ހިރިލަންދޫ ކައުންސިލް ރައީސް އާއި މެމްބަރަކު އެމްއެންޕީއަށް ސޮއިކޮށްފި

ތ. ހިރިލަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ޖަލާލު މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަށް ސޮއިކުރުން -- ފޮޓޯ/ސަން

ތ. ހިރިލަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ޖަލާލާއި ކައުންސިލް މެމްބަރު އަލީ އައްސަދު މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަށް ސޮއިކުރައްވައިފިއެވެ.

މި ދެބޭފުޅުން އެ ޕާޓީއަށް ސޮއިކުރައްވާފައިވަނީ އެ ޕާޓީއަށް މެމްބަރުން ވެއްދުމުގެ ވަރުގަދަ ހަރަކާތެއް ހިންގަމުން އަންނަ ވަގުތެއްގައެވެ.

ތ. ހިރިލަންދޫ ކައުންސިލްގެ މެމްބަރު އަލީ އައްސަދު މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަށް ސޮއިކުރުން -- ފޮޓޯ/ސަން

ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަދި އެމްއެންޕީގެ އުފެއްދުމުގައި އިސްކޮށް އުޅުއްވާ އަހުމަދު އުޝާމް "ސަން" އަށް ވިދާޅުވީ އެ ޕާޓީ އަކީ ރާއްޖޭގެ ސިޔާސީ މައިދާނުގައި މުސްތަގުބަލުގައި އެންމެ ކުރިއަށް ދިޔުމުގެ ފުރުސަތު އޮތް ޕާޓީކަމަށެވެ.

"އާންމު ރައްޔިތުންނަށް އިސްކަންދީގެ ކުރިއަށް ގެންދާ ޕާޓީއެއްކަން ގަބޫލުކުރެވޭތީކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ މެމްބަރުން އިތުރު މި ވަނީ. ދެން ކުރިއަށް އޮތް ތަނުގައިވެސް އެހެން ރަށްރަށުގެ ގިނަ އަދަދެއްގެ ކައުންސިލް މެމްބަރުން އެމްއެންޕީ އާ ގުޅެމުންދާނެ،" އުޝާމް ވިދާޅުވިއެވެ.

ހަމައެއާއެކު މިހާރު އެ ޕާޓީން އަންނަނީ ރަޖިސްޓްރީކުރުމަށް ބޭނުންވާ ކަންކަމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެގޮތުން މިހާރު ކުރިއަށް ދަނީ ޕާޓީ ރަޖިސްޓްރީކުރުމަށް ބޭނުންވާ ފޯމްތައް ފުރުމުގެ މަސައްކަތްކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި މަސް ނިމުމުގެ ކުރިން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ޕާޓީ ރަޖިސްޓްރީކުރުމަށް ހުށަހަޅާނެކަމަށްވެސް ވިދާޅުވިއެވެ.

އެމްއެންޕީ އަކީ ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް އިސްވެ ހުންނަވައި އުފައްދަވާ ޕާޓީއެކެވެ.

comment ކޮމެންޓް