ސޮސިއެޑާޑް ބަލިކޮށް ''ހާލުގައި'' އޮތް ބާސެލޯނާއިން ފެށުން ރަނގަޅުކޮށްފި

ބާސެލޯނާގެ ވައިސް ކެޕްޓަން ޖެރާޑް ޕީކޭ ގޯލު ޖެހުމަށްފަހު އުފާފާޅު ކުރަނީ --- ފޮޓޯ//އޭއެފްޕީ

އާ ސީޒަނުގެ ފުރަތަމަ މެޗުގައި ރެއާލް ސޮސިއެޑާޑް ބަލިކޮށް "ހާލުގައި ޖެހިފައި" އޮތް ބާސެލޯނާއިން ރަނގަޅު ފޯމެއްގައި ސްޕެނިޝް ލީގު ފަށައިފިއެވެ.

ބާސެލޯނާގެ ކޭމްޕް ނޫ ސްޓޭޑިއަމުގައި ކުޅުނު އެ މެޗުން ސޮސިއެޑާޑްގެ މައްޗަށް ހޯމް ޓީމުން ކުރި ހޯދީ 2-4 ގެ ނަތީޖާއަކުންނެވެ. ކުރީ ސީޒަނުގެ ތިންވަނަ ހޯދި ބާސެލޯނާއިން މި މޮޅާ އެކު ރަނގަޅު ފޯމެއްގައި ލީގު ފެށި އިރު، އެ ޓީމުގެ ވާދަވެރިން ކަމަށްވާ އެތުލެޓިކޯ މެޑްރިޑާއި، ރެއާލް މެޑްރިޑް ކުޅުނު މެޗުތައް އެ ޓީމުތަކުންވެސް ވަނީ ކާމިޔާބުކޮށްފައެވެ.

ބާސެލޯނާއިން އިއްޔެއާ ހިސާބަށް ވެސް ޓީމާ އަލަށް ގުޅުނު ތިން ކުޅުންތެރިއަކު އޮތީ ސްޕެނިޝް ލީގުގައި ރަޖިސްޓްރީ ނުކުރެވިއެވެ. ދެން ތިބި ކުޅުންތެރިންގެ މުސާރަ އިންތިހާއަށް ބޮޑުވެ ލަ ލީގާގެ ގަވާއިދުން ހިލާފުވުމާ ގުޅިގެން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ހިލޭ ޓްރާންސްފާއެއްގައި ބާސެލޯނާ އަށް ބަދަލުވި މެމްފިސް ޑިޕޭ އާއި އެރިކް ގާސިއާގެ އިތުރުން ޖެނުއަރީ މަހު ބާސެލޯނާއާ ގުޅުނު އަލްބޭނިއާގެ ރޭއި މަނާޖްއަށް ކުޅެވޭނެ ކަމާ މެދު އޮތީ ޝައްކު އުފެދިފައެވެ.

ލީގު ފެށެން ވަގުތު ކުޑަތަން ވެފައިވަނިކޮށް އެ ކުޅުންތެރިން ރަޖިސްޓްރީ ކުރެވުނީ ބާސެލޯނާގެ ވައިސް ކެޕްޓަން ޖެރާޑް ޕީކޭގެ މުސާރަ ވަރަށް ބޮޑުތަނުން ކުޑަކުރަން ނިންމުމާ ގުޅިގެންނެވެ. ރިޕޯޓްތައް ބުނާގޮތުން ޕީކޭ އަށް މިހާރު ބާސެލޯނާގެ ކޮންޓްރެކްޓުން އަހަރަކު ޖެހޭނީ މީގެ 12 އަހަރު ކުރިން އޭނާ އަށް ލިބޭ މުސާރަ އަށް ވުރެ ދަށް އަދަދެކެވެ. ކުރިން ބާސެލޯނާ އިން މުސާރައިގެ ގޮތުގައި އަހަރަކު 10 ވަރަކަށް މިލިއަން ޑޮލަރު ލިބެމުން އައި ޕީކޭ އަށް ދެން އެ ކްލަބުން ލިބޭނީ ގާތްގަނޑަކަށް ތިން މިލިއަން ޑޮލަރު ކަމަށް ސްޕެއިނުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ.

ރޭގެ މެޗުގެ ފުރަތަމަ ގޯލު ވެސް ޕީކޭ ޖަހައިދިން އިރު، ޑެންމާކުގެ ފޯވާޑް މާޓިން ބްރެތުވެއިޓް ވަނީ ބާސެލޯނާއަށް ދެ ގޯލު ޖަހައިދީފަ އެވެ. އެ ޓީމުގެ ހަތަރު ވަނަ ގޯލަކީ ސާޖިއޯ ރޮބާޓޯ ޖަހައިދިން ގޯލެކެވެ.

އެ މެޗުގައި ރެއާލް ސޮސިއެޑާޑުން ޖެހި ދެ ގޯލު ޖެހީ ހުލެން ލޮބޭޓޭ އާއި މިކޭލް އޮޔާޒަބާލްއެވެ.

comment ކޮމެންޓް