ޖާބިރުގެ ވަޓަވަށްރެހާ، ސްރީލަންކާ ކުންފުންޏަކަށް 20 އަހަރަށް ކުއްޔަށް ދެނީ

ގދ. ވަޓަވަށްރެހާ: ވަޓަވަށްރެހާ ސްރީލަންކާ ކުންފުންޏަކަށް 20 އަހަރު ދުވަހަށް ކުއްޔަށް ދޭން ވަނީ ނިންމާފަ --

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ކުންފުންޏަކުން ތަރައްގީ ކުރަމުން އަންނަ ގދ. ވަޓަވަށްރެހާ ސްރީލަންކާ ކުންފުންޏަކަށް 20 އަހަރު ދުވަހަށް ކުއްޔަށް ދޭން ނިންމައިފިއެވެ.

ތަފާތު ސަބަބު ތަކާހުރެ، ހުޅުވުން ލަސްވި ނަމަވެސް ވަޓަވަށްރެހާގެ 95 ޕަސެންޓް މަސައްކަތް މިހާރު ވަނީ ނިންމާފައެވެ.

"ސަން" އާ ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ ވަޓަވަށްރެހާ ދިގު މުއްދަތަކަށް ކުއްޔަށް ދޫކުރުމުގެ ހުރިހާ މުއާމަލާތެއް ނިމިފައިވާ ކަމަށެވެ. އެހެންކަމުން މިހާރު އެއްބަސް ވެފައިވާ ގޮތަށް ކަންކަން ހިނގާނަމަ، އަންނަ ޑިސެމްބަރުމަހު ތެރޭގައި އެ ރަށް އޮޕަރޭޝަނަށް ގެނެވޭވަރު ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ވަގުތު މަޝްވަރާ ކުރަމުން އަންނަނީ އެ ކުންފުނީގެ އެންމެ އިސް ފަރާތާ ކަމަށެވެ.

ޖާބިރު ވިދާޅުވީ ސްރީލަންކާގެ މަޝްހޫރު ކުންފުންޏަކަށް ވަޓަވަށްރެހާ ވިއްކާ ލުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ރާއްޖެއަށް އިތުރު އިންވެސްޓަރެއް ގެނެސް، ދިވެހީންނަށް ވަޒީފާގެ ގިނަ ފުރުސަތު ތަކެއް ފަހިކޮށްދިނުން ކަމަށެވެ.

ވަޓަވަށްރެހާ ވިއްކާލަނީ ސްރީލަންކާގެ ކޮން ކުންފުޏަކަށް ކަމެއް ޖާބިރު ވިދާޅެއް ނުވިއެވެ. ވިދާޅުވީ ވަގުތު ޖެހުމުން އެކަން ހާމަ ކުރައްވާނެ ކަމަށެވެ.

"އެއީ ބިޒްނަސް ސީކްރެޓެއް. އެހެންވީމަ މިވަގުތު އެވާހައެއް ނުދެއްކޭނެ ނޫންތޯ؟،" ޖާބިރު ވިދާޅުވިއެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ ޖާބިރު ވިދާޅުވީ ކުއްޔަށް ހިފާ ފަރާތުން ވަޓަވަށްރެހާ ހިންގާނީ ފަސްތަރީގެ ރިސޯޓެއްގެ ގޮތުގައި ކަމަށެވެ.

"ވަޓަވައްރެހާ ސްރީލަންކާގެ ކުންފުންޏަކުން ކުއްޔަށް އެ ނަގަނީ 20 އަހަރު ދުވަހަށް. އެމީހުންގެ ސުޕަ މާކެޓް ތަކާ ހޮސްޕިޓަލްތައްވެސް ހުރޭ. އެހެންވީމަ އަޅުގަނޑާ އެމީހުންނާ އޮންނަ ގުޅުމެއްގެ ދަށުން އެ ހުރިހާ އެއްޗެއް އަޅުގަނޑު ބޭނުންވަނީ ރާއްޖެއަށް ތައާރަފް ކުރަން. މިހާރު ކުއްޔަށް ހިފާ ފަރާތުން އިންޓަނޭޝަނަލް މެނޭޖްމެންޓުގެ ދަށުން ސީދާ ފައިވް ސްޓަ ފެންވަރުގަ އެ ރަށް އޮޕްރޭޓް ވާނީ،" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ވަޓަވަށްރެހާ މިފަހަރު ހުޅުވާއިރު ހުންނާނީ ޖުމުލަ 150 ކޮޓަރި ކަމަށެވެ. އޭނާ ވިދާޅުވީ އެކި ފެންވަރުގެ ކޮޓަރިތައް ހަދާ މި ރަށުގައި އާންމުކޮށް ރާއްޖޭގެ އެހެން ރިސޯޓުތަކުގައި ހުންނަ ގޮތަށް ބީޗް ވިލާތަކާއި ވޯޓާ ވިލާތައް ވެސް ހުންނާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ވަޓަވައްރެހާ ރިސޯޓުގެ 95 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި އެހެންކަމުން އަންނަ ޑިސެމްބަރު 17 އާއި ހަމައަށް އެ ރަށުގެ އޮޕަރޭޝަން ފެށޭވަރު ވާނެ ކަމަށެވެ.

ޖާބިރު ވިދާޅުވީ ވަޓަވައްރެހާ މީގެ ކުރިން ހުޅުވަން ނިންމާފައިވާ ތާރީޚަށް ނުނިމި ލަސް ވެގެން ދިޔައީ އޭނާއަށް ކުރީގެ ސަރުކާރުން ކުރިމަތި ކުރުވި ތަފާތު ފިއްތުން ތަކާ ގުޅިގެން ލަންޑަނުގައި ހުންނަން ޖެހުމުގެ ސަބަބުން ކަމަށެވެ.

އޭނާ ވިދާޅުވީ ވަޓަވަށްރެހާ ރިސޯޓަށް އޭނާގެ އަތުން 150 މިލިއަން ޑޮލަރު ހޭދަ ކޮށްފައިވާނެ ކަމަށާއި ސަރުކާރުން ކުރިމަތި ކުރުވި ފިއްތުން ތަކުގެ ސަބަބުން އޭނާއަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ކޯޓަށްވެސް ދާނެ ކަމަށެވެ.

"ރައީސް ވިދާޅުވެފަ އޮތީ ކުރީ ސަރުކާރުގަ ގެންލުން ވީ ފަރާތް ތަކަށް ބަދަލު ހޯދައި ދޭނެ ކަމަށް. އެހެން ކިޔާފަ ފައިސާ ދެނީ ގާސިމް އިބްރާހީމް އާއި އިބްރާ އާއި ނޫމަޑި ކިޔާ ބަޔަކަށް. ފައިސާ ދެނީ އެބޭފުޅުންނަށް ފެންނަ ބަޔަކަށް. އެކަމަކު އަސްލު ލާރި ދޭން ޖެހޭ މީހަކަކީ އަޅުގަނޑު. ކޯޓު ތަކުން ހުކުމް ކުރީމަވެސް އަޅުގަނޑަކަށް ނުލިބުނު،" ޖާބިރު ވިދާޅުވިއެވެ.

ވަޓަވައްރެހާ ވިއްކާލަން ނިންމައި 2019 ވަނަ އަހަރުގަވެސް އެރަށް ގަންނަން ބޭނުންވާ މީހުން އެކަމަށް އެދި ޕްރޮޕޯޒަލް ހުށަހަޅަން ޖާބިރުގެ ޔޮޓް ޓުއާސް އިން ފުރުސަތު ހުޅުވައިލިއެވެ.

comment ކޮމެންޓް