"އަހަންނަށް ފެންނަނީ، ލަސްނުކޮށް ތިކަން އޭނައަށް އަންގަން..." ނުހާމް ލަފާ ދިނެވެ.

"އުހުނ... ތިކަމެއް ނުވާނެ..." ޔުނާން ދެކޮޅު ހެދިއެވެ. "އީންއަށް ވާނެގޮތަކާ ދޭތެރޭ ކަލޭމެން އެކަކުވެސް ވިސްނާލިންތަ؟... ވިސްނާލަބަލަ، އޭނައަށް މިކަންތައް އެނގުނީމަ ވާނެގޮތް... އެއްކަމެއް ނުނިމެނީސް، އަނެއްކަމެއް ކުރިމަތިވީމަ، ކިހިނެއް ވާނީ؟... އޭނައަކަށް ހޭންޑްލްއެއް ނުކުރެވޭނެ... މިކަން އީންއަށް ސިއްރުކުރުން އެންމެ ރަނގަޅު ގޮތަކީ..."

އެތެރެއަށް ވަދެގެން ދިޔަ އީންއަށް އިވުނީ ޔުނާންގެ ފަހު ޖުމްލައިގެ އަޑެވެ. ވަގުތުން އީންގެ ފިޔަވަޅުތައް ހުއްޓިއްޖެއެވެ.

************

"ކޮން ކަމެއް ސިއްރު ކުރާށޭ؟..."

އީންގެ އަޑަށް، ޔުނާން އާއި ލަޔާން ފުންމައިގެން ތެދުވިއެވެ. ގޮތް ހުސްވެފައިވާ މީހަކު ފަދައިން، ނުހާމަށް ދެ ލޯ މަރައިލެވުނެވެ.

ތިން މީހުން ވެސް ތިބީ، ކުށްވެރިންތަކެއް ފަދައިންނެވެ. އީން ހުރީ ޝައްކުގެ ނަޒަރަކުން ފަހަރަކު މީހަކާއި ދިމާއަށް ބަލާށެވެ. އެކަކުވެސް ޖަވާބު ނުދިނުމުން އޭނާގެ ޝައްކު ޔަގީނަށް ބަދަލުވިއެވެ.

"އަހަރެން މި އެހީ ކޮންކަމެއްހޭ އަހަންނަށް ސިއްރު ކުރަނީ؟..." އީން އޭނާގެ ސުވާލު ތަކުރާރު ކުރިއިރު، ކުރިއަށްވުރެ އެ އަޑު ބާރެވެ.

ކުރިއަށް ހިނގައިގެން އީން ފެނުމުން، ޔުނާންގެ ނަޒަރު ހުއްޓުނީ، މޭޒުމަތީގައި އޮތް ފައިލަށެވެ. އޭނަ އަވަހަށް އެ ފައިލު ލެއްޕިއެވެ. އެކަން ވީ، އީންގެ ހިތުގައި އުފެދުނު ޝައްކު ޔަގީނަށް ބަދަލުވި ކަމަކަށެވެ. ޔުނާންގެ މޫނުން، ފައިލަށް އީންގެ ނަޒަރު ހުއްޓުނެވެ. އީން ފައިލާއި ދިމާއަށް ދާން ފެށި ތަން ފެނުމުން، ޔުނާންގެ ހިތުގެ ހިނގުން މަޑުޖެހިލިއެވެ.

އީން އައުމުގެ ކުރިން ފައިލު ދަމައިގަތީ، ނުހާމެވެ. ނުހާމް އެ ފައިލު ފުރަގަހަށްލައި ފޮރުވިއެވެ. އީންއަށް އެމަންޒަރު ރީތިކޮށް ފެނުނެވެ.

"ކޯއްޗެއް ތި ފޮރުވަނީ؟..." އީން ސުވާލު ކުރިއެވެ.

"ކަމްއޯން... އަހަންނަށް ފެނިއްޖެއޭ..." ނުހާމްގެ ކައިރިއަށް ޖެހިލަމުން އީން ބުންޏެވެ. "އަހަންނަށް ފެނިއްޖެއޭ މިތާ އޮތް ފައިލު ފޮރުވިތަން..."

ޔުނާންއަށް ހަދަންވީ ގޮތެއް ނޭނގިފައި ހުއްޓައި، ލަޔާން އޭނާގެ ލޮލުގެ އިޝާރާތުން، އީން އެތަނުން ނެރުމަށް އެދުނެވެ.

"އީން ދޫންޏާ!... ދެންމެ އެއްނު ހޮސްޕިޓަލުން ތިއައީ... އަހަރެމެންގެ ތަހުގީގުގަ ބައިވެރި ވެވޭނީ، ވަރަށް ސްޓްރޯންގް މީހުންނަށް... އިހަށް ހިނގާ... ރެސްޓް ކޮށްލާފަ އަންނާނީ..." އީންގެ ކޮނޑުގައި އަތް އަޅުވައިލަމުން ޔުނާން ބުންޏެވެ.

"އެކަމް އަހަންނަށް އަޑު އިވުނޭ، އަހަންނަށް ސިއްރު ކުރާށޭ ކިޔާފަ ކީ އަޑު..." އީން ދާކަށް ނޫޅުނެވެ. "ނުހާމް އެ ފޮރުވަނީއޭ ފައިލު... ދައްކަބަލަ..."

"ބަލާބަލަ މިހާރުވެސް މިއޮއް ލޭ އަންނަނީ... ހިނގާ އަލުން ހޮސްޕިޓަލަށް..." އީންގެ އަތަށް އައިވީ ގުޅާފައި އޮތް ތަނުން ލޭ އަންނަތަން ފެނުމުން ޔުނާން ބުންޏެވެ. "ހޮސްޕިޓަލުންވެސް ހާދަ ފަރުވާކުޑައޭ... މިހާލުގަ މި ކުއްޖާފުޅު ހުއްޓާ، އެކަނި ދޫކޮށްލަން ހެޔޮވެސް ނުވާނެއެއްނު..."

އީން އިތުރު އެއްޗެއް ބުނުމުގެ ކުރިން، ޔުނާން އީން ގޮވައިގެން އެތަނުން ނުކުތެވެ. ޔުނާންގެ ފޯނަށް ކާވިން ގުޅީ އެވަގުތުއެވެ.

"އެންގްރީބާޑް އެ ގުޅަނީ... ކޮން ކަމެއް ލައިގަތީބާ؟..." އީންއަށް ފޯނު ދައްކައިލަމުން ޔުނާން ބުންޏެވެ.

އީން އޭނާގެ ދެލޯ ހަނިކޮށްލިއެވެ. ޔުނާން އެފަދައިން ކާވިންއަށް މުހާތަބު ކުރުމުން، އީން ހުރީ ހިތްހަމަނުޖެހޭގޮތް ވެފައެވެ. ބޮޑެތި މީހުންނަށް އިހުތިރާމް ކުރަން ޔުނާންއަށް އެއްވެސް ވަރަކަށް ނޭނގެއޭ ކިޔައިގެން އީން އެއްޗެހި ކިޔަން ފެށިއެވެ.

"އައްދެ... ކުއްލިއަކަށް އެންގްރީބާޑް ސްމައިލިންބާޑްއަކަށް ބަދަލުވީތަ؟..." ދިމާކުރާ ކަހަލަ ރާގަކަށް ޔުނާން ބުންޏެވެ.

އީން އޭނަގެ ގައިގައި ޖަހާފާނޭހެން ހީވުމުން، ޔުނާން އަވަހަށް ފޯނު ނަގައި ކަންފަތުގައި ޖައްސައިލިއެވެ.

********

އީންމެން ނުކުތުމުން، ލަޔާން އަނެއްކާވެސް ފައިލު ނަގައިގެން އޭގައި ލިޔެފައިވާ އެއްޗެއް ކިޔަން ފެށިއެވެ. އޭނާގެ މޫނުން ކުރިއަށްވުރެ ބޮޑު ހައިރާންކަމެއް ފެނިގެން ދިޔައެވެ.

"ހައު އިޒް ދިސް ޕޮސިބަލް؟... މީގެ ތޭރަ އަހަރު ކުރި... މި ކުއްޖާ، އީންއާ އެހާ ވައްތަރު... އެކްސްގެ އެނބުރި އައުން... އީންއަށް ދާރިޔާގެ ނަމުން މުހާތަބު ކުރުން... މި ހުރިހާ ދުވަހު އެކްސްގެ އެއްވެސް ޚަބަރެއް ނުވެ ހުރެފަ، ކުއްލިއަކަށް އެނބުރި އަންނަން މެދުވެރިވި ސަބަބަކީ ކޮބާ؟... އަނެއްކާ، އެ ސަބަބަކީ އީންއަށް ނުވާނެބާ؟..." ނުހާމަށް ބަލަން އިނދެ، ލަޔާން އެއްފައްޗަކަށް ހުރިހާ ވާހަކައެއް އަމުނައިލިއެވެ.

"ތި ފޮޓޯތައް ފެނުނީމަ، އަހަރެންވެސް މިހުރީ ބުނާނެ އެއްޗެއް ނޭނގިފަ... މިވަގުތު އިހަށް ތިކަން ބާއްވާފަ، ތީގެ ފަހު ގަނޑުގަ އޮތް ތަސްވީރާ، އޭގެ ތިރީގަ ލިޔެފަ އޮތް އެއްޗެއް ކިޔާބަލަ..." ނުހާމް ބުންޏެވެ.

ލަޔާން އަވަސް އަވަހަށް ގަނޑުތައް އުކަން ފެށިއެވެ. ފަހުގަނޑުގައި އޮތް އެއްޗެއް ފެނުމާއިއެކު، އޭނަ ދިޔައީ، ސިއްސައިގެންނެވެ. އެ އަތުން، ފައިލު ދޫނުވީ، ކިރިޔާއެވެ.

ނުހާމް ބުނިހެން ފަހުގަނޑުގައި އެވަނީ، ދާރިޔާ މަރާލާފައި އޮއްވައި ނަގާފައިވާ ތަސްވީރުތަކެކެވެ. ދާރިޔާގެ ދެލޯ ބޮޑުވެ، އަނގަ ވެސް އޮތީ، ހުޅުވިފައެވެ. މެޔަށް ހަންޖަރެއް ހަރާފައިވާއިރު، ކަނދުރާގެ މަތީގައި މާކެއް ޖަހާފައިވާ ތަސްވީރުތަކެއް ނަގާފައި ހުއްޓެވެ. މުޅި ތަނުގައި ހެދިފައިވި ލޭގެ ކޯރުގެ ކައިރީގައި، ބޫޓެއްގެ ފިޔަވަޅުގެ ނިޝާންތަކެއް ފެންނަ ތަސްވީރުތަކެއްވެސް ހުއްޓެވެ.

"ތީގަ ސަސްޕެކްޓަކަށް ޖަހާފަ ތިއޮތީ، އެކްސް... މިހާތަނަށް ވެސް ތި ކޭސް ތިއޮތީ، ހައްލު ނުކުރެވި... ލަޔާން ތި ބުނިހެން، އީންއަށް އެ ދިމާވި ކަންތަކާ، ކުއްލިއަކަށް އެކްސްއެއް އެނބުރި އައުމާ، ހަމަ އެއްގޮތަކަށް މީހުންތަކެއް މެރުމާ، އީންއަށް ގެއްލުން ދިނުމާ، މި ހުރިހާ ކަމަކާ، ތި ކޭސް އާ ވަރަށް އެއްގޮތް ކަންތައްތަކެއް އެބަހުރި..." ނުހާމް ވިސްނާލާފައި ބުންޏެވެ.

ނުހާމްގެ ވާހަކަ ކަނުލާ އަޑު އަހަން އިން ލަޔާންއަށް އެ ވާހަކަތަކަށް އެއްބަސް ވެވުނެވެ. ލަޔާންގެ ހަނދާނަށް އައީ، ހޮސްޕިޓަލުގެ ދޮރުމަތިން ފެނުނު މީހެއްގެ ވާހަކަ ޔުނާން ބުނި ހަނދާނެކެވެ. އޭނަ އެ ވާހަކަ ނުހާމާއި ހިއްސާކުރިއެވެ.

"ނުހާމް!...... ނުހާމްގެ ބައްޕައެއްނު އޭރު މި ކޭސްގަ މަސައްކަތް ކުރީ..... އަހަންނަށް ޔަގީން، ނުހާމްގެ ބައްޕައަށްވުރެ، ރަނގަޅަށް، އަހަރެމެންނަށް މި މައުލޫމާތު ދެވޭނެ އިތުރު މީހަކު ނުހުންނާނެކަން......" އެއްޗެއް ވިސްނާލަން އިނދެފައި، ލަޔާން ބުންޏެވެ.

"ބައްޕަ ދޯ..." ނުހާމް ދޫކޮށްލީ ފުން ނޭވާ އެކެވެ.

ނުހާމްގެ ބައްޕަ އަކީ، ވަޒީފާގެ ސިއްރު ހިފަހައްޓާ މީހެކެވެ. ވަޒީފާގެ އެފަދަ ސިއްރުތަކާއި ބެހޭގޮތުން ސުވާލު ކުރިޔަސް، ބައްޕަގެ ފަރާތުން، އެދެވޭ ޖަވާބެއް ލިބިދާނޭ ކަމާއިމެދު، ނުހާމަށް ޝައްކު ވިއެވެ. ބައްޕަގެ ކައިރިއަށް ދިޔުމަކީ، ނުހާމަށް އޮތް ފަހު "އޮޕްޝަން" އެވެ.

ލަޔާންގެ ފޯނު ރިންގްވާން ފެށިއެވެ. ގުޅީ ސިއްރު މައުލޫމާތުތައް ބަލަހައްޓާ ބައިގައި މަސައްކަތްކުރާ ކުއްޖެކެވެ. ދާރިޔާ އާއި ބެހޭގޮތުން ލިބިފައިވާ މައުލޫމާތުތައް އެ ކުއްޖާއަށް ކިޔައިދިނުމަށްފަހު، އެނގެންހުރި މައުލޫމާތުތައް ހޯދުމަށް ލަޔާން އެކުއްޖާގެ ކައިރިން އެދުނެވެ. ދެ މީހުން އިންތިޒާރު ކުރަމުން ދިޔައީ އެކުއްޖާ ގުޅާނެ ވަގުތަކަށެވެ. މާގިނައިރެއްނުވެ، އެކުއްޖާގެ ކޯލެއް ލަޔާންއަށް ލިބުނެވެ. ލިބުނީ މާ އެދެވޭ ޖަވާބެއް ނޫނެވެ.

"ވަކި ބަޔަކަށް އެކްސަސްވެވޭ ގޮތަށް އެ ފައިލު އިނީ... އަހަރެން ކަހަލަ އާދައިގެ މީހަކަށް އެކަމެއް ނުވާނެ..." އެ ކުއްޖާ ބުންޏެވެ. "ޕާސްވޯޑު ބްރޭކް ކުރެވޭނީވެސް ސެކިޔުރިޓީ އެތައް ފީޗާއެއް ދުއްވާލައިގެން... ކޮންމެ ގޮތަކަށް ކުރިޔަސް، ބަސްޓްވާނެ..."

ފޯނު ބޭއްވިއިރު، ލަޔާންގެ މޫނުން ކުރިއަށްވުރެ ބޮޑު ޝައުގުވެރިކަމެއް ފެނުނެވެ. ފޯނުގެ އަނެއްކޮޅުން ދެއްކި ވާހަކަ ނުހާމަށްވެސް އިވިފައިވާތީ، އޭނާވެސް ހުރީ ސުވާލުމާކެއްގެ ތެރޭގައެވެ.

"އަހަންނަށް އޭރުވެސް ހީވިއޭ، ނުބައެއް އުޅޭހެން... އެހެންނޫނީ، ފުލުހުންގެ ތެރޭގަ މި ރެކޯޑުތައް އެހާ ސިއްރު ކުރުމުގެ މާނައަކީ ކޮބާ؟..." ނުހާމް ވިސްނައިލާފައި ވާހަކަ ދެއްކިއެވެ.

"ދެން އޮތީ އެންމެ ގޮތެއް..." ލަޔާން ވަރަށް ވިސްނައިލާފައި ބުންޏެވެ. "ނުހާމްގެ ބައްޕަ ކިޔާދީފިއްޔާ، އަދިވެސް އަލިމަގެއް ފެނިދާނެ..."

********

އަނދިރި ކޮއްޓެއް ކަހަލަ ކުޑަ ކޮޓަރިގަނޑުގެ ދޮރު ހުޅުވުނެވެ. މާހައުލުގެ ހަމަހިމޭންކަން، ނެތިގެން ދިޔައީ، އިވިގެންދިޔަ ކުރަކި އަޑުންނެވެ. ކޮޓަރި ތެރެއަށް ފަނޑު އަލިކަމެއް ވެރިވިއެވެ. އެ އަލިކަމުގައި ތަނުގެ އެތެރެ ކޮންމެވެސް ވަރަކަށް ފެންނަމުން ދިޔައެވެ.

ކޮޓަރީގެ މެދުގައި ބަހައްޓާފައި ގޮނޑިއެއްގައި ޒުވާން ފިރިހެނަކު އިނެވެ. އެމީހެއްގެ ހަތަރެސްފައި ވަނީ، އެ ގޮނޑި އާއިއެކު ބަނދެފައެވެ. އަނގަމަތީގައި ފޮތިގަނޑެއް އައްސާފައިވާއިރު، ބޯ އޮތީ، އެއް ފަރާތަކަށް އަރިވެފައެވެ. ލައިގެން އިން އަންނައުނުގައި ހިރަފުހުގެ އަސަރު ވިއެވެ. ބޮލުގެ އިސްތަށިގަނޑު އޮތީ، ހޭވިފައެވެ. މޫނުމަތިން ފެންނަމުން ދިޔައީ، ވަރުބަލި ކަމެވެ. މޫނުން ބައެއް ތަންކޮޅުކޮޅުގައި އަނިޔާގެ ނިޝާން ފެންނަން ހުއްޓެވެ. ދެލޯ މެރިފައިވީ، އެ ހަށިގަނޑުގައި އެއްވެސް ހަކަތައެއް ނެތުމުންނެވެ.

ދޮރުމަތިން ކޮޓަރިތެރެއަށް އެޅިގެން ދިޔައީ، ދިގު ހިޔަންޏެކެވެ. އެ މީހަކު ދޮރުމަތީގައި އިރުކޮޅަކު މަޑުކޮށްލައިގެން ހުއްޓެވެ. ދެން މަޑުމަޑުން ކޮޓަރި ތެރެއަށް ވަނެވެ. އިވެމުންދިޔަ ފިޔަވަޅުތަކުގެ އަޑުން މާހައުލުގެ ހިމޭންކަން ނަގާލިއެވެ.

ގޮނޑީގައި އިން މީހާ، ދެ ލޯ ހުޅުވައިލީ، އުނދަގޫ ގޮތަކަށެވެ. ކުޑަކުޑަކޮށް ހުޅުވައިލި ނަމަވެސް، އޭނާ ދެލޯ ބޮޑުވެގެން ދިޔައީ، ކުރިމަތިން އައި މީހާ ފެނުމުންނެވެ. ދެ ފަރާތަށް ބޯ ހޫރަމުން، އެމީހަކު ތެޅެން ފެށިއެވެ. ހަޅޭއްލަވައިގަނެވޭތޯ މަސައްކަތް ކުރަމުން ދިޔަ އެވެ. ސަލާމަތްވުމަށް ކުރެވޭނޭ މާ ބޮޑު ކަމެއް ނެތްކަން އެނގޭ އިރުވެސް މެއެވެ.

ކަޅު ފޭރާމުގައި ހުރި މީހާ ގޮސް، ގޮނޑީގެ ދެ ފަރާތުން އަތްގަނޑުގައި ދެ އަތް އަޅުވައިލިއެވެ. ކުރިމަތީގައި އިން މީހާ އާއި ދިމާއަށް، އޭނާ ގުދުވިއިރު، ދެލޮލުގައި ވަނީ ނުރައްކާތެރި ވިދުވަރެކެވެ.

********

ކާވިން ފޯނު ބޭއްވުމުން، ޔުނާން އީންއަށް ބަލައިލީ ދެލޯ ހަނިކޮށްލަމުންނެވެ. ކަމެއް ގޯސްވެއްޖެކަން އެނގުމުން އީންގެ ހިތް ތެޅިލިއެވެ.

"ބަސްނާހާ ކުއްޖާ... ހޮސްޕިޓަލުން ފިލައިގެން ދޯ އައިސް ތިހުރީ..." ހަރުކަށިގޮތް އަޑަށް ގެންނަމުން ޔުނާން ބުންޏެވެ.

"ޝިޓް... ސަރ ބުނީތަ؟" އީންއަށް އަވަސް އަވަހަށް އަހައިލެވުނެވެ.

"ހޮސްޕިޓަލުން ސަރއަށް ގުޅާފަ ބުނީއޯ..." ޔުނާން އިތުރު ތަފުސީލް ދިނެވެ.

"ކީއްވެ ހޮސްޕިޓަލުން ސަރއަށް ގުޅީ؟..." އީންއަށް އަހައިލެވުނެވެ.

"ނުވިސްނޭ ކުއްޖާ..." އީންގެ ނިތްކުރީގައި އިނގިލި ޖައްސައި މަޑުމަޑުން ކޮއްޕައިލަމުން، ޔުނާން ބުންޏެވެ. "ސަރއެއް ނޫންތަ ތި ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައީ... ދެން އެތަނުގެ ލިޔުންތައް ފުރިހަމަ ކުރާނީ ކާކު؟..."

ކާރަށް އަރާފައި ވެސް އީންއަށް ވިސްނެމުން ދިޔައީ ކާވިން އާއި މެދުގައެވެ. އޭނަ ހަސްފަތާލުން ފިލައިގެން އައިކަން އެނގުމުން ކާވިން ހީކުރާނީ ކީކޭ ހެއްޔެވެ؟ ރުޅި އަންނާނެ ހެއްޔެވެ؟

"ސަރ ކީކޭ ބުނީ؟... ރުޅި އައިއްސަތަ ހުރީ؟..." އީން އަހައިލިއެވެ.

ކާރު ދުއްވަން އިނީ ޔުނާނެވެ. އީން އިނީ ޑްރައިވަރު ޝީޓާއި ޖެހިގެން ހުރި ގޮނޑީގައެވެ. އީންގެ ސުވާލާއިއެކު ޔުނާން ކާރުގެ ދުވެލި މަޑުކޮށްލާފައި އީންގެ މޫނަށް ބަލައިލިއެވެ.

"ތީ މީހަކު އަހާ ކަހަލަ ސުވާލެއްވެސް ނޫނެއްނު..." ޔުނާން ދެ ފަރާތަށް ބޯ ހޫރައިލިއެވެ.

އީންއަށް އިތުރު އެއްޗެއް ބުނާކަށް ނުކެރުނެވެ. ހަސްފަތާލަށް ގޮސްފައި ވެސް، އޭނަ އިނީ ވަރަށް މަޑުންނެވެ. ޔުނާން ހީކުރީ، ދެވަނަ ފަހަރަށް ހަސްފަތާލަށް އަންނަންޖެހުމުން އިން ގޮތެއް ކަމަށެވެ. ހަގީގަތަކީ އީން އިނީ ކާވިން އާއިމެދުގައި ވިސްނަން ކަމެވެ.

އީންގެ ނިދުމުންވެސް، އީންގެ ކައިރީގައި ޔުނާން އެތައް އިރެއް ވަންދެން އިނެވެ. ޔުނާން ދިޔައީ ކާވިން ގުޅާފައި ބައެއް މަސައްކަތްތައް ނިންމާލަދޭން އެދުމުންނެވެ. ކުޑަކޮށް ނިދާލާފައި ހޭލި އީންއަށް ފުރަތަމަ ވެސް ބަލައިލެވުނީ، ފޯނެވެ. ކާވިންގެ މެސެޖެއް ލިބިފައި އޮންނާނެ ކަމަށް އޭނާގެ ހިތް ބުނުމުންނެވެ. ލިބިފައި އޮތީ، ޔުނާންގެ މެސެޖެކެވެ. މުހިއްމު ކަމެއް ޖެހިގެން ދާންޖެހުނީ ކަމުގައި މެސެޖުގައި ލިޔެފައި އޮތެވެ. ކާވިން މެސެޖެއްވެސް ކޮށްނުލުމުން، އީންގެ ތަބީއަތު ބަދަލުވިއެވެ.

އެނދުމަތީގައި ދެފައި ވައްކޮށްގެން އިނދެ، ފޯނަށް ބަލަބަލާފައި އީން ދިޔައީ، ކާވިން އާއި ދިމާއަށް އެއްޗެހި ކިޔަމުންނެވެ. އެންމެފަހުން، ކުޑަ ކުއްޖެއްހެން އެނދުމައްޗަށް ވެއްޓިގަތެވެ. މުޅި އެނދުގައި ފުރޮޅެމުން ދިޔައިރުވެސް، ކާވިން އާއި ދިމާއަށް އެއްޗެހި ކިޔުން ހުއްޓައެއް ނުލައެވެ.

އީން އޮތް ވޯޑުގެ ދޮރު ހުޅުވައިލި ކާވިންގެ ދެލޯ ބޮޑުވިއެވެ. އެނދުގައި ފުރޮޅެމުން ދިޔައީ، އީންކަމަށް ގަބޫލު ކުރަންވެސް އޭނާއަށް އުނދަގޫ ވިއެވެ. ކާވިން ހީކުރީ، ދިމާވި ހާދިސާއަށްފަހު، އީންގެ ސިކުނޑިއަށް ގެއްލުމެއް ލިބުނީ ކަމަށެވެ. ކޮޓަރިއަށް ވަނުމުގެ ބަދަލުގައި އޭނާ އަވަސްވެގަތީ، ޑަކުޓަރަކު ހޯދަން ދިޔުމަށެވެ. ކައުންޓަރުގައި ތިބި ނަރުސް ކުދިންނާއި ހަމައަށް ދެވުނުއިރު، ހާސްވެގެން ކާވިންގެ ނިތްކުރިމަތީން ދާ ހިއްލާލައިފިއެވެ.

ނަރުސް ކުދިންނާއިއެކު، ކާވިން ގޮސް އީންގެ ކޮޓަރި ދޮރުމަތީގައި ހުއްޓުނެވެ. ދޮރު ހުޅުވައިލީ، ކާވިން އެވެ. އެވަގުތު އިވިގެން ދިޔައީ، އީން ރުޅި އައިސްފައި އެއްޗެއް ބުނި އަޑެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު