ރާއްޖޭގެ ފަސް އަހަރުން މަތީގެ ކުދިންނަށް ކޮވިޑް ވެކްސިން ދޭން ވިސްނަނީ

އޭޕްރީލް 23، 2021: ކުޑަކުދިންތަކެއް މަޑިއަރުވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭ ރާއްޖޭގެ ފަސް އަހަރުން މަތީ އާބާދީއަށް ކޮވިޑް ވެކްސިން ޖަހަން ފެށޭނެ ކަމަށް ބެލެވޭ ކަމަށް ހެލްތު މިނިސްޓަރު މުހައްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ނަސީމް އިއްޔެ "ސަން" އަށް ވިދާޅުވީ ފަސް އަހަރުން މަތީގެ ކުދިންނަށް ވެކްސިން ދިނުން ރައްކާތެރިތޯ ބެލުމަށް އެމެރިކާއިން މިވަގުތު ހަދަމުންދާ ރިސާޗު މި މަހުގެ ނިޔަލަށް ނިމޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެއާއެކު އެ ރިސާޗުގެ ނަތީޖާ ލިބުމުން ރާއްޖޭގެ ފަސް އަހަރުން މަތީގެ އާބާދީއަށް ވެކްސިން ޖަހަން ފެށޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މިހާރު އެމެރިކާއިން އެބަ ރިސާޗު ހަދަމުންގެންދޭ ފަސް އަހަރުން މަތީގެ ކުދިންނަށް ވެކްސިން ޖެހޭތޯ ބަލަން. އެ ނަތީޖާ ލިބުނީމަ ފަސް އަހަރުން މަތީގެ ކުދިންނަށް ވެކްސިން ޖެހޭނޭ ކަމަށް ލަފާކުރެވޭ،" މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.

މިހާރު ރާއްޖެގައި މިވަނީ 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމެއް ފަށައިފައެވެ. އެ ޕްރޮގްރާމުގެ ތެރެއިން ޖުމްލަ 40,000 ކުދިންނަށް ވެކްސިން ދޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

ސްކޫލް ކުދިންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމް ކުރިއަށްދާގޮތް ރައީސް ސޯލިހު ބައްލަވައިލައްވަނީ --- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ ޖުމްލަ 295,039 މީހުން މިހާތަނަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި ވާއިރު، މި މަސް ނިމުމުގެ ކުރިން ވެކްސިން ޖެހޭ އާބާދީގެ 90 ޕަސެންޓު މީހުން ވެކްސިން ފުރިހަމަކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.

comment ކޮމެންޓް