އެމްޑީޕީއަށް ފިދާވި މީހުންގެ ލިސްޓަކު މަހުލޫފެއް ނެތް: އާދަމް ޝަރީފް

ޖެނުއަރީ 27، 2019: ކުރީގެ ރައީސް ޔާމީން އިސްވެ ހުންނަވައިގެން އުފައްދަވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އުފެއްދުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކިތަންމެ ވަރަކަށް މަސައްކަތް ކުރިނަމަވެސް އެމްޑީޕީއަށް ފިދާވި މީހުންގެ ލިސްޓުގައި ސަސްޕެންޑްކޮށްފައި ހުރި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ ނަމެއް ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް "ސަން" އަށް ވިދާޅުވީ އެމްޑީޕީ އަދިމިހާރު އޮތް ސަރުކާރުންވެސް މަހުލޫފަށް މަސައްކަތްކުރަން ފުރުސަތެއް ނުދޭނެކަމަށެވެ.

"މަހުލޫފު ކިތަންމެ މަސައްކަތެއް ކުރިނަމަވެސް އޭނަ ނުވާނެ އެމްޑީޕީ ބޭފުޅަކަށެއް. މަހުލޫފުވެސް މަހުލޫފު ހުންނަންޖެހޭ ކޮޅަށް އެރީމަ އެންމެ ރަނގަޅުވާނީ. އެހެން އަދި މަސައްކަތްކުރި ނަމަވެސް މަހުލޫފުގެ ނަމެއް އަދި ނޯންނާނެ އެމްޑީޕީގެ ފިދާއީންގެ ލިސްޓަކު،" އާދަމް ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގާނޫނީ ވާޖިބު އަދާކުރުމުގެ ބާރުވެސް މި ސަރުކާރުން މަހުލޫފަށް ނުދޭނެކަމަށެވެ.

"އެހެންވީމާ މަހުލޫފު ގަބޫލް ކުރައްވަން ޖެހޭނެ، މަހުލޫފް ކިތަންމެ ވަރަކަށް މަސައްކަތް ކުރެއްވިޔަސް އެމްޑީޕީ ސަރުކާރެއްގައި ދެން ގާނޫނީ ވާޖިބު އަދާކުރެވޭނެ ވަރުގެ ބާރެއް އެ އިމްތިޔާޒުތަކެއް ނުލިބޭނެކަން،" އާދަމް ޝަރީފް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީ މައްސަލައިގައި ރިޝްވަތު ލިބުނުކަމުގެ ތުހުމަތުގައި މަހުލޫފު އަދިވެސް ހުންނެވީ ސަސްޕެންޝަނުގައެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި މަހުލޫފުގެ މައްޗަށް ދައުވާ ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވިތާ ގިނަ ދުވަސްތަކެއް ވެފައިވީ ނަމަވެސް އޭނާގެ މައްޗަށް ދައުވާ ކުރަން ވަކިގޮތެއް ޕީޖީ އޮފީހުން އަދި ނިންމާފައެއް ނުވެއެވެ.

އޭގެ ސަބަބުން މަހުލޫފު ވަނީ އޭނާއާ މެދު ޕީޖީން ތަފާތު ކުރާކަމަށް ވިދާޅުވެފައެވެ. އަދި އޭނާއަށް ކުރެވޭ ތުހުމަތުތައް ސާބިތުކުރެވޭ ވަރަށް ހެކި ނުހުންނާނެ ކަަމަށާއި، އެ މައްސަލަ ކޯޓަށް ފޮނުވައިފިނަމަ "ދައުލަތް އޮރިޔާން" ވާނެ ކަމަށް ވިދާޅުވެފައެވެ.

މަހުލޫފު އެހެން ވިދާޅުވުމާ ގުޅިގެން އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގަައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އެކަނި ދައުވާ ކުރުމަށްވުރެ ބޮޑަށް "ދައުލަތް އޮރިޔާން" ވާނެ ކަމެއް ނެތް ކަަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް