މާޒިޔާ އޮތީ ތައްޔާރަށް، ބޭނުންވަނީ މޮޅަކުން ފަށަން

އޭއެފްސީ ކަޕް ޕްރެސް ކޮންފަރެންސްގެ ތެރެއިން މާޒިޔާ ކޯޗު ރިސްޓޯ ވިޑަކޮވިޗް--- ސަން ފޮޓޯ: ފަޔާޒު މޫސާ

މާދަމާ މާލޭގައި ފަށާ އޭއެފްސީ ކަޕް ދެކުނު އޭޝިއާ ގްރޫޕުގެ ފުރަތަމަ މެޗުން ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަން ކުލަބް ބޭނުން ވަނީ މޮޅަކާއެކު ކުރިއަށް ދާން ކަމަށް އެޓީމުގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ) ބުނެފިއެވެ.

ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރަ ކިންގްސްއާ ދެކޮޅަށް ނިކުންނަ މެޗުގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން އަސަދުﷲ ބުނީ މިހާރު ރާއްޖެ ތަމްސީލު ކުރާ ހަމައެކަނި ޓީމަކީ މާޒިޔާ ކަމަށާއި ދިވެހި ގައުމު ފަހުރުވެރި ވާފަދަ ނަތީޖާއެއް ނެރެން ބޭނުންވާ ކަމަށެވެ.

އަސަދުﷲ ބުނީ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗު ވަރަށް މުހިންމު ކަމަށާއި މޮޅަކާއެކު ކުރިއަށް ދާން ބޭނުންވާ ކަމަށެވެ.

"ގްރޫޕުގެ ފުރަތަމަ މެޗުން ރަނގަޅު ނަތީޖާއެއް ނެރުން މުހިންމު. ހުރިހާ ޓީމެއްވެސް ވަރުގަދަ," އަސަދުﷲ ބުންޏެވެ.

ޕްރެސްގައި ވާހަކަ ދައްކަމުން މާޒިޔާގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް ބުނީ ބަޝުންދަރަ ގްރޫޕް ސްޓޭޖަށް ނިކުންނަނީ ވާދަވެރި ގިނަ މެޗުތަކެއް ބަންގްލަދޭޝް ލީގުގައި ކުޅުމަށްފަހުކަމަށް އަދި އެއީ އެޓީމަށް ލިބޭނެ އެޑްވާންޓޭޖެއް ކަމަށެވެ.

ބަޝުންދަރަ ޓީމުގެ ކުޅުމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ރިސްޓޯ ވިޑަކޮވިޗް ބުނީ އެޓީމުގެ ކުޅުން ކޮންމެވެސް ވަރަކަށް އެނގޭ ކަމަށާއި ނަމަވެސް އެޓީމުގެ އަސްލު ކުޅުން އެނަލައިޒް ނުކުރެވޭ ކަމަށެވެ.

"ބައެއް ފަހަރު ބޮޑު ބޯޅަ ކުޅޭ. ތިރިން ކުޅެން އުޅޭ ތަންވެސް ފެނޭ. ބަންގްލަދޭޝް ބައެއް ދަނޑުތަކުގެ ހާލަތު ގޯސްވުމުން ކަމަށް ވެދާނެ ބޮޑު ބޯޅަ ޖަހަނީ. ބަންގްލަދޭޝް ބައެއް ދަނޑުތަކުގެ ވިނަގަނޑު ވަރަށް ފެންވަރު ދަށް،" ވިޑަކޮވިޗް ބުންޏެވެ.

ބަޝުންދަރަ ޓީމުގެ ކޯޗު އޮސްކާ ބްރުޒޯންގެ ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި އޭނާގެ ޓީމުގެ ކުޅުމުގެ ވައްޓަފާޅި ބިނާ ކުރާނެ ގޮތް އެނގޭ ކަމަށް ވިޑަކޮވިޗް ބުންޏެވެ. އިތުރަށް ވާހަކަ ދައްކަމުން ވިޑަކޮވިޗް ބުނީ ދެ ޓީމުގެ ކުޅުންވެސް ބިނާ ވާނީ އެޓޭކިން ކުޅުމަށް ކަމަށާއި ފޯރިގަދަ މެޗެއް ފެނިގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

ފާއިތުވެދިޔަ އަހަރު ތަކުގައި މާޒިޔާއިން ވަނީ ރަނގަޅު ކުޅުމެއް އޭއެފްސީ ކަޕުގައިި ދައްކާފައެވެ. ނަމަވެސް ގްރޫޕް ސްޓޭޖު ފަހަނަ އަޅައި އެޓީމަށް އަދި ނުދެވެއެވެ. މާޒިޔާގެ ކޯޗު ވިޑަކޮވިޗް ބުނީ މާޒިޔާގެ ކުޅުންތެރިން ތިބީ ތައްޔާރަށް ކަމަށާއި މުބާރާތުގައި އެޓީމު ދާން ބޭނުންވާ ހިސާބަށް ދެވޭނެ ކަމުގެ އިތުބާރު އެބައޮތް ކަމަށެވެ.

comment ކޮމެންޓް