ނަޝީދަށް ދިން ހަމަލާގެ މައްސަލަ ބަލަން ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލައިފި

ފެބްރުއަރީ 15، 2021: ކްރިމިނަލް ކޯޓު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ މެއި ހަވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްގެން ދިން ބޮމުގެ ހަމަލާއާ ގުޅިގެން ދައުލަތުން ދައުވާ އުފުލާފައިވާ ހަތަރު މީހުންގެ މައްސަލަ ބެލުމަށް ކްރިމިނަލް ކޯޓުން ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލައިފިއެވެ.

"ސަން" އާ ވާހަކަ ދައްކަވަމުން ކްރިމިނަލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ ރައީސް ނަޝީދަށް އަމާޒުކޮށްގެން ދިން ހަމަލާގެ ޝަރީއަތް ކުރިއަށް ގެންދިޔުމަށް ތިން ފަނޑިޔާރުންގެ ބެއްޗެއް އެކުލަވަލާފައިވާ ކަމަށެވެ.

އޮނަހިރި އަދަދެއްގެ ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލުމަކީ ކޯޓުތަަކުގެ ގާނޫނުގެ ދަށުން ކްރިމިނަލް ކޯޓަށް ހުށަހެޅޭ މައްސަލައެއްގެ ޒާތަށާއި ބާވަތަށާއި މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ބަލާ ކްރިމިނަލް ކޯޓުގެ އިސްގާޒީއަށް ލިބިގެންވާ އިހްތިޔާރެކެވެ. ކްރިމިނަލް ކޯޓުގެ އިސްގާޒީ އަކީ އަހްމަދު ޝަކީލްއެވެ.

ނަމަވެސް އެ މައްސަލަ ބެލުމަށް ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލީ ގާނޫނުގައި ބުނާ ކޮން ކަމަކަށް ބެލުމަށްފަހު ކަމެއް ކޯޓުން ނުބުނެއެވެ.

މެއި ހަވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށްގެން ދިން ހަމަލާއާ ގުޅިގެން ފުލުހުން ދައުވާ ކުރުމަށް ފަސް މީހެއްގެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައިވެއެވެ.

އޭގެތެރެއިން ހަތަރު މީހެއްގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ.

ދައުވާ އުފުލާފައިވަނީ:

  • އަދުހަމް އަހުމަދު ރަޝީދު، ވ. ތިނަދޫ، ހިޔާ
  • މުޖާޒް އަހްމަދު، މއ. ފޭރުގެ
  • ތަހުމީން އަހްމަދު، ގއ. ގޮނޑޭ، ފޮޅޭމާ
  • އަލީ ހައިޝަމް، ނ. މަނަދޫ، ނޫރީގެ

އެ މައްސަލައިގައި ތުހުމަތު ކުރެވުނު ލ. ގަން، ދުންފިނިއުފާ، އަހްމަދު ފާތިހާ ދެކޮޅަށް އެކަށީގެންވާ ހެކި ނެތުމުން އޭނާގެ މައްޗަށް ދައުވާ ނުކުރަން ވަނީ ނިންމާފައެވެ.

comment ކޮމެންޓް