ފޭކު ސްލިޕްތަކަކުން މިލިއަނެއްހާ ރުފިޔާގެ މުދާ ވަގަށްނެގި މީހެއް ހައްޔަރުކޮށްފި

ފުލުހުންތަކެއް މާލޭގެ މަގެއްމަތީގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފޭކް ބޭންކް ސްލިޕްތަކެއް ދައްކައިގެން މިލިއަނެއްހާ ރުފިޔާގެ މުދާ ވަގަށްނެގި މީހެއް ރޭގެ ވަގުތެއްގައި ފުލުހުން ހައްޔަރުކޮށްފިއެވެ. އެމީހާގެ ބަންދަށް މިހާރު ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތު ޖަހާފައެވެ.

"ސަން" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ރޭ ފުލުހުން ކުރިޔަށް ގެންދިޔަ އޮޕަރޭޝަންއެއްގައި ފޭކް ސްލިޕްތަކެއް ބޭނުންކޮށްގެން ނަގާފައި ހުރި މުދާތަކެއް ފުލުހުން ހޯދާވައިފައިވާކަމަށެވެ.

"ރޭ ކުރިޔަށް ގެންދިޔަ އޮޕަރޭޝަނެއްގަ ފެކް ސްލިޕްތަކެއް ބޭނުން ކޮށްގެން ތިން ފިހާރައަކުން ނަގާފައިވާ މުދާ ހޯދާފައިވޭ،

"އެ މުދާތަކުގެ ތެރޭގައި ކާބޯތަކެތި، ހާޑްވެއާގެ ބައެއް ސާމާނާއި ކަރަންޓު ވަޔަރުތަކެއްވެސް ހިމެނޭ،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އެ މުދާތައް ވަގަށްނެގިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 47 އަހަރުގެ ފިރިހެނެއްކަމަށް ފުލުހުން ބުންޏެވެ.

"އެ މީހާގެ ބަންދުގެ މުއްދަތަށް 15 ދުވަސް ދީފަ އިނީ،" ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހޯދި މުދާތަކުގެ ތެރެއިން ފުލުހުންނަށް މިހާރު އައިޑެންޓިފައި ކުރެވުނު ބައެއް ތަކެތި ވެރި ފަރާތްތަކާއި ހަވާލުކޮށްފައިވާކަމަށެވެ.

އަދޮ މައްސަލައާ ގުޅިިގެން އިތުރު ތަހުގީގުތައް މިހާރު ކުރަމުންދާކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް