ދައުލަތުގެ އެއްވެސް މުދަލެއް ރަހުނެއް ނުކުރޭ: އަމީރު

ފެބްރުއަރީ 21، 2021: ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދައުލަތުގެ އެއްވެސް މުދަލެއް ނުވަތަ އިމާރާތެއް ރަހުނުކޮށްފައި ނުވާނެކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ރޭ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ ދައުލަތުގެ މުދާތައް ރަހުނުކުރާކަމަށް ބުނެ ވަރަށް ގިނަ ފަރާތްތަކަކުން ސިޔާސީ ގޮތުން ހަގީގަތެއް ނެތް ވާހަކަތައް ފަތުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑު ހަމަ ވަރަށް ސާފުކޮށް ހުރިހާ ދިވެހި ރައްޔިތުންނަށް ދަންނަވަން އަޅުގަނޑުމެންގެ ވިސްނުމެއް ނެތް ހަގީގަތުގައި ރާއްޖޭގެ އެސެޓްސް ރަހުނުކޮށްގެން ދަރަންޏަށް ފައިސާ ނަގާކަށް،" އަަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ ދައުލަތަށް ފައިސާ ހޯދުމުގެ ގޮތުން ވަރަށް ގިނަ ގޮތްގޮތުން މަސައްކަތްކުރާކަމަށެވެ.

"ހަރަދު ބޮޑުވަންޏާ ކޮންމެ ގޮތެއްވިޔަސް ފައިނޭންސިން ގެޕް އަޅުގަނޑުމެން ފިލްކުރަން ޖެހޭ. ފައިނޭންސިން ގެޕް އަޅުގަނޑުމެން މި ފިލްކުރަނީ އަޅުގަނޑުމެން ފަންޑު ބޭރުން ހޯދައިގެން. ފަންޑްސް ހޯދުމުގައި މި އޮންނަނީ ހިލޭ އެހީ ހޯދުމާއި، ނޫނީ މާކެޓަށް ގޮސްގެން ފަންޑްސް ރެއިޒް ކުރުން،" އަމީރު ވިދާޅުވިއެވެ.

އަމީރު އިތުރަށް ވިދާޅުވީ ދައުލަތަށް ފައިސާ ހޯދާއިރު މުދާ ރަހުނުކޮށްގެންވެސް ފައިސާ ހޯދިދާނެކަމަށެވެ. އެކަމަކު އެއީ އެއްވެސް ސަރުކާރަކުން ކޮށްފައިވާކަމެއް ނޫންކަމަށެވެ.

"ސުކޫކު ވިއްކައިގެން ފައިނޭންސް ހޯދިޔަސް އަޅުގަަނޑުމެންގެ އެއްވެސް ވިސްނުމެއް ނޫން ރަހުނުކޮށްގެން ފައިސާ ހޯދުމަކީ،" އަމީރު ވިދާޅުވިއެވެ.

ދައުލަތުގެ އެއްވެސް ހަރު މުދަލެއް ރަހުނުކޮށްފައިނުވާކަމަށް މިނިސްޓަރު އަމީރު ވިދާޅުވެފައިވާއިރު، މާލޭގެ ބައެއް ސްކޫލްތަކާއި ދައުލަތުގެ ބައެއް އިމާރާތްތައް ރަހުނުކޮށްފައިވާކަމުގެ އަޑުތައް އަންނަނީ ފެތުރެމުންނެވެ.

comment ކޮމެންޓް