ޝައުފާ ގޮސް އެ ދޮރު ހުޅުވައިލީ ރޭގަނޑު މަސައްކަތްކުރަން އެއްވެސް މީހަކު އަންނަ ވާހަކަ އޭނާ ކައިރީގައި ބުނެފައިނުވާތީ އުޅެނީ ކޮން ބައެއްތޯ ބަލައިލުމުގެ ބޭނުމުގައެވެ.

އޭނާ އެތެރެއަށް ބޯ ދިއްކޮށްލިއިރު، ޒާމިންއާ ސަޖަލްއާ ދެ މީހުން ފެނުމުން ކުޑަ ހައިރާންކަމެއް ލިބުނެވެ. ޒާމިން ގޮނޑީގައި އިށީނދެގެން އިންއިރު، ސަޖަލް އަތުގައި ފައިލެއް އޮތެވެ. އޭނާ ހުރީ އެ ފައިލް ޒާމިންއާ ދިމާލަށް ދިއްކޮށްލައިގެންނެވެ. ބަލާބެލުމަށް ހީވާނީ ސަޖަލް ޒާމިން ކައިރިން އެއްޗެއް އޮޅުން ފިލުވަނީހެންނެވެ.

"ސަޖޫ... ޒިމް..." ޝައުފާ ގޮވައިލިއެެވެ. އޭރު އޭނާގެ ފަހަތުގައި ނިހާ ވެސް މަޑުކޮށްލައިގެން ހުއްޓެވެ.

"ހޭ ޝައު... ކުޑަ އެއްޗެއް ޒިމް އާ ޑިސްކަސް ކޮށްލަނީ..." ނުވާކަމަކަށް ހަދާފައި ސަޖަލް ބުނެލިއެވެ. ސަޖަލް އެހެން ބުނުމުން ޝައުފާއާ ނިހާއާ އެތެރެއަށް ވަނެވެ. ސަޖަލްމެން އެކުރަނީ ކީއްތޯ ބެލުމުގެ ބަދަލުގައި ޝައުފާ ސުވާލުކުރީ އެމީހުން އޮފީހަށް އައި ސަބަބާ ގުޅޭގޮތުންނެވެ. ސަޖަލްއާ ޒާމިންއާ ދެމީހުން އެ ދެމީހުންގެ ބޭނުން ބުނެދިނުމުން، ޝައުފާވެސް އޭނާ ކުރަން އައި ބޭނުން ހާމަކޮށްލިއެވެ.

"ވަރުގަދަ ކޭސް އެއްދޯ! އެނީވޭޒް ގުޑް ލަކް ޒިމް..." ޝައުފާ ބުނެލިއެވެ.

"ޝައު އައިކަންވެސް ނަސީބެކޭ...އަހަންނަށް ވެސް ފަސޭހަ ވާނެތާ..."

ސަޖަލް އެހެން ބުނެލާފައި ހިނިތުންވެލިއެވެ. ޝައުފާއާއި ނިހާއާ ދެމީހުން އެތަނުން ނުކުތުމުން ދެ މީހުންނަށް ވެސް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ސަޖަލްވެސް އަވަސް އަރުވާލާފައި ފައިލް މޭޒުމަތީގައި ބާއްވަމުން ނުކުތުމަށް ހިނގައިގަތެވެ. އެއާއެކު އޭނާއަށް ސިހުން ގެނުވީ ޒާމިން އޭނާގެ އަތުގައި ހިފެއްޓުމުންނެވެ.

"ޒިމް... އަނެއްކާ ޝައު އައިސްދާނެ..." ފަހަތަށް ބަލައިލުމަށްފަހު، ޒާމިންއާ ހަތަރުކަޅި ހަމަކޮށްލަމުން ސަޖަލް ބުނެލިއެވެ. އޭރު އެ މޫނުމަތި ލަދުން މޯޅިވެއްޖެއެވެ.

"އެ ދިޔައިއްޔޭ ދެން ނާންނާނެ. މިރޭ މިއަތުން ދޫކޮށްލާ ހިތެއް ނުވޭ..." ޒާމިން ލާނެތް ހިނިތުންވުމަކާއެކު ބުނެލުމާއެކު، ސަޖަލްގެ މޫނުމަތި އިތުރަށް ރަތްވެގެން ދިޔައެވެ. ޒާމިން އަނެއްކާވެސް ސަޖަލް އިތުރަށް ލަދުގަންނުވައިލަން ދެތިން ބަހެއް ބުނެލިއެވެ. ޒާމިންގެ އަތުން ވީއްލިގަނެގެން ސަޖަލް ދުވެފައި ގޮސް އެތަނުން ނުކުތްއިރުވެސް، ލުއި ހިނިތުންވުމަކާއެކު ޒާމިން ސަޖަލްއަށް ބަލަހައްޓައިގެން އިނެވެ.

*****

ދުވަސްތައް ހަލުވިކަމާއެކު ފާއިތުވަމުން ދިޔައެވެ. ސަޖަލްއާ ޒާމިންއާ ދެމީހުންގެ ގުޅުން ދުވަހެއް ދުވަހަކަށް ބަދަހިވަމުންދިޔައިރު، ރިއުމާންއާ އަޒްހާއާ ދެމެދުވަނީ ނުތަނަވަސްކަމެކެވެ. އެ ދުވަހުގެ ފަހުން ރިއުމާން އަޒްހާއާ ބައްދަލުކުރަން ތިން ދުވަހެއްގެ މަތިން އެދުނު ނަމަވެސް، އެކަމަށް އަޒްހާ ދެކޮޅު ހެދިއެވެ. ފާއިތުވެދިޔަ ކޮންމެ ދުވަހަކުވެސް ރިއުމާން އަޒްހާ ހޯދަން އޭނާ މަސައްކަތްކުރާ ކޮފީ ޝޮޕަށް ދިޔަނަމަވެސް، ދިމާވާގޮތެއް ނުވިއެވެ. އެންމެފަހުން އެތަނުގައި މަސައްކަތްކުރާ އަޒްހާގެ އެކުވެރިއެއް ގާތުން އަޒްހާ ވީތަން އޮޅުން ފިލުވުމުން ބުނީ އަޒްހާ ޗުއްޓީ ނެގީ ކަމުގައެވެ. ފޯނަށް ގުޅުމުންވެސް އަޒްހާ ޖަވާބު ދެނީ މަދުފަހަރަކުއެވެ. ރިއުމާން ދިމާވާން ބުނާ ކޮންމެ ފަހަރަކު އަޒްހާ ދެކޮޅު ހަދާތީ ރިއުމާންއަށް ވަނީ އެއްވެސް އަލިމަގެއް ނުފެނިފައެވެ.

އާދައިގެ މަތިން ރިއުމާން ގޭގެ ސިޓިންރޫމް ސޯފާގައި އިށީނދެގެން އިނދެ އަޒްހާއަށް ގުޅާލިއެވެ. ފޯނު ރިންގްވެފައި ފޯނު ކެނޑުނުއިރުވެސް އަޒްހާ ފޯނެއް ނުނަގައެވެ. ކުއްލިއަކަށް އަޒްހާ އޭނާއާ ދުރުވީތީ އެކަމުން އޭނާއަށް އުނދަގޫތަކެއް ކުރިމަތިވަމުން ދިޔައެވެ. ކީއްވެކަން ނޭނގުނަސް އޭނާއަށް އާދަޔާހިލާފަށް އަޒްހާއާ ދޭތެރޭ ވިސްނޭތީ ޚުދު އޭނާވެސް ހައިރާންވެއެވެ.

ފޯނުގެ ސްކްރީނަށް ނަޒަރު ހުއްޓާލައިގެން އޮތް ރިއުމާންގެ ދެބުމަ ގޮށްޖެހިގެން ދިޔައީ ކުއްލިއަކަށެވެ. ސަޖަލް އެެހެން މީހަކާ އެކު ގުޅުމެއް ބާއްވަމުން ދާކަށް ޔަގީންވުމުން ރިއުމާންގެ އެތެރެހަށީގައި ނުތަނަވަސްކަމެއް ދައުރުކޮށްލިއެވެ. ސަޖަލް ދެން އިތުރަށް އޭނާގެ ހަޔާތަށް ނާންނާނެކަމުގެ ޔަގީންކަން އޭނާއަށް ލިބިގެން ދިޔައެވެ. ހަމައެއާއެކު އޭނާގެ މޭގައި ތޫނު ރިހުމެއް އުފެދުނެވެ. ދެލޮލުގެ ތެރެއަށް ކޮންމެވެސް ވަރަކަށް ކަރުނަތައް ޖަމާވިއެވެ. އޭނާ އެހެން އޮއްވައި ކުއްލިއަކަށް އަޒްހާގެ ފޯނު ކޯލެއް ލިބުމާއެކު ހައިރާންކަމެއް ލިބިގެން ދިޔައެވެ.

"ހަލޯ...އަޒޫ..." ރިއުމާން ފޯނު ނަގާ ކަންފަތުގައި ޖައްސައިލަމުން ފޯނަށް ޖަވާބުދިނެވެ.

"މާން... ކިހިނެއްތަ؟" އަޒްހާ ބުނެލިއެވެ.

"ރަނގަޅު...އަޒޫ ކިހިނެއް؟" ރިއުމާން އަނެއްކާވެސް ސުވާލުކޮށްލިއެވެ.

"އަހަރެން ރަނގަޅު...މީ އަނެއް...ބައްދަލުކޮށްލެވޭނެތަ؟" އަޒްހާގެ އަޑުގައި ހިސާބެއްގެ ޖެހިލުންވުމެއް ހުއްޓެވެ.

"އޯކޭ...ކޮންތާކަށް ދާންވީ؟" ރިއުމާން ސުވާލުކޮށްލިއެވެ.

"އަހަރެމެން ކުރިން ދިޔައިމެއްނު މައްޗަންގޮޅީގައި ހުރި ރެސްޓޯރެންޓަކަށް. އެތަނުން ދިމާކުރަމާ...މިރޭ ކިހިނެއްވާނެ؟" އަޒްހާ ރިއުމާންގެ ހިޔާލަކަށް އިންތިޒާރުކުރިއެވެ. އިރުކޮޅަކު ވިސްނައިލުމަށްފަހު، ރިއުމާން ބުނީ އެންމެ ރަނގަޅު ކަމުގައެވެ. އޭނާ ފޯނު ބޭއްވުމަށްފަހު އެތައްއިރަކު ވިސްނަން އޮތެވެ.

***

ރޭގަނޑު އަށްގަޑިބައި ވީއިރު ރިއުމާން ރީތިވެގެން ނުކުމެ އަޒްހާއަށް ގުޅައިލީ އަޒްހާ ބަލާ އެ ގެ ކައިރިއަށް ދިޔުމުގެ ބޭނުމުގައެވެ. އަޒްހާ އޭނާ ރީތިވެ ނިިމިގެން ހުރި ވާހަކަ ބުނުމުން ކާރަށް އަރާ އަޒްހާމެންގެއާ ދިިމާލަށް ކާރު ދުއްވައިލިިއެވެ. ރިއުމާން އެގެއާ ހިސާބަށް ދިޔައިރު އަޒްހާ ހުރީ ނުކުމެއެވެ. ކާރު މަޑުކޮށްލިތަން ފެނިފައި އަޒްހާ އައިސް އަނެއްފަރާތު ދޮރު ހުޅުވާލާފައި އެރިއެވެ. ރަތްކުލައިގެ ގަމީސް މަތިކޮޅަކާއި ކަޅު ކުލައިގެ ސްކްނީއެއްގައި އަޒްހާ ފެންނައިރު ކިތަންމެ ހާވެސް ފުރިހަމައެވެ. އޭނާގެ ރާޅުބާނީ އިސްތަށިގަނޑު ފަން ކޮށްލާފައި އިސްތަށިގަނޑު ނިމޭ ހިސާބުގައި ރާޅުބާނީތައް އުފައްދާލާފައިވާއިރު، އެހާ ފުރިހަމައެވެ. ކޮށްފައިވާ ލުއި މޭކަޕްގެ ސަބަބުން އަޒްހާގެ ފުރިހަމަކަން އެތައް ގުނައެއް އިތުރުކޮށްދީފައި ވެއެވެ.

އަޒްހާ ކާރަށް އަރާ ވަށްކަޅިން ރިއުމާންއަށް ބަލައިިލިއެވެ. އަޅިކުލައިގެ އަތްދިގު ގަމީހުގެ އަތުކުރި އޮޅާާފައިވުމުން، އެ ބާރުގަދަ މުލައްދަނޑި އޮތީ ހާމައަށެވެ. އިސްތަށިގަނޑު ޒަމާނީ ގޮތަށް ސްޓައިލްކޮށްލާފައިވާއިރު، އެ މޫނާ ނުހަނު ގުޅެއެވެ. އަޒްހާ އޭނާއަށް ބަލަމުންދިޔަކަން ރިއުމާންއަށް އެނގުނުނަމަވެސް، އޭނާ އެކަން އަންގާކަށް ބޭނުމެއް ނުވިއެވެ. އެހެންނަމަވެސް އޭނާގެ ތުންފަތްމައްޗަށް އެކަމުގެ ސަބަބުން ލުއި ހިނިތުންވުމެއް ވެރިވެފައިވެއެވެ.

ކާރުތެރެއަށް ވެރިވެފައިވީ ހިމޭންކަމުގެ ތެރެއިން އެކަކުވެސް ވާހަކައެއް ނުދައްކައެވެ. ރިއުމާން ލަވައެއް ޖަހައިލިއެވެ. މަންޒިލާ ހަމަޔަށް ވާސިލް ވަންދެންވެސް އެކަކުވެސް އަނގައިންނެއް ނުބުނެއެވެ. ދައްކާނެ ވާހަކަ ނެތިގެންނެއް ނޫނެވެ. އެކަމަކު ވާހަކަ ފަށާނޭ ގޮތެއް ނޭނގޭތީއެވެ. ރެސްޓޯރެންޓްގެ ކުރިމަތީގައި އޮތް މަގުގެ އެއްފަރާތުގައި ކާރު ޕާކުކޮށްލާފައި ދެމީހުން ކާރުން ފޭބިއެވެ. ކަފިހިހުރަސްމަތިން ހިނގާލާފައި ދެމީހުން ރެސްޓޯރެންޓުގެ މައި ދޮރާ ދިމާލަށް ހިނގައިގަތެވެ. އެވަގުތު ބާރު ސްޕީޑުގައި އައި ސައިކަލު އައީ އަޒްހާއާ ދިމާލަށެވެ. ރިއުމާން ހުޝިއާރުކަމާއެކު އަޒްހާގެ އަތަށް ދަމައިލުމާއެކު، އަޒްހާ އައިސް ތަތްވީ ރިއުމާންގެ މޭގައެވެ. އޭރު އޭނާގެ ހިތް ދިޔައީ އިންތިހާ ބާރުމިނުގައި ތެޅެމުންނެވެ.

"އާރ ޔޫ އޯކޭ؟" ރިއުމާން އެހެން އަހައިލުމަށްފަހު އަޒްހާއަށް ބަލައިލިއެވެ. އޭނާ އެ ސައިކަލާ ދިމާލަށް ބަލައިލިއިރު ގޮސް ލޯ މަތިން ގެއްލެނީއެވެ. ރިއުމާންއާ އެހާ ކައިރީގައި ހުންނަންވުމުން ޚުދު އަޒްހާގެ ހިތަށްވެސް ތަފާތު ގޮތްތަކެއް ވަމުން ދިޔައެވެ. އޭނާ މަގުގައި އެމީހުންނަށް ނަޒަރު ހުއްޓާލައިގެން ތިބި މީހުންނަށް ބަލައިލުމަށްފަހު، އަވަސްއަވަހަށް ރިއުމާންއާ ދުރުވެލިއެވެ. އެއަށްފަހު ހިނގައިގަތެވެ. ރިއުމާންވެސް ޖިންސުގެ ޖީބަށް އަތް ޖަހައިލަމުން އަޒްހާގެ ފަހަތުން ހިނގައިގަތެވެ. މީހުންގެ ނަޒަރުތަކުން ސަލާމަތްވާން ބޭނުންވެފައި ހުރި އަޒްހާ، އެ ދިޔަ ބާރުމިނުގައި ގޮސް ރެސްޓޯރެންޓްގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަނެވެ. ރިއުމާންވެސް ހަލުވިކޮށް ހިނގާލާފައި ގޮސް އަޒްހާގެ ފަހަތުން ވަނެވެ.

ހުސް މޭޒެއް ހޯދުމަށްފަހު ދެމީހުންވެސް ގޮސް އިށީނދެލިއެވެ. މެނޫ ގެނެސްދިނުމުން ބޯ އެއްޗަކަށް އޯޑަރު ދިނުމަށްފަހު، ދެމީހުންވެސް ހަމަޖެހިލިއެވެ. ވާހަކަ ފަށާނީ ކިހިނެއްކަމެއް ނޭނގޭ ޙާލު އަޒްހާއަށް ރިއުމާންއަށް ބަލައިލެވުނެވެ.

އޭނާގެ ސިކުނޑީގައި އޭރުވެސް ދައުރުވަމުންދިޔައީ ދާދި ދެންމެ އަކު ހިނގި ހާދިސާއެވެ. ރިއުމާންއާ އެހާ ކައިރީގައި ހޭދަވީ މަދު ސިކުންތުކޮޅެއް ނަމަވެސް، އަދިވެސް، އޭނާގެ އެތެރެހަށީގައި އުފެދުނު ތޫފާން މައިތިރިއެއް ނުވެއެވެ. އޭނާ ރިއުމާން ބޭނުންވާވަރު އެ އިހުސާސްތަކުން އެކަނިވެސް ބުނެދެއެވެ. ނަމަވެސް ދެރައީ އެއީ ދުވަހުވެސް ވާނެ ކަމަކަށް ނުވާތީއެވެ.

"މާން..."

"އަޒޫ"

ދެމީހުންނަށް ވާހަކަ ދެކެވުނީ އެއްފަހަރާއެވެ. އެއާއެކު ލުއި ހުނުމެއްގެ އަޑު އެތަނަށް ވެރިވިއެވެ. ކުއްލިއަކަށް އެއްލި ކަޅިއަކުން އެއްފަރާތުގައި އިން ސަޖަލް ރިއުމާންގެ ލޮލުގައި އަޅައިގަތެވެ. ސަޖަލްއާއެކު އިން ޒުވާނާއަކީ ސަޖަލްގެ ލޯބިވެރިޔާކަން އޭނާއަށް އެނގުނެވެ. އެއީ އެދުވަހު އެންޖީއޯގެ އޮފީސް ކައިރިންވެސް އޭނާ ކުރިމަތިލި ޒުވާނާއެވެ.

ރިއުމާންގެ އަތް މުށްކެވިގެން ދިޔައެވެ. ރިއުމާން މާ ވަރަކަށް އެއް ދިމާލަކަށް ބަލާތީ އަޒްހާވެސް އެ ދިމާލަށް ބަލައިލިއެވެ. އޭނާ ދެ ފަހަރަކު ރިއުމާންއަށް ގޮވައިލުމުން ރިއުމާން އަޒްހާއަށް ބަލައިލިއެވެ.

"ކާކަށް ތިހާ ވަރަށް ތި ބަލަނީ؟" އޭނަ ސުވާލުކޮށްލިއެވެ.

"މީހަކަށް ނުބަލަން. ހީވީ ދަންނަ މީހަކުހެން..." މޫނުމަތީގައިވީ އަސަރުތައް ފޮރުވަން މަސައްކަތް ކުރަމުން ރިއުމާން ބުނެލިއެވެ.

"އަހަރެން ބޭނުމީ ރިއުމާންގެ އެކުވެރިއެއް ގޮތުގަ ހުންނަން. އަހަރެންގެ ސަބަބުން، މާންއަށް ނުތަނަވަސްކަމެއް ވެރިވެއްޖެއްޔާ އަހަރެން މާފަށް އެދެން..." އިސްޖަހައިލަމުން އަޒްހާ ބުނެލިއެވެ.

"ލެޓްސް ގިވް ދިސް އަ ޓްރައި..." އިރުކޮޅެއްގެ ހިމޭންކަމަކަށްފަހު، ރިއުމާން އެހެން ބުނެލުމާއެކު، އަޒްހާ ދިޔައީ ސިއްސައިގެންނެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު