ރައީސް ނަޝީދަށް އާދެވެން ނެތަސް އަޅުގަނޑުގެ ހިތް ހަލާސް: އާދަމް ޝަރީފް

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު -- ފޮޓޯ / މަޖިލިސް އިދާރާ

ޗުއްޓީ އިތުރުކޮށްދެއްވައި، ރާއްޖެއިން ބޭރުގައި ހުރެވޭނެ ގޮތެއް ހަދައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފޮނުއްވި ސިޓީއާ ވިދިގެން އެމަނިކުފާނަށް މަޖިލީހަށް ވަޑައިނުގަނެވުނަސް އެއްވެސް ހިތްބުރަކަމެއް ނެތްކަމަށް މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާ މިހާރު ފެށިގެން ކުރިޔަށްދާއިރު މަޖިލިސް ރައީސް ވަނީ އެނބުރި ރާއްޖެ ވަޑައިގަންނަވަން ޖެހިލުންވާކަމަށް ވިދާޅުވެ ސިޓީއެއް ފޮނުއްވާފައެވެ. އަދި އެމަނިކުފާނުގެ ޗުއްޓީ އިތުރުކޮށް، ރާއްޖެއިން ބޭރުގައި ހުރެވޭނެ ގޮތެއް ހަދައިދިނުމަށް އެދިލައްވާފައެވެ.

އެކަމާ ގުޅިގެން އާދަމް ޝަރީފް ވިދާޅުވީ މިއަދު ރައީސް ނަޝީދު ފޮނުވި ސިޓީއިން ގިނަ އަދަދެއްގެ މެސެޖުތަކެއް ލިބިފައިވާކަމަށާއި އަދި މަޖިލީހަށް ވަޑައިގެންނެވެން ނެތަސް އެމަނިކުފާނަށް އެއްވެސް ހިތްބުރަކަމެއް ނެތްކަމަށެވެ.

"ހަމަ ޔަގީނުންވެސް މިއަދު އެމަނިކުފާނު ނެތްކަމަށް މަޖިލީހަށް އާދެވެން ނެތްކަމަށް ވިދާޅުވި ވިދާޅުވުމަށް އަޅުގަނޑުގެ ހިތް ހަލާސް،"

"އެހެންނަމަވެސް އަޅުގަނޑު ހިތުން މިތަނުގައި ތިއްބެވި އެމްޑީޕީގެ 65 މެމްބަރުންނާއި އަޅުގަނޑުމެން އެންމެން އެކުލެވޭ ގޮތަށް އަޅުގަނޑުމެން އެންމެން އެބަ ގަބޫލުކުރަންޖެހޭ ހައެއް މޭގައި ރައީސް ނަޝީދަށް ދިން ނުރައްކާތެރި އުދުވާނީ ހަމަލާއާއެކު މި ގައުމަށް މި މަޖިލީހަށް ހިދުމަތްކުރުމަށް ފުރުސަތު ނުލިބި ތިން މަހަށްވުރެ ގިނަ ދުވަސް ވެގެން މި ދިޔައީ،" ޖަލްސާގެ ތެރެއިން ވާހަކަދައްކަވަމުން އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ މި އަހަރުގެ ބާކީ ދުވަސްތަކުގައިވެސް ރައީސް ނަޝީދަށް މަޖިލީހަށް ހިދުމަތްކުރުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނެކަމަށް ގަބޫލުނުކުރައްވަވާކަމަށެވެ. އަދި އެއީ ގައުމަށްވެސް ނުރައްކާތެރި ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

"ރައީސް ރާއްޖޭގައި ނެތި މަޖިލީހުގެ ޖަލްސާތައް ކުރިޔަށް ގެންދިޔުމަކީ މަޖިލީހުގެ ގަވާއިދު ބުނާގޮތުންވެސް ވަރަށް ބޮޑު އުނިކަމަކާއި ހުސްކަމެއް ލިބިގެންދާ ކަމެއް،" އެނާ ވިދާޅުވިއެވެ.

ހަމައެއާއެކު މިއަދު މަޖިލީހުގެ ރައީސް ނެތްކަމުގެ ފަޅުކަން އިހުސާސްކުރެވޭކަމަށްވެސް އާދަމް ޝަރީފް ވަނީ ވިދާޅުވެފައެވެ. އަދި ރައީސް ނަޝީދު ރާއްޖެ ވަޑައިގަތުމަށް ޖެހިލުންވާ ސަބަބުތައް ހޯދާ އެމަނިކުފާނަށް ރައްކާތެރިކަން ހޯދައިދުނުމަށްވެސް އޭނާ ގޮވާލެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ޖަލްސާތައް މިއަދު ފެށިގެން ކުރިއަށްދާއިރު، ރައީސް ނަޝީދު އަދިވެސް ހުންނެވީ އެމަނިކުފާނަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ލިބުނު ޒަހަމްތަކަށް ފަރުވާ ހޯއްދެވުމަށް އިނގިރޭސިވިލާތުގައެވެ.

މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަށް އެޑްރެސްކޮށް މިއަދުގެ މަޖިލީހުގެ ޖަލްސާއަށް ރައީސް ނަޝީދު ފޮނުވި ސިޓީއެއްގައި ވަނީ 6 މޭ ގައި އެމަނިކުފާނަށް ދިން ހަމަލާ ރާވައި ހިންގި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެވި، ހައްޔަރު ކުރުމުގެ ކުރިން ރާއްޖެ ދިޔުމަކީ އެމަނިކުފާނުގެ އާއިލާއާއި، ހުދު އެމަނިކުފާނުވެސް ޖެހިލުންވާ ކަމެއް ކަަމަށެވެ.

އެހެންކަމުން ޗުއްޓީގެ މުއްދަތު އިތުރުކޮށްދެއްވައި، ރާއްޖެއިން ބޭރުގައި ދިރިއުޅުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެދޭ ކަަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

comment ކޮމެންޓް