ދިވެހި ކުންފުންޏަކުން ލަންކާގައި ޔޮޓު ބަންނަ ފެސިލިޓީއެއް އަޅަނީ

ދިވެހި ކުންފުންޏެއް ކަމަށްވާ ސީ ހޯސް ޔޮޓްސްއިން ސްރީލަންކާގެ ހަމްބަންޓޯޓާ އިންޓަނޭޝަނަލް ޕޯޓުގައި ޒަމާނީ ފެންވަރުގެ ޔޮޓު ބަންނަ ފެސިލިޓީއެއް އަޅަން ސޮއިކޮށްފިއެވެ.

އެކަމާ ގުޅޭ އެއްބަސްވުމުގައި ސީ ހޯސް ޔޮޓްސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ރައީސް އަލީ ހުސައިން ދީދީ އެވެ. އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ދިވެހި ސަރުކާރުގެ ފަރާތުން ޔޫރަޕިއަން ޔޫނިއަންއަށް ކަނޑައެޅުއްވި ސަފީރެވެ. ހަންބަންޓޯޓާ އިންޓަނޭޝަނަލް ޕޯޓް ގްރޫޕު (އެޗްއައިޕީޖީ)ގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ ޖޯންސަން ލިއުއެވެ.

އެ މަޝްރޫއަކީ ގާތްގަނޑަކަށް 58 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެކެވެ. އަދި އެ މަޝްރޫއު ނިމި، އެ ފެސިލިޓީގެ ޕްރޮޑަކްޝަން 2022ގެ ކުރީކޮޅުގައި ފެށޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

އެ މަޝްރޫއުގެ ސަބަބުން ޖުމުލަ 500 ވަޒީފާގެ ފުރުސަތު އުފެދޭނެ ކަމަށް ސްރީލަންކާގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު ނަމާލް ރާޖަޕަކްސަ ވަނީ ވިދާޅުވެފަވެ.

comment ކޮމެންޓް