ރޭ މަގުމަތިވި ފަތުރުވެރިންނަށް އެހީވެދެއްވުމުގައި އިސްކޮށް މިނިސްޓަރު މަހްލޫފް

ނޮވެމްބަރ 9، 2020: މިނިސްޓަރު މަހުލޫފް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހޮޓަލެއްގެ ނަމުގައި ބުކިން ހައްދައިދީ, އޮޅުވާލައިގެން ރާއްޖެއަށް ގެނައި ފަތުރުވެރިންތަކަކަށް ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފު އެހީތެރިކަން ފޯރުކޮށްދީފިއެެވެ.

ރޭގެ ވަގުތެއްގައި އޮޅުވާލައިގެން ރާއްޖެ ގެނައި ފަތުރުވެރިންތަކެއް މަގުމަތިވެފައިވާކަމުގެ މައްސަލައެއް ވަނީ ފެންމަތިވެފައެވެ. ހާލުގައި ޖެހުނު ފަތުރުވެރިންގެ ތެރެއިން ޖުމްލަ 27 މީހުން ތިބިއިރު އޭގެ ތެރޭގައި ކުޑަކުދިންވެސް ގިނަ އަދަދަކަށް ތިއްބެވެ. އޭގެ ތެރޭގައި 13 ކުޑަކުދިން ހިމެނޭއިރު އެއް އަހަރާއި 10 އަހަރާ ދެމެދުގެ ކުޑަކުދިންވެސް ތިއްބެވެ. އަދި އެ ފަރާތްތައް ދަންވަރު 1 ޖެހިއިރުވެސް ތިބީ މަގުމަތީގައި ވަންނާނެ ތަނެއް ނެތިފައެވެ. އެމީހުން މިހާރު ވަނީ އެފްއޭއެމްގެ އެކަމަޑޭޝަން ބްލޮކަށް ބަދަލުކޮށްފައެވެ.

އެ ސަރަހައްދުގައި ހާލުގައި ޖެހުނު މީހުންނަށް އެހީތެރިވުމުގައި އާންމުންގެ ފަރާތުން ވަނީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް އަދި ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު އަހުމަދު ހުސެއިން (ހަނަފީ)، ރެޑް ކްރެސެންޓްގެ މެމްބަރުން، ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) ފާހަގަކޮށްފައިވެއެވެ. އަދި އޭގެ އިތުރުން އާންމު މީހުންގެ ފަރާތުންވެސް ބޮޑު އެހީތެރިކަމެއް ލިބުނުކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

އެކަމާގުޅިގެން މިނިސްޓަރު މަހްލޫފުއާއި "ސަން" އިން ސުވާލުކުރުމުން މިނިސްޓަރު ވިދާޅުވީ ޓްވިޓާއިން އެމީހުންގެ ފޮޓޯތައް ފެނުމުން އަނބިކަނބަލުން ނަޒްރާ ނަސީމް އާއި ސްޓޭޓް މިނިސްޓަރު އައްސަދު އަލީ އާއެކު އެސަރަހައްދަށް އެތަނަށް ވަޑައިގެންނެވިކަމަށެވެ.

އަދި އޭރު އިމިގްރޭޝަން ކޮންޓްރޯލާ ހަނަފީ އާއި ރެޑް ކްރެސަންޓްއިން އެމީހުންނަށް އެހީވެ ހައްލެއް ލިބޭތޯ މަސައްކަތް ކުރައްވަމުން ގެންދެވިކަމަށް މަހުލޫފް ވިދާޅުވިއެވެ. އަދި އެމީހުންނަށް އެހީވާނެ ގޮތެއް ހަމަޖެއްސުމުގެ ގޮތުން ހުޅުމާލޭގައި ހުންނަ އެފްއޭއެމްގެ އެކަމަޑޭޝަންގައި ވަގުތީގޮތުން ބައިތިއްބަން ސްޓޭޓް މިނިސްޓަރު އައްސަދު ނިންމެވި ކަމަށް މިނިސްޓަރު މަހުލޫފް ވިދާޅުވިއެވެ.

"އީގަލްސް ޓީމް ބައިތިއްބަން މާލެ ކައިރި ރަށްރަށުންވެސް ހޮޓަލެއް ލިބޭތޯ އަޅުގަނޑުމެން ބެލި އިރު އެއްކޮށް ފުލް. އެހެންވީމަ އެނގުނު އެމީހުން ވަންނާނެ ތަނެއް ނުލިބޭނެކަން. އެހާ ތުއްތު ކުދިން ތިބީމަ އެހީވެދެވޭތޯ ދިޔައީ. ދެން އަޅުގަނޑު މިހުރީ ސަސްޕެންޝަންގަ، އެހެންވެ ގޮތެއް ނިންމެވީ އައްސަދު، ދެން ހުޅުމާލެއަށް ގެންގޮސް ފަތިހު ހުރިހާ ކަމެއް ހަމަ ޖައްސަދީފަ ދިޔައީ،" މަހްލޫފް ވިދާޅުވިއެވެ.

ހަނަފީ އަދި ރެޑްކްރެސެންޓް ގެ ދަރުމަވެރިން ވަރަށް ރަނގަޅު މަސައްކަތެއް ކުރެއްވި ކަމަށާއި އަދި ރައްޔިތުން އެ މީހުންނަށް އެހީވީ ވަރަށް އޯގާތެރިކަމާއެކު ކަމަށް މަހުލޫފް ވިދާޅުވިއެވެ. އަދި ހާލުގައި ޖެހުނު މީހުން ތަކުރާރުކޮށް ދިވެހިންގެ ހިތްހެޔޮ ވާހަކަ މަހްލޫފް ކައިރީ ބުނި ކަމަށް އޭނާ ވިދާޅުވިއެވެ.

"އެންމެން ކުރި މަސައްކަތުގަ އަޅުގަނޑުވެސް ހަމަ ބައިވެރިވެ އެހީވީ" މަހްލޫފް ވިދާޅުވިއެވެ.

އޮޅުވާލައިގެން ރާއްޖެއަށް ޓޫރިސްޓުންތަކެއް ގެނެސް އެ މީހުން މަގުމަތިކުރުމަކީ ހިއުމަން ޓްރެފިކިން އަމަލެއްކަން ފާހަގަކުރައްވައި ޓޫރިޒަމް މިނިސްޓަރު އަހްމަދު މައުސޫމްވެސް މިއަދު ވަނީ ކަންބޮޑުވުންފާޅުކުރައްވާފައެވެ. ކޮވިޑު ތެރޭގައިވެސް ޔޫތު މިނިސްޓްރީ އިން ވަނީ ހާލުގައި ޖެހުނު ގިނަ ދިވެހި އާއިލާތަކަކަށްވެސް މިތަނުގައި ބޯހިޔާވަހިކަން ގިނަ މަސްތަކަކަށް ފޯރުކޮށްދީފައެވެ.

"ސަން" އަށް އެނގިފައިވާގޮތުގައި އެ މައްސަލައިގައި ޖުމްލަ ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ބަންގްލަދޭޝްއަށް ނިސްބަތްވާ ބަޔަކު ހިމެނޭކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އެހެންނަމަވެސް އަދި ފުލުހުންގެ ފަރާތުން ރަސްމީކޮށް އެއްވެސް މައުލުމާތެއް މިކަމާ ގުޅިގެން ހާމަކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް