އަރުނީތާ ބުނަނީ ޕަވަންދީޕް އަކީ ގާތް އެކުވެރިއެއްކަމަށް

އަރުނީތާ އާ ޕަވަންދީޕް---

އިންޑިއަން އައިޑަލް 12 ގެ ފައިނަލިސްޓް ޕަވަންދީޕް ރާޖަން އަކީ ވަރަށް ގާތް ރަހުމަތްތެރިއެއް ކަމަށް އަރުނިތާ ކަންޖީލާލް ބުނެފިއެވެ.

މި ފަހަރުގެ އައިޑަލްގެ މެދެއްހާ ހަމައިން ފެށިގެން ދައްކަމުން އައީ އަރުނީތާ އާ ޕަވަންދީޕް ދެމެދު އޮތް ހާއްސަ ގުޅުމުގެ ވާހަކައެވެ.

މިދިޔަ އެޕިސޯޑުގައި ހާއްސަ މެހެމާނެއްގެ ގޮތުގައި ބައިވެރިވި ކަރަން ޖޯހަރު ވަނީ ޕަވަންދީޕް އާ އަރުނީތާ ލައްވާ "ކުޗް ކުޗް ހޯތާ ހޭ"ގެ ލޯބީގެ ޑައިލޮގެއް ވެސް ކިޔުއްވާފައެވެ. އަދި އެ ގުޅުން ދާއިމަށް ދެމި އޮންނަން ބޭނުންވާ ވާހަކަ ވެސް ކަރަން ވަނީ އެ ޝޯގައި ބުނެފައެވެ.

"ހަމަ ހަގީގަތުގައި ވެސް އަހަރެމެން ދެމީހުން މިއީ ގާތް ރަހުމަތްތެރިން. މި ގުޅުން އެހެން ބައިވެރިންނާ މެދުވެސް އޮވޭ. މިއީ ޝޯއެއް. ގިނަ ކަންތައްތައް މަޖަލަކަށްވެސް ކުރޭ. އެކަހަލަ ކަންތައްތައް ސީރިއަސްކޮށް ނަގާ އެއްޗެއް ނޫން،"

އަރުނީތާ ބުނީ އެހެން ކަމަކާ ވިސްނާލާނެ ފުރުސަތެއް ޝޯގެ ތެރެއިން ނުލިބޭ ކަމަށާއި އެންމެންގެ ފޯކަސް ވެސް ހުރީ އައިޑަލްގެ ޓްރޮފީ ނެގުމަށް ކަމަށެވެ.

އިންޑިއަން އައިޑަލް 12 ގެ ފައިނަލް އަންނަ އާދިއްތަ ދުވަހު ދައްކާއިރު މި ފައިނަލް ވެގެންދާނީ އައިޑަލްގެ ތާރީހުގައި ވެސް ބޭއްވޭ އެންމެ ބޮޑު އެއް ހަފްލާ އަށެވެ.

މި ފަހަރުގެ ފިނާލޭ ކުރިއަށްދާނީ މެންދުރު 12 އިން އެ ރޭގެ މެންދަމު 12 އަށް ޝޯ މެދުކެނޑުމެއް ނެތިއެވެ.

comment ކޮމެންޓް