އެހެން ޕާޓީއަކުން އެމްޑީޕީއާ ގުޅޭ މީހުން އެޕާޓީއިން ބަލައެއް ނުގަންނާނެ: ޑރ. ޝަހީމް

ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އަށް އެހެން ޕާޓީތަކުން ދާ މީހުންނަކީ އެ ޕާޓީގެ މީހުން ކަމަށް އެމްޑީޕީން ބަލައިނުގަންނާނެ ކަމަށް ކުރީގެ އިސްލާމިކް މިިނިސްޓަރު އަދި އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ އެޑްވައިޒަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް އެހެން ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފުގެ މައްޗަށް ކުރާ ތަހުގީގު މިހާރު އޮތް ހިސާބާ ބެހޭ ގޮތުން "ސަން"އާ ވާހަކަ ދައްކަވަމުންނެވެ. މިވަގުތު ސަސްޕެންޝަނެއްގައި ހުންނެވި މަހުލޫފް އަކީ ޕީޕީއެމްގައި ހުންނެވުމަށް ފަހު އެމްޑީޕީއަށް ގުޅިވަޑައިގެންނެވި ބޭފުޅެކެވެ.

ޝަހީމް ވިދާޅުވި ގޮތުގައި އެހެން ޕާޓީތަކުން އެމްޑީޕީއަށް ދާ މީހުން، އެ ޕާޓީން ބޭނުން ކުރާނީ ވެރިކަން ދެމެހެއްޓުމަށް އެކަންޏެވެ. އަދި ބޭނުން ކެނޑުނީމާ އެބަޔަކު ދޫކޮށްލާނީއެވެ.

"[އެހެން ޕާޓީއަކުން ދިޔުމުން އެއީ] އެމްޑީޕީ މީހެއްގެ ގޮތުގައި އެމީހުން ބަލައިނުގަންނާނެ. އެމީހުން އެބޭފުޅުންގެ ބޭނުން ކުރާނީ އެމީހުންގެ ވެރިކަން ދަމަހައްޓަން، ދެން އެ ބޭނުން ނިމުނީމަ އެހިސާބުން އެބޭފުޅުންގެ ކަންތައް ނިމުނީ،" ޝަހީމް ވިދާޅުވިއެވެ.

މިއަދު ޝަހީމް ކުރެއްވި ޓުވީޓެއްގައި އޭނާ ވަނީ މިވަގުތު އޮތް އެމްޑީޕީގެ ސަރުކާރުން މަހުލޫފު މިނިސްޓަރު ކަމުން ވަކި ކުރާނެ ކަމަށް ލަފާ ކުރައްވާފައެވެ. އަދި މިވެރިކަމުގައި ވަޒީރުކަމުން ދުރުކުރި ބޭފުޅުން ދުރުކޮށްފައި ވަނީ "ހަވަރަށް ދިނުމަށް ފަހު" ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން، މީހެއްގެ ބޮލުގައި ތުހުމަތެއް އެޅުމުން އެމީހަކަށް އަމިއްލަ ނަފްސުގެ ދިފާއުގައި ވަކާލާތު ކުރަން ފުރުސަތު ދޭން ޖެހޭނެ ކަމަށާއި އެ ފުރުސަތު ލިބޭނީ މައްސަލަ ރަނގަޅަށް ކުރިއަށް ގެންދިޔުމުން ކަމަށް ޝަހީމު ވިދާޅުވިއެވެ.

"މަހުލޫފަށް ވަރަށް ހެޔޮ އެދެން އަޅުގަނޑު. އަޅުގަނޑު ގަބޫލެއް ނުކުރަން އެހާ ގިނަ ދުވަހު އެއްވެސް ބޭފުޅަކު ބަދުނާމުވެ، ހަވަރަށްދީ އެގޮތަށް އެހާ ގިނަ ދުވަހަށް މައްސަލަ ދަމަހައްޓަން ޖެހޭނެ ކަމަށް. ކޮންމެވެސް ގޮތަކަށް އެކަން ނިމެން ޖެހޭނެ. އަމުދުން މުސްތަގުބަލު އޮތް ޒުވާން ބޭފުޅުންނާ މެދު އެގޮތަށް ކަންތައްވެގެން ދިޔުމަކީ ވަރަށް ދެރަވާ ކަމެއް،" ޝަހީމް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި މަހުލޫފުގެ މައްޗަށް ދައުވާ ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވިތާ ގިނަ ދުވަސްތަކެއް ވެފައިވީ ނަމަވެސް އޭނާގެ މައްޗަށް ދައުވާ ކުރަން ވަކިގޮތެއް ޕީޖީ އޮފީހުން އަދި ނިންމާފައެއް ނުވެއެވެ.

އޭގެ ސަބަބުން މަހުލޫފު ވަނީ އޭނާއާ މެދު ޕީޖީން ތަފާތު ކުރާކަމަށް ވިދާޅުވެފައެވެ. އަދި އޭނާއަށް ކުރެވޭ ތުހުމަތުތައް ސާބިތުކުރެވޭ ވަރަށް ހެކި ނުހުންނާނެ ކަަމަށާއި، އެ މައްސަލަ ކޯޓަށް ފޮނުވައިފިނަމަ "ދައުލަތް އޮރިޔާން" ވާނެ ކަމަށް ވިދާޅުވެފައެވެ. މަހުލޫފު އެހެން ވިދާޅުވުމާ ގުޅިގެން އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގަައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އެކަނި ދައުވާ ކުރުމަށްވުރެ ބޮޑަށް "ދައުލަތް އޮރިޔާން" ވާނެ ކަމެއް ނެތް ކަަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް