ޓީމުތަށް ވަރުގަދަ، ފުރަތަމަ މެޗުން މޮޅުވުން މުހިންމު: އޮސްކާ

އޮސްކާ ބްރުޒޯން ބަޝުންދަރަ ކިންގްސްގެ އޮފިޝަލުންނާއެކު ފަރިތަކުރުމެއްގެ ތެރެއިން--- ފޮޓޯ: އޭއެފްސީ

އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖުގެ ދެކުނު އޭޝިއާ ގްރޫޕުގެ މެޗުތައް އުނދގޫ ވާނެ ކަމަށާއި ވާދަވެރިކަން ބޮޑުވާނެ ކަމަށް ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރަ ކިންގްސްގެ ކޯޗު އޮސްކާ ބުރުޒޯން ބުނެފިއެވެ.

ފަސޭހަ ކަމާއެކު މިދިޔަ ހަފުތާގައި ބަންގްލަދޭޝްގެ ލީގު ބަޝުންދަރައިން ދިފާއު ކުރި ނަމަވެސް އޮސްކާ ގަބޫލު ކުރާ ގޮތުގައި ބަންގްލަދޭޝް ލީގުގައި ކުޅޭ ޓީމުތަކަށްވުރެ އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާ ގްރޫޕްގެ ޓީމުތައް ވަރުގަދައެވެ.

"ގްރޫޕުގެ ކޮންމެ ޓީމަކަށްވެސް އުނދަގޫވާނެ. ފޭވަރިޓެއް ނެތް މިގްރޫޕުގައި. ހުރިޙާ ޓީމެއްވެސް އެއްވަރު. މޮޅަކާއެކު ގްރޫޕް ސްޓޭޖު ފެށުން މުހިންމު،" އޮސްކާ ބުންޏެވެ.

ގްރޫޕުގައި ހިމެނޭ ޓީމުތަކާ މެދު އޮސްކާ ބުނީ މާޒިޔާ އަކީ ވަރަށް ތަފާތު ޓީމެއް ކަމަށާއި އެޓީމުގެ ކުޅުން އަވަސްކަމަށެވެ.

"މާޒިޔާ ވަރަށް ޑައިނަމިކް ފާސްޓު ޓީމެއް. އެޓީމު ފެންނަނީ ތަފާތުކޮށް. އަވަސް ގޭމެއްގައި ކުޅެނީ،" ދިވެހި ޗެމްޕިއަނުންގެ ކުޅުމާ މެދު އޮސްކާ ބުންޏެވެ.

މޮހަން ބަގާން އަކީ ޓީމެއްގެ ގޮތުގައި ކުޅެ ވަރުގަދައަށް ޑިފެންސް ކުރާ ޓީމެއް ކަމަށާއި އެޓީމު ބަލިކުރަން އުނދަގޫ ވާނެކަމަށް އޮސްކާ ބުންޏެވެ.

ބެންގަލޫރު އާ ކޯޗާއެކު ފެންނަނީ ކުރިން ބޯޅަ ހޯދަން މަސައްކަތް ކުރާތަން ކަމަށާއި ބޯޅަ ހިފަހައްޓައިގެން އެޓީމާ ދެކޮޅަށް ކުޅެން ދަތި ވާނެކަމަށް އޮސްކާ ބުންޏެވެ.

"މޮހަން ބަގާން ޔުނިޓެއް ގޮތުގައި ވަރުގަދަ. އެޓީމުކޮޅަށް ލަނޑު ޖަހަން އުނދަގޫވާނެ. ބެންގަލޫރު އާ ކޯޗާއެކު ފެންނަނީ ވަރަށް ހައި ލައިން ޕްރެސްއެއްގައި ކުޅެން އުޅޭތަން. ބޯޅަ ހިފަހައްޓައިގެން ކުޅެން ފަސޭހައެއް ނުވާނެ." ގްރޫޕުގައި ހިމެނޭ އިންޑިއާ ދެޓީމާ ގުޅޭ ގޮތުން އޮސްކާ ބުންޏެވެ.

ބަޝުންދަރައިންގެ ކުޅުން ބިނާކުރަން ބޭނުންވަނީ މެޗުގެ ކޮންޓްރޯލް ހޯދައިގެން ކުޅުމައް ކަމަށާއި ނަމަވެސް މެޗުގެ ހާލަތައް ބަލައި ކުޅުން ބަދަލުކުރެވޭ ފަދަ ގޮތަކަށް ޓީމު ބައްޓަން ވެފައިވާކަމަށް އޮސްކާ ބުންޏެވެ.

ބިދޭސީ ފޯވާޑް ލައިނަކަށް ބަރޯސާވެގެން ކުޅޭ ބަޝުންދަރަ ޓީމުގެ ތަފާތަކީ އެޓީމުގެ ދެކުނު އެމެރިކާ ކުޅުންތެރިންނެވެ. ބްރެޒިލްގެ އެޓޭކިން މިޑްފިލްޑަރަކާ ފޯވާޑެއް ބަޝުންދަރަ ޓީމުގައި ހިމެނެއެވެ. އެޓީމަށް ގޯލުތައް ޖަހައިދިނުމަށް އޮސްކާ ބަރޯސާ ވަނީ ބްރެޒިލް ފޯވާޑް ރޮބީނިއޯ އެޒެވޭޑޯ އަދި ޗިލީ ފޯވާޑް ރައުލް ބެކޭރާއަށެވެ.

ބަންގްލަދޭޝް ޕްރިމިއާ ލީގުގައި ރޮބީނިއޯ ވަނީ ކުޅުނު 22 މެޗުން 19 ގޯލު ޖަހާފައެވެ. ޗިލީ ފޯވާޑް ރައުލް ބެކޭރާ ވަނީ 18 މެޗު ކުޅެ 17 ލަނޑު ޖަހާފައެވެ.

ބަޝުންދަރަ ކިންގްސްއަކީ ބަންގްލަދޭޝްގެ ވަރުގަދަ ވިޔަފާރިވެރިޔާ އަހްމަދު އަކްބަރު ސޮބްހާންގެ ޓީމެކެވެ. ބަންގްލަދޭޝްގެ ފުރަތަމ ޑިވިޝަނަށް ބަޝުންދަރަ ޕްރޮމޯޓް ވުމާއެކު ސޮބްހާން ވަނީ ބޮޑެތި ހަރަދުރަކެއްކޮށްފައެވެ.

ކުރީގެ ނިއު ރޭޑިއަންޓުގެ ކޯޗު އޮސްކާ ބްރޫޒޯން ބަޝުންދަރަގެ ކޯޗަކަށް ހަމަޖައްސައި އެޓީމުން ވަނީ ބަންގްލަދޭޝް ފުޓުބޯޅައިގެ ޒަމާންވީ ގަދަބާރުތައް ފަހަތަށް ޖައްސާފައެވެ.

2018 އަދި 2020 ވަނައަހަރުވެސް ލީގު ހޯދާފައިވާނީ ބަޝުންދަރަ އެވެ. 2019 ވަނަ އަހަރު ބަންގްލަދޭޝްގެ ކޮވިޑް-19ގެ ހާލަތު ގޯސްވެ ލީގު ކެންސަލްކޮށްލިއިރުވެސް އެއްވަނައިގައި އޮތީ އެޓީމެވެ.

comment ކޮމެންޓް