ރިތިކްއާ ދީޕިކާގެ ''ފައިޓާ'' 2023 އަށް!

ކުޅަދާނަ ބަތަލާ ދީޕިކާ އާ އެކްޓަރު ރިތިކް--

ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ދީޕިކާ ޕަދުކޯންއާ ރިތިކް ރޯޝަން އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމު "ފައިޓާ" 2023 ވަނަ އަހަރަށް އަށް ފަސްކޮށްފިއެވެ.

އެ ފިލްމު ކުރިން ތާވަލްކުރީ އަންނަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ރިލީޒް ކުރާށެވެ. މިހާރު އޮތްގޮތުން ނަމަ އެ ފިލްމު ރިލީޒްކުރާނީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 26 ގައެވެ. ސިދާތު އާނަންދުގެ ޑައިރެކްޝަނުގެ ދަށުން އެ ފިލްމު ގެނެސްދޭއިރު އެ ފިލްމު ޕްރޮޑިއުސްކުރާނީ ސިދާތުގެ ޕްރޮޑަކްޝަން ކުންފުނި މާފްލިކްސް އިންނެވެ.

ކުޅަދާނަ އެކްޓަރު ރިތިކް ވަނީ ދެ ފަހަރެއްގެ މަތިން ސިދާތުއާއެކު މަސައްކަތްކޮށްފައެވެ. އެއީ ފިލްމު "ބޭންގް ބޭންގް"އާ "ވޯ"ގައެވެ. ދީޕިކާ ސިދާތު އާއެކު ކުރި ހަމައެކަނި މަސައްކަތަކީ "ބަޗްނާއޭ ހަސީނޯ"އެވެ.

ހަމަގައިމުވެސް ދީޕިކާ އާ ރިތިކް އެކުގައި އެ ފިލްމުން ފެނިގެންދާއިރު ދެ ތަރިންގެ ކެމިސްޓްރީ ބަލައިލަންވެސް ގިނަ ބަޔަކު ތިބީ ބޭނުންވެފައެވެ. އެ ފިލްމުވެގެންދާނީ ދެ ތަރިން އެކުގައި ކުޅޭ ފުރަތަމަ ފިލްމަށެވެ. އެ ސަބަބާހުރެ އެ ފިލްމަށް މިހާރުވެސް ގިނަ ބަޔަކު އެބަ އިންތިޒާރުކުރެއެވެ.

comment ކޮމެންޓް