މެލޭޝިއާގެ ސަރުކާރަށް ޕާލަމެންޓްގެ އަޣްލަބިއްޔަތު ގެއްލިއްޖެކަން ބޮޑުވަޒީރުވެސް އެންމެފަހުން ގަބޫލުކުރައްވައިފި

މެލޭޝިއާގެ ބޮޑުވަޒީރު މުހްޔިއްދީން ޔާސީން

ކުއާލަލަންޕޫރު (އޮގަސްޓް 14): މެލޭޝިއާގައި ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީ ކަމަށްވާ "ޔުނައިޓެޑް މެލޭ ނޭޝަނަލް އޮގަނައިޒޭޝަން" (އުމްނޯ) ގެ ޕާލަމެންޓް މެންބަރުންގެ ތެރެއިން 11 މެންބަރެއްގެ ތާއީދު ބޮޑުވަޒީރު މުހްޔިއްދީން ޔާސީންގެ ސަރުކާރަށް ގެއްލުމުން ޕާލަމެންޓްގެ އަޣްލަބިއްޔަތު ސަރުކާރަށް ނެތްކަމަށް ގަބޫލު ކުރައްވާ ކަމަށް މުހްޔިއްދީން ޔާސީން ވިދާޅުވެއްޖެއެވެ.

މުހްޔިއްދީން މިހެން ވިދާޅުވީ އޭނާގެ ސަރުކާރަށް ޕާލަމެންޓްގެ އަޣްލަބިއްޔަތު ގެއްލުނުކަން ގަބޫލުކުރުމަށް އެތަށް ދުވަހެއްވަންދެން ދެކޮޅު ހެއްދެވުމަށްފަހުގައެވެ.

ސަރުކާރެއްނެތް ހާލަތަކަށް މެލޭޝިއާ ހިނގައިދާނެ

ގައުމަށް ކުރިމަތިވެފައިވާ ސިޔާސީ ހާލަތާބެހޭގޮތުން ރައްޔިތުންނާ މުޚާތަބުކުރައްވައި ދެއްވި ޚިތޯބެއްގައި މުހްޔިއްދީން ވިދާޅުވީ އޭނާގެ ސަރުކާރަށް ޕާލަމެންޓްގެ އަޣްލަބިއްޔަތު ނެތްއިރު އެހެން ޕާޓީއަކަށްވެސް އަދި ޕާލަމެންޓްގެ އެހެން މެންބަރަކަށްވެސް ޕާލަމެންޓްގެ އަޣްލަބިއްޔަތެއް ނެތެވެ. މިހާލަތުގައި މަގާމުން އިސްތިއުފާ ދެއްވައިފިނަމަ ސަރުކާރެއް ނެތް ހަލާތަކަށް މެލޭޝިއާ ގޮސްފާނެކަމަށާއި މިފަދަ ހަލާތެއްގައި ސިޔާސީ ބޮޑު ގަޑުބަޑެއްގެ ތެރެއަށް ގައުމު ވެއްޓިގެންދާނެތީ އެކަން އެގޮތަށްވާން ބޭނުން ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން އޭނާގެ ސަރުކާރަށް އިތުބާރުއޮތްތޯ ބެލުމަށް އިދިކޮޅު ލީޑަރު އަންވަރު އިބްރާހީމް ހުށަހަޅުއްވާފައިވާ މައްސަލަ ބެލުން އަންނަ މަހަށް ލަސްކޮށްލަން ބޭނުންވާ ކަމަށްވެސް މުހްޔިއްދީން ވިދާޅުވިއެވެ. އަންވަރުގެ އިތުރުން މުހްޔިއްދީން އާ އިދިކޮޅު އެހެން ސިޔާސީ ލީޑަރުންވެސް ބޭނުންވަނީ މިމަހުގެ 18 ވަނަ ދުވަހު އިތުބާރުގެ ވޯޓު ނެގުމަށެވެ.

މެލޭޝިއާގެ ރަސްގެފާނު އަބްދުﷲ އަޙްމަދު ޝާހު ވެސްވަނީ އިތުބާރުގެ ވޯޓު ނެގުމުގެ ކަންތައް އަވަސްކުރުމަށް ގޮވާލައްވާފައެވެ. އިތުބާރުގެ ވޯޓު މިހާރު ނަގައިފިނަމަ މުހްޔިއްދީންގެ ސަރުކާރަށް ޕާލަމެންޓްގެ އަޣްލަބިއްޔަތު ނެތްކަން ވަގުތުން ހާމަވާނެކަން އޭނާއަށްވެސް ކަށަވަރުވެ ވަޑައިގަންނަވާކަން އޭނާގެ ވާހަކަތަކުން އެނގެއެވެ.

މުހްޔިއްދީން ގެ ބޭނުމަކީ އިދިކޮޅާ ގުޅިގެން އޭނާގެ ސަރުކާރު ދެހެއްޓޭތޯ ބެލުން

ނަމަވެސް އަންނަ މަހު ޕާލަމެންޓްގެ ޖަލްސާތައް ރަސްމީކޮށް ފަށާއިރު ވޯޓުގެ މައްސަލަ ހުށަހެޅުމަށް ޓަކައި ވޯޓުގެ ކަންތައް މިވަގުތަށް ފަސްކޮށްލަން މުހްޔިއްދީން ބޭނުންފުޅުވަނީ އިދިކޮޅާ ގުޅިގެން އޭނާގެ ސަރުކާރު ދެމެހެއްޓުމަށްޓަކައި ޕާލަމެންޓްގެ ބައެއް މެންބަރުގެ ތާއީދު ހޯދުމުގެ ބޭނުމުގައި ކަމަށް އިދިކޮޅު ދެކެެއެވެ. ޚުދު މުޙްޔިއްދީންވެސް ވަނީ އޭނާގެ ސަރުކާރު ދެމެހެއްޓުމަށްޓަކައި އިދިކޮޅާ ވާހަކަ ދައްކައިގެން އިދިކޮޅުގެ ތާއީދު ހޯދަން ބޭނުންފުޅުވާކަން ހާމަކުރައްވާފައެވެ.

މުހްޔިއްދީން އާ ގުޅެން އިދިކޮޅުން ބޭނުމެއް ނުވޭ

ނަމަވެސް މުހްޔިއްދީންގެ މި ވިސްނުމަށް އިދިކޮޅު ލީޑަރު އަންވަރު އިބްރާހީމް ނިސްބަތްވާ އިދިކޮޅު ކޯލިޝަން "ޕަކަޓާން ހަރަޕަން" އިން ވަނީ ރަސްމީ ކޮށް މިކަމާ ދެކޮޅު ހަދާފައެވެ. އިދިކޮޅު ކޯލިޝަނުން ރަސްމީ ސިފައެއްގައި މިކަމާ ދެކޮޅު ހެދިނަމަވެސް އެކޯލިޝަންގައި ހިމެނޭ ޕާލަމެންޓް ބައެއް މެމްބަރުން ކޯލިޝަނާ ދެކޮޅަށް މުހްޔިއްދީންނަށް ތާއީދުކުރުމަކީ އެކަށީގެންވާކަމެއްކަމަށް މެލޭޝިއާގެ ސިޔާސީ މަސްރަހު އޮބްޒާވް ކުރައްވާ މުހައްލިލުން ދެކެވަޑައިގަންނަވައެވެ.

އިދިކޮޅު ލީޑަެރު އަންވަރު އިބްރާހީމް

އިދިކޮޅު ކޯލިޝަނުން ވަނީ އެކޯލިޝަންގެ ތާއީދު ހޯދުމަށް މުހްޔިއްދީން މަސައްކަތް ކުރެއްވުމަކީ ހަޑިހުތުރު އަމަލެއް ކަމާއި އެއީ ވެރިކަން ދެމެހެއްޓުމަށްޓަކައި ރިޝްވަތު ގެ ބޭނުންކުރަން އުޅުންފަދަ ކަމެއްކަމަށް ސިފަކޮށްފައެވެ.

މުހްޔިއްދީން ވެރިކަން ހޯއްދެވީވެސް އިދިކޮޅާ ގުޅިގެން

ދެހާސް ނަވާރަ ވަނަ އަހަރު އޭރު އިދިކޮޅު ގައި އޮތް ޕާޓީކަމަށްވާ "އުމްނޯ" ގެ ޕާލަމެންޓް ބައެއް މެންބަރުންނާއެކު ހެއްދެވި ސިޔާސީ ޑީލަކާ އެކު ކުއްލި ގޮތަކަށް މެލޭޝިއާގެ ބޮޑުވަޒީރުކަން ހޯއްދެވި މުހްޔިއްދީން ޔާސީން ވެރިކަން ކުރައްވަމުން ގެންދަވާފައިވަނީ ޕާލަމެންޓްގެ ވަރަށް ހަނި އަޣްލަބިއްޔަތަކުންނެވެ. މުހްޔިއްދީންގެ ޑީލްގައި މިހާރުގެ އިދިކޮޅު ކަމަށްވާ "ޕަކަޓާން ހަރަޕަން" ގެ ބައެއް މެންބަރުން އަންވަރަށް ޚިޔާނާތްތެރިވެ މުހްޔިއްދީން އަށް ވަނީ ތާއީދުކޮށްފައެވެ. މުހްޔިއްދީން ސިޔާސީ ޑީލް ހެއްދެވިއިރު ބޮޑުވަޒީރަކަށް ހުންނެވީ މަހާތީރު ބިން މުހައްމަދެވެ.

މި ޑީލްގައި މަހާތީރާ ދެކޮޅަށް އޭނާގެ ޕާޓީގެ ޕާލަމެންޓް ބައެއް މެންބަރުންވެސް ވަނީ މުހްޔިއްދީން އާ ބައިވެރިވެ ވަޑައިގެންފައެވެ. މެލޭޝިއާއަކީ ޕާޓީތަކުގެ ކޯޅުންތައް ބޮޑު ނިޒާމެއް ކަމަށްވާ ބަރުލަމާނީ ނިޒާމު އޮންނަ ގައުމެކެވެ.

މެލޭޝިއާގެ ޕާލަމެންޓްގެ އަޣްލަބިއްތު ލިބޭނީ 112 މެންބަރުންގެ ތާއީދު ލިބިގެންނެވެ. މެލޭޝިއާގެ ޕާލެންޓްގައި ޖުމްލަ 292 ގޮނޑި ހިމެނޭއިރު އޭގެތެރެއިން 70 ގޮޑި އަކީ ސެނެޓްގެ ގޮނޑިތަކެވެ. ޕާލަމެންޓްގައި ހިމެނެނީ 222 ގޮނޑިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް