5،600 އަށް ކުލި ކުޑަކުރަން ގޮވާލައި އިހުތިޖާޖުކޮށްފި

އޯގަސްޓު 13، 2021: ހިޔާ ފްލެޓް ލިބުނު މީހުން ކުރި އިހުތިޖާޖު. ސަން ފޮޓޯ/އިބްރާހިމް އިފާޒް

ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރުމަށް ގޮވާލާ އެ ފްލެޓުތައް ލިބުނު މީހުން މިއަދު އިހްތިޖާޖްކޮށްފިއެވެ.

މިއަދު ހުޅުމާލެ ފޭސް 2 ގައި ހިޔާ ފްލެޓްތައް ލިބުނު 100 އެއްހާ މީހުން އިހްތިޖާޖް ކޮށްފައިވާއިރު އެމީހުން ގޮވާލަމުން ދިޔައީ އެ ފުލެޓްތަކުގެ ކުލި ކުޑަކުރުމަށެވެ.

އެގޮތުން ފުލެޓްތަކުގެ ކުއްޔަށް 7،500 ރުފިޔާ ނަގާއިރު މެއިންޓެނެންސް ފީ އަށް ނަގާ 1،000 ރުފިޔާ އާއެކު ޖުމްލަ 8،500 ރުފިޔާ ދައްކަން ޖެހެއެވެ.

މިއަދުގެ އިހްތިޖާޖްގެ ބައިވެރިން ހިފަހައްޓައިގެން ތިބި ބޯޑު ތަކުގައި އެމީހުންގެ ޝުއޫރުތައް ފާޅުކޮށްފައިވެއެވެ. ހުރިހާ ބޯޑެއްގެ ފަހަތުގައި ކުލީގެ އަދަދު 5،600 ރުފިޔާއަށް ކުޑަކުރުމަށް ގޮވާލާފައިވެއެވެ.

ހިޔާ ފުލެޓުތަށް ހަވާލުކުރަން ފަށާފައިވާއިރު، ގިނަ ބައެއްގެ ކަންބޮޑުވުމަކަށް ވެފައިވަނީ ފިނިޝިން މަސައްކަތް ނުނިންމާ ހުރުމާއި ކުލި ބޮޑު ކަމުގެ މައްސަލައެވެ.

ހިޔާ ފުލެޓުތަކުގެ ކަރަންޓުގެ މަސައްކަތް އަދި އެއްކޮށް ނުނިމޭއިރު އަދި ކަރަންޓުގެ ހިދުމަތް ފަހިކުރެވިފައެއްނުވެއެވެ. އެޗްޑީސީއިން ބުނެފައިވަނީ މިމަހުގެ 17 އިން ފެށިގެން ފްލެޓުތަކަށް ކަރަންޓު ދޫކުރަން ދާއިމީކޮށް ހުޅުވާލާނެކަމަށެވެ.

ފުލެޓު ލިބުނު ފަރާތްތަކުން ފްލެޓުތަކަށް ބަދަލު ގެންނަން ބޭނުންވާނަމަ ގެންނަން ބޭނުންވާ ބަދަލުތަކަކީ އެކަށީގެންވާ ބަދަލުތަކެއްތޯ ބެލުމަށްފަހު އެފަރާތްތަކަށް ހުއްދަ ދެމުންދާނެ ކަމަށް އެޗްޑީސީއިން ވަނީ ބުނެފައިވެއެވެ.

ހިޔާ ފުލެޓުތަކުގައި ސޮއިކުރަން ފަށާފައިވަނީ މިދިޔަ މަހުގެ 13 ވަނަ ދުވަހުއެވެ. ކުލި ނަގަން ފަށާނީ މި ޑިސެމްބަރު މަހުން ފެށިގެންނެވެ. ހިޔާ ފްލެޓުތަކުގެ ކުލި ބަހާލާފައިވަނީ ޖުމްލަ 25 އަހަރު ދުވަހުގެ ތެރޭގައި ދައްކާ ހަލާސްކުރާ ގޮތަށެވެ.

comment ކޮމެންޓް