ފަތުރުވެރިން ތަކަކަށް އޮޅުވާލައިގެން ރާއްޖެ ގެނެސް، މަގުމަތިކޮށްލި މީހާ ހައްޔަރަށް

ޝަހީދު ހުސައިން އާދަމް ބިލްޑިން ---- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

ފަސް ތަރީގެ ހޮޓަލެއްގެ ނަމުގައި ބުކިން ހައްދައިދީ, އޮޅުވާލައިގެން ރާއްޖެއަށް ގެނައި ފަތުރުވެރިންތަކެއް މަގުމަތިވީ މައްސަލައިގައި މީހަކު ހައްޔަރު ކޮށްފިއެވެ.

ރޭގެ ވަގުތެއްގައި އޮޅުވާލައިގެން ރާއްޖެ ގެނައި ފަތުރުވެރިންތަކެއް މަގުމަތިވެފައިވާކަމުގެ މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ވިދާޅުވީ އޮޅުވާލައިގެން ސައްހަ ނޫން ހޮޓެލް ބުކިން ތަކެއް ދިނުމުގެ ސަބަބުން މަގުމަތިވި 27 ފަތުރުވެރިއެއްގެ މައްސަލާގައި ޝާމިލުވާ ކަމަށް ތުހުމަތު ކުރެވޭ ބިދޭސީއެއް، އިމިގްރޭޝަނާ ފުލުހުން ގުޅިގެން ރޭ ހިންގި އޮޕަރޭޝަނެއްގައި ރޭ މެންދަމު 2:00 ހާއިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.

ހާލުގައި ޖެހުނު ފަތުރުވެރިންގެ ތެރެއިން ޖުމުލަ 27 މީހުން ތިބިއިރު އޭގެ ތެރޭގައި 13 ކުޑަކުދިން ހިމެނެއެވެ. އަދި އެއް އަހަރާއި 10 އަހަރާ ދެމެދުގެ ކުޑަކުދިންވެސް ތިއްބެވެ.

ހާލުގައި ޖެހުނު ފަތުރުވެރިން ރޭ ދަންވަރު 1 ޖެހިއިރުވެސް ތިބީ ވަންނާނެ ތަނެއް ނެތި މަގުމަތީގައެވެ.

ހަނަފީ ވިދާޅުވީ އަންހެނުންނާއި ކުޑަކުދިންވެސް ހިމެނޭ މި ފަތުރުވެރިންގެ ގްރޫޕަށް އިމިގްރޭޝަނާއި ފުލުންހުންނާއި ރެޑްކެރެސެންޓުގެ އިތުރުން ހެޔޮއެދޭ ފަރާތްތައް ގުޅިގެން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

އެމީހުން މިހާރު ވަނީ އެފްއޭއެމްގެ އެކަމަޑޭޝަން ބްލޮކަށް ބަދަލުކޮށްފައެވެ.

އޮޅުވާލައިގެން ރާއްޖެއަށް ޓޫރިސްޓުންތަކެއް ގެނެސް އެ މީހުން މަގުމަތިކުރުމަކީ ހިއުމަން ޓްރެފިކިން އަމަލެއްކަން ފާހަގަކުރައްވައި ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމްވެސް މިއަދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

comment ކޮމެންޓް