އުރީދުއިން ހާއްސަ އިނާމުތަކާއެކު ރާއްޖޭގެ ރީތިކަން ޕްރޮމޯޓްކުރާ ކެމްޕެއިނެއް

އުރީދުއިން ހާއްސަ އިނާމުތަކާއެކު ރާއްޖޭގެ ރީތިކަން ޕްރޮމޯޓްކުރާ ކެމްޕެއިނެއް---

އުރީދޫ މޯލްޑިވްސް އާއި އޯކާ މީޑިއާ ގްރޫޕު ގުޅިގެން ސޯޝަލް މީޑިއާގައި ރާއްޖޭގެ ރީތިކަން ޕްރޮމޯޓުކުރުމުގެ ކެމްޕޭނެއް ކުރިއަށް ގެންދަން ފަށައިފިއެވެ.

އުރީދުއާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި ޓޫރިޒަމް މިނިސްޓްރީގެ އިތުރުން އޯކާ މީޑިއާ ގްރޫޕް ގުޅިގެން "ވިޒިޓް މޯލްޑިވްސް ނައު" ގެ ނަމުގައި މި ޑެސްޓިނޭޝަން މާކެޓިން ކެމްޕެއިން ފަށާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުއެވެ.

މި ކެމްޕެއިން މެދުވެރިކޮށް ދުނިޔޭގެ 10 ގައުމެއްގެ 117 މީހުންނާ ހަމައަށް ރާއްޖެ ޕްރޮމޯޓް ވެގެންދާނެ ކަމަށް އުރީދުއިން ބުންޏެވެ.

އެ ކެމްޕެއިންގެ ބައެއްގެ ގޮތުން އުރީދޫ މޯލްޑިވްސްއާއި އޯކާ މީޑިއާ ގްރޫޕުން ވަނީ ސޯޝަލް މީޑިއާގައި ކެމްޕެއިނެއް ފަށާފައެވެ. މި ކެމްޕެއިން މެދުވެރިކޮށް ރާއްޖޭގެ ރީތި ސަގާފަތާއި ހިތްގައިމު މަންޒަރުތައް ދައްކުވައިދޭ ޕޮޓޯ އާއި ވީޑިއޯ ހިއްސާކުރެވޭނެ ކަމަށް އުރީދޫ އިން ބުނެއެވެ.

މި ކެމްޕެއިންގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ބްރޭންޑް ވިޒިބިލިޓީ އިތުރުކުރުމާއި ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމެވެ.

އުރީދުއިން ބުނީ މި ކެންޕެއިންގައި ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރެގެންވެސް ފޮޓޯއާއި ވީޑިއޯ ހިއްސާކޮށްގެން ބައިވެރިވެވޭނެ ކަމަށެވެ. ފޮޓޯ އަދި ވީޑިއޯ ހިއްސާކުރަންޖެހޭނީ އެ މަހެއްގައި ކަނޑައަޅާފައިވާ ތީމަކަށް ކަމަށާއި، ފޮޓޯއާއި ވީޑިއޯ އަޕްލޯޑް ކުރާއިރު #ވިޒިޓްމޯލްޑިވްސް ޖަހަންޖެހޭނެ ކަމަށް އުރީދޫއިން ބުނެއެވެ.

މިކަމާ ގުޅޭގޮތުން އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ، ކޮވިޑް-19 ގައި ފަތުރުވެރިކަމުގެ ސިނާއަތައް ލިބުނު ގެއްލުމުގެ ސަބަބުން ގިނަ އާއިލާތަކަކަށް އޭގެ އަސަރުކޮށްފައިވާކަމަށެވެ. އެހެންކަމުން އުރީދޫ މޯލްޑިވްސްގެ އަމާޒަކީ އަލުން ފަތުރުވެރިކަން ކުރިއެރުވުންކަމަށް ނިޔާޒް ވިދާޅުވިއެވެ. މި ކެމްޕެއިންގެ ސަބަބުން ރާއްޖެ އިތުރަށް ބޭރުގެ މާކެޓްތަކުގައި އިޝްތިހާރުވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

މި ކެންޕެއިން ފަށާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. އަދި ކެންޕެއިން ކުރިއަށްދާނީ ފަސް މަސްދުވަހަށް ކަމަށް އުރީދުއިން ބުންޏެވެ. އެއީ އަންނަ ޑިސެމްބަރ މަހާ ހަމައަށެވެ.

ކޮންމެ މަހަކުވެސް ވަކި ތީމްއަކާއި ހާއްސަ އިނާމުތަކެއް ކަނޑައަޅާނެއެވެ. ކޮންމެ ފޮޓޯއަކާއި ވީޑިއޯއެއްވެސް ގުނާނީ ވަކި ވަކިންނެވެ. އެހެންކަމުން ގިނަ ފޮޓޯ އަދި ވީޑިއޯ ފޮނުވާ ފަރާތަކަށް އިނާމު ލިބުމުގެ ފުރުސަތު އިތުރުވެގެންދާނެ ކަމަށް އުރީދުއިން ބުނެއެވެ.

އިނާމު ލިބޭ ފަރާތެއް ކަނޑައަޅާނީ ކޮންމެ މަހެއް ނިމުމުން ބާއްވާ ލަކީޑްރޯއަކުންނެވެ. ފުރަތަމަ މަހުގެ ތީމަކީ ރާއްޖޭގެ ސަގާފަތާއި އާދަކާދައެވެ. އެހެންކަމުން ރާއްޖޭގެ ކެއިންބުއިންތަކާއި، ދިވެހިންގެ އަތްތެރި މަސައްކަތްތަކާއި، ސަގާފަތް ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ފޮނުވޭނެއެވެ.

ލަކީޑްރޯއިން ހޮވޭ ފަރާތަކަށް ވ. ކެޔޮދޫ ޖުޕިޓަރ ސަންރައިޒް ގައި ދެ މީހަކަށް ދެ ދުވަހުގެ ހުރުމެއް ލިބޭނެ ކަމަށް އުރީދުއިން ބުންޏެވެ،

comment ކޮމެންޓް