ނައިފަރުގައި ސަރުކާރުގެ ވައުދުތައް ނުފުއްދާތީ ތިން މިނިސްޓަރަކު މަޖިލީހަށް ހާޒިރުކުރަނީ

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް -- ފޮޓޯ: މަޖިލިސް

ޅ. ނައިފަރުގައި ސަރުކާރުން ކުރަން ވައުދުވެފައިވާ ކަންތައްތައް ކުރިއަށް ނުދާތީ ތިން މިނިސްޓަރަކު ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރަން ނިންމައިފިއެވެ.

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް "ސަން"އަށް ވިދާޅުވި ގޮތުގައި މަޖިލީހަށް ހާޒިރު ކުރާނީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އާއި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް އާއި ފިޝަރީސް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަންއެވެ.

އޭގެ ތެރެއިން މިިނިސްޓަރު އަސްލަމް ހާޒިރު ކުރަނީ ނައިފަރުގައި ފެނާއި ނަރުދަމާގެ މަސައްކަތް ނުނިމި ލަސްވާތީ އާއި އެ ރަށުގެ މަގުތަކުގެ މަސައްކަތް އެއްވެސް ވަރަކަށް ނުފެށޭތީ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"ޕްލޭނިން މިނިސްޓަރު ހާޒިރު ކުރަނީ ނައިފަރުގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރީގަ ހިންގަމުން ދިޔަ ކުންފުނި ޓާމިނޭޓުކޮށްފަ، [އެ މަސައްކަތް] ހަތަރު މަސް ތެރޭ ނިންމަން މިދިޔަ އޮކްޓޯބަރު މަހު ހަވާލުކުރި ނަމަވެސް އަދިވެސް މަސައްކަތް ނުނިމި ވަރަށް ބޮޑަށް ލަސްވާތީ، އެގޮތަށް ލަސްވަނީ ކީއްވެގެންތޯ އާ މަގުތައް ފެށޭނެ ދުވަހެއް ސާފު ކޮށްލަން،" ޝިޔާމް ވިދާޅުވިއެވެ.

ޔޫތު މިނިސްޓަރު ހާޒިރު ކުރަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ނައިފަރުގައި ޔޫތު ސެންޓަރެއް އަޅާނެ ކަމަށް ވައުދުވެވަޑައިގަތް ނަމަވެސް އެކަހަލަ މަސައްކަތެއް ކުރިއަށް ނުދާތީ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

އޭގެ އިތުރުން، ނައިފަރުގައި އައިސް ޕްލާންޓެއް ގާއިމު ކުރާނެ ކަމަށްވެސް މީގެ ތިން އަހަރު ކުރިން ރައީސް ވައުދުވެވަޑައިގަތް ކަމަށް ޝިޔާމް ވިދާޅުވިއެވެ. ނަމަވެސް އެފަދަ ކާރުހާނާއެއް އެޅުމުުގެ އެއްވެސް ހިލަމެއް ނުވާތީ ފިޝަރީސް މިނިސްޓަރު ހާޒިރު ކުރަން ޖެހިފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

އެ ތިން މިނިސްޓަރުންގެ އިތުރުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲވެސް މަޖިލީހަށް ހާޒިރު ކުރާނެކަމަށް ޝިޔާމް ވިދާޅުވިއެވެ. އެއީ ފުލުހުންގެ އިސް އޮފިޝަލުންތަކެއް ވަޒީފާއިން ވަކި ކުރަން ފުލުހުންގެ ބޯޑުން ނިންމި ނިންމުމުގައި އެއްވެސް ސިޔާސީ ނުފޫޒެއް އޮތްތޯ ބެލުމަށް ސުވާލު ކުރަން ކަމަށް އޭނާ ވިދާޅުވިއެވެ.

"ޝޭހް އިމްރާން ހާޒިރު ކުރަނީ ފުލުހުންގެ ބޯޑުން ނިންމި ނިންމުމުގަ ސިޔާސީ އެއްވެސް ނުފޫޒެއް އުޅޭތޯ އާއި ކޮން ގޮތަކަށް ވިސްނާފަ ނިންމާފަ އޮތް ނިންމުމެއްތޯ ސުވާލު ކުރަން. އެއީ ފުލުުހުންގެ ބޯޑުގެ ހަތް މެމްބަރުންގެ ތެރެއިން ތިން މެމްބަރުންނަކީ މިނިސްޓަރުގެ ލަފާގެ މަތިން އައްޔަން ކުރާ ބޭފުޅުން އަދި ރައީސްގެ ދެ މެމްބަރުންވެސް ތިއްބަވާނެ. ވީމާ ކޮން ކަހަލަ ވިސްނުމަކުންތޯ އެހާ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ސީނިއާ ބޭފުޅުންތަކެއް ކުއްލިއަކަށް ވަކިކުރަން ނިންމީ،" ޝިޔާމް ސުވާލު އުފެއްދެވިއެވެ.

comment ކޮމެންޓް