި އަންނަނީ؟... ރަޝީދު ބުނެބަލަ، ދުވަހަކުވެސް އޭނައާ ދޭތެރޭ ރަނގަޅަށް ވިސްނިންތަ؟... ކޮންމެ ކަމެއް ވާއިރަށް އަބަދު އަބަދު ތިގޮތަށް އެ ކުއްޖާއާ ދިމާއަށް ކިޔާކިޔާ އޭނަ ހުރެދާނެ ގެއަށް ވަންނަން ނުކެރިފަވެސް... ކިހިނެއް އެނގެނީ، އެ ޤާތިލު އެސޮރުގެ ދުވަސްވެސް..." ރޮވެން ފެށުމުން، މޫމިނާއަކަށް ވާހަކައެއް ނުދެއްކުނެވެ.

"މޫމިނާ..." މޫމިނާގެ ބުރަކަށީގައި ފިރުމައިލަމުން ރަޝީދު ގޮވައިލިއެވެ.

"އޭނަގެ ހިތަށް ހާދަ އަސަރެއް ކުރާނެއޭ..." މޫމިނާގެ މައިލަގޮނޑި ފަޅައިގެން ދިޔައެވެ.

ރޮއެރޮއެފައި އޭނަ އެދެމުން ދިޔައީ ފުލުހުންނަށް އެކަން އަންގައި ދިނުމަށެވެ.

***********

ކުއްލިގޮތަކަށް ނަސީމް ގެއްލުމާއި، ހަމްދޫނާގެ މަރުގެ ޚަބަރުން އީންއަށް ސިހުމެއް ލިބުނެވެ. ރޭގެ ހާދިސާ އާއި ހަމްދޫނާގެ މަރާއި ގުޅުމެއް ވެދާނެއޭ އޭނަގެ ހިތް ބުންޏެވެ. ހަސްފަތާލުން ދޫކޮށްލުމާއިއެކު، އީން ދިޔައީ، ފުލުހުންގެ އިދާރާ އަށެވެ. މައްސަލައިގެ ތަހުގީގުތައް ކުރިޔަށް ގެންދަންޖެހޭތީ، އަރާމު ކުރަން ދިޔުމުގެ ބަދަލުގައި އޭނަ ވެސް ހޯލުގައި މަޑުކޮށްލައިގެން އިނެވެ. އެހެން އިނދެ، ހަސްފަތާލުގެ ސީސީޓީވީ ފުޓޭޖްތައް ބަލަން ފެށިއެވެ. ޔުނާން އައިއިރު ވެސް އީން އިނީ އެ މަސައްކަތުގައެވެ. ލެޕްޓޮޕްގެ ތެރެއަށް ގޮސް ގެއްލިފައި އިން ވަރުން، މީހަކު އައިސް ފުރަގަހުގައި ހުއްޓުނު ކަންވެސް އީންއަކަށް ނޭނގެއެވެ.

އީންގެ ދެފަރާތުން ވާހެން، ދެއަތުން މޭޒުގައި ހިފަހައްޓާލަމުން މޭޒުމަތީގައި އިން ލެޕްޓޮޕާއި ދިމާއަށް ޔުނާން ގުދުވިއެވެ. ކަނދުރާ އާއި ދިމާއަށް އެޅިގެންދިޔަ ހޫނު ނޭވާގެ އިހުސާސާއިއެކު، އީން ތެޅިގަނެފައި، ތެދުވަން އުޅުނެވެ. އޭނަގެ ބޯ ގޮސް ޖެހުނީ، ޔުނާންގެ ދަތްދޮޅީގައެވެ.

"އައުޗް..." ވީ ތަދުން ޔުނާންއަށް އޭނަގެ ދަތްދޮޅީގައި ފިރުމައިލެވުނެވެ. ހަމަ އެހާ އަވަހަށް އީންގެ ދެކޮނޑުގައި ހިފައި، ގަދަކަމުން ކަހަލަ ގޮތަކަށް، ގޮނޑީގައި ބައިންދައިފިއެވެ.

"މިކުއްޖާޔާ އެކީ އުޅެންޏާ، ލިބިދާނެ ކޮންމެފަދަ ބޮނޑިއެއްވެސް... އަހަރެން އިސާހިތަކު މަރުވެދާނެ..." ޔުނާން ވާހަކަ ދެއްކީ، ލާނެތް ރާގަކަށެވެ. އޭނަގެ މަޤުސަދަކަށްވީ އީން އާއި ދިމާކޮށްލުމެވެ. އެ އަންހެން ކުއްޖާ ރުޅި އައިސް މޫނަށް އެ ޖައްސާލާ ވައްތަރުތަކުން ޔުނާންގެ ހިތަށް އުފާވެރިކަން ލިއްބައިދެއެވެ.

އީން ދެލޯ ހަނިކޮށްލަމުން މޫނު އުފުލައި، ޔުނާންގެ މޫނަށް ބަލައިލިއެވެ. ވަގުތަކީ ޔުނާންވެސް އީން އާއި ދިމާއަށް ކުޑަކޮށް ގުދުވެލި ވަގުތެވެ. ދެމީހުންގެ މޫނު އެކަކު އަނެކެއްގެ މޫނާއި ކައިރިވެފައިވީ، ނުރައްކާތެރި ދަރަޖައަކަށެވެ. އީން އަވަސް އަވަހަށް ލެޕްޓޮޕަށް ނަޒަރު ހުއްޓައިލިއެވެ.

ޔުނާން ހިނިއައިސްފައި އީންގެ މޫނަށް ބަލަން ހުއްޓެވެ. އީން ލަދުގަތުމުން، ދެކޯތާފަތް ރަތްވެގެންދާ މަންޒަރުން ޔުނާންގެ ހިތަށް ދިރުންގެނެސްދިނެވެ.

ލެޕްޓޮޕުން އަޅުވާފައިވާ ވީޑިޔޯއިން ފެންނަމުން ދިޔައީ، ހަސްފަތާލަށް ވަދެވެން ހުންނަ މައި ދޮރެވެ. ކަޅު ފޭރާމެއްގައި ހުރި މީހަކު ހަލުވި ފިޔަވަޅު ތަކެއްގައި ހަސްފަތާލުގެ ތެރެއަށް ވަންނަ ތަން ފެނުނެވެ. ޔުނާން އަށާއި އީންއަށް އިސްކްރީނުގައި އަތް ޖައްސައިލެވުނީ އެކުއެކީގައެވެ. ޔުނާންގެ އަތުގެ ބީހުން އިހުސާސް ކުރެވުމުން، އީން އަވަހަށް އަތް ދަމައިގަތެވެ. އަލުން އެ މީހާ އެތެރެއަށް ވަންނަ ހިސާބުން ވީޑިޔޯ އަޅުވައިލިއެވެ.

"ވެއިޓް... ހުއްޓަބަލަ..." ވީޑިޔޯއަށް އިޝާރާތް ކުރަމުން، ޔުނާންއަށް އެހެން ބުނެވުނީ ތަންކޮޅެއް ބާރަށެވެ.

އެއް ތަންކޮޅެއް ދެތިން ހަތަރު ފަހަރު ބެލި ނަމަވެސް، ކަޅު ފޭރާމުގައި ހުރީ ކާކު ކަން ޔުނާންއަށް އެނގޭ ވަރެއް ނުވިއެވެ. ތޮފި އަޅައި، އިސްޖަހައިގެން ހުރުމުން، އެ މީހެއްގެ މޫނު ފެންނަގޮތެއް ނުވިއެވެ. މަންޒަރު ކައިރި ކޮށްގެން ބެލުމުން ވެސް، ނުފެނުނެވެ.

ކާވިން އައީ އީންމެން އެހެން ތިއްބައެވެ. ދޮރު ހުޅުވާލުމާއިއެކު، ފެނުނު މަންޒަރުން ކާވިން ހުއްޓުން އެރިއެވެ. ޔުނާން އާއި އީން އެހާ ގައިގޯޅިކޮށް ތިބުމުން، ކާވިންގެ ހިތުގައި ހަސަދަވެރިކަން އުފެދިއްޖެއެވެ. އީން އާއި ދިމާއަށް އޭނަ ބަލައިލީ ޝަކުވާއިން ފުރިފައިވާފަދަ ނަޒަރަކުންނެވެ.

ކާވިން ފެނުމާއިއެކު، އީން ފުންމައިގެން ތެދުވިއެވެ. އެ ފަހަރު ވެސް އޭނަގެ ބޯ ޖެހުނީ، ގުުދުވެލައިގެން އޮތް ޔުނާންގެ ދަތްދޮޅީގައެވެ. ދަތްދޮޅީގައި އަތުން ފިރުމަމުން އީން އާއި ދިމާއަށް އެއްޗެއް ބުނަން ޔުނާން އުޅުނެވެ. ކާވިން ފެނުމާއިއެކު، ޔުނާން އަވަހަށް ގޮސް ގޮނޑީގައި އިށީނެވެ. އީން ހުރީ އިސްޖަހާލައިގެންނެވެ. ކާވިން ފެނުމުން އޭނާގެ ހަނދާނަށް އައީ، ހަސްފަތާލުގެ ހާދިސާއެވެ.

ތުހުމަތު ކުރެވޭ މީހުންނަށް ސުވާލު ކުރުމަށް ޚާއްސަކޮށްފައިވާ ކޮޓަރި ހަދާފައި ހުންނަނީ، ތަހުގީގު ހޯލުގެ ތެރެއިން ވަދެވޭ ގޮތަށެވެ. ހޯލުގައި ތިބޭއިރު، އެތަނުން ކަނޑާފައިވާ ބިއްލޫރިގަނޑުން، އެތެރެ ރީތިކޮށް ފެނެއެވެ. އެހެނަސް، އެތެރޭގައި ތިބޭ ބަޔަކަށް ހޯލުގެތެރެއެއް ނުފެންނާނެއެވެ.

"އީން، އައިސްބަލަ..." ތަހުގީގު ކޮޓަރި އާއި ދިމާއަށް ހިނގައި ގަންނަމުން ކާވިން ބުންޏެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު