ރާއްޖެ ސޮވެރިން ޑިފޯލްޓަކަށް ނުދާނެ: އަމީރު

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ދިވެހިރާއްޖެއިން ނަގާފައިވާ ލޯނުތައް ނުދެއްކި ގައުމު ސޮވެރިން ޑިފޯލްޓަކަށް ނުދާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރޭ ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިހާރު އެކި ފަރާތްތަކުން ދައްކަމުން އަންނަ ވާހަކައަކީ ހަގީގަތާ ހިލާފު ވާހަކަތަކެއްކަމަށެވެ.

"މިހާރު އެކި ފަރާތްތަކުން ދައްކަމުން އަންނަ ވާހަކައަކީ އަޅުގަނޑުމެން ކުރާ މަސައްކަތުގެ އޮފު ކަނޑުވާލަން ދައްކަމުން އަންނަ ވާހަކައެއް،" އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ ދައުލަތުން އިންވެސްޓަރުން ހޯދަން މަސައްކަތްކުރާއިރު ކޮންމެ އިންވެސްޓަރަކުވެސް ބަލާނީ ދައުލަތުގެ މާލީ ސިޔާސަތުތަކުގެ ހަރުދާނާކަމަށް ކަމަށެވެ.

"އިންވެސްޓަރުން ބަލާނީ ރާއްޖޭގެ އިގްތިސާދު ޕާފޯމްކުރަމުން ގެންދަނީ ކިހިނަކުންތޯ، އަޅުގަނޑުމެންގެ ދަރަނީގެ ހާލަތު ހުރީ ކިހިނަކުންތޯ، އަޅުގަނޑުމެންގެ ޑެފިސިޓު ހުރީ ކިހިނަކުންތޯ. މި ކަންތައްތަކަށް ބަލާފަ އިންވެސްޓަރުން ނިންމާނީ ރާއްޖެއަށް އިންވެސްޓުކުރާނެތޯ،" އަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން އަމީރު ވިދާޅުވީ ރާއްޖެއިން ސޮވެރިން ޑިފޯލްޓަކަށް ގޮއްސި ހާލަތެއްގައިވެސް ދައުލަތުން ފައިސާ ދެއްކުމަކީ މަޖުބޫރުކަމެއްކަމަށެވެ.

"ޑިފޯލްޓަކަށް ގޮއްސިޔާ ކޮންމެސް ގޮތަކަށް އެ ދައްކަންޖެހޭނީ ދައުލަތަށް ލިބޭ އާމްދަނީ އިން. އެކަހަލަ ކަމެއް މިހާތަނަށް ރާއްޖޭގެ ދިގު ތާރީހުގައި ވެފައެއް ނެތް. ބަރާބަރަށް ދަރަނި ސާވިސްކުރެވެމުން ދެވޭ އަޅުގަނޑުމެންނަށް،" އަމީރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީރު ވަނީ މީގެ ކުރިން ސަރުކާރުގެ މާލީ ސިޔާސަތުތަކަކީ ހަރުދަނާ ސިޔާސަތުތަކެއްކަމަށް ވިދާޅުވެފައެވެ. އަދި ކުރީގެ ސަރުކާރުތަކުގައިވެސް ޑިފޯލްޓްއަކަށް ނުދާތީވެ، މި ސަރުކާރުގައިވެސް އެގޮތަށް ކަންތައްވެގެންނުދާނޭކަމަށް ގަބޫލުކުރައްވާކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.

comment ކޮމެންޓް