އިންކަމް ސަޕޯޓަށް އެދި ފޮނުވާ ލިޔުންތަކުގެ ސައްހަކަން ކަށަވަރު ކުރެވޭނެ ނިޒާމެއް ނެތް: އޮޑިޓް

އޭޕްރީލް 19، 2021-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19ގެ ސަބަބުން ވަޒީފާއަށް އަސަރުކުރި މީހުންނަށާއި އާމްދަނީއަށް އަސަރު ކުރި މީހުންނަށް ދޭ އިންކަމް ސަޕޯޓު އެލަވެންސަށް އެދޭ ފަރާތްތަކުން ހުށަހަޅާ ލިޔެކިޔުންތަކުގެ ސައްހަކަން ކަށަވަރު ކުރެވޭނެ ނިޒާމެއް ގައުމީ ފެންވަރުގައި ނެތް ކަމަށް އެ ސްކީމްގެ ޕާފޯމަންސް އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.

އޮޑިޓް އޮފީހުން އާންމުކުރި އިންކަމް ސަޕޯޓް އެލަވަންސް ސްކީމުގެ ޕާފޮމަންސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި އެލަވަންސަށް އެދި ހުށަހަޅާފައިވާ ފަރާތަށް އިތުރު އާމްދަނީއެއްގެ ގޮތުގައި މަހެއްގެ މައްޗަށް 5،000 ރުފިޔާއަށްވުރެ ދަށް އަދަދެއް ލިބޭނަމަ، އެފަރާތަށް ދެވޭ އެލަވަންސްގެ އަދަދަކީ 5000 ރުފިޔާއިން އެ އަދަދު އުނިކުރުމަށްފަހު ބާކީ ޖެހޭ އަދަދު ކަމަށް އިންކަމް ސަޕޯޓް އެލަވަންސް ސްކީމް ދިނުމުގެ އުސޫލުގައި ބަޔާންކޮށްފައިވެ އެވެ. އެއީ އެ އުސޫލުގެ ދެވަނަ ޗެޕްޓަރުގެ ހަ ވަނަ މާއްދާގެ (ނ)ގައެވެ.

އެހެން ނަމަވެސް އެލަވަންސަށް އެދޭ ފަރާތްތަކަށް އިތުރު އާމްދަނީއެއް ލިބޭކަން ކަށަވަރު ކުރެވޭނެ ނިޒާމެއް ނެތް ކަމަށް އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. އަދި އެލަވަންސަށް އެދި ހުށަހަޅާ ލިޔެކިޔުންތަކުގެ ސައްހަކަން ކަށަވަރު ކުރުމުގައި އިކޮނޮމިކް މިނިސްޓްރީއަށް ދަތިތަކެއް ހުރިކަމަށް ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އެގޮތުން 2020ގެ ޑިސެމްބަރުގެ ނިޔަލަށް އެ މިނިސްޓްރީއާއި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ސިސްޓަމްތަކާ ގުޅުވާލެވިފައި ނެތުމުގެ ސަބަބުން އިންކަމް ސަޕޯޓް އެލަވަންސްގެ ފުރަތަމަ އަދި ދެވަނަ ފިޔަވަހީގައި އެލަވަންސަށް އެދުނު ފަރާތްތަކަށް އެހެން އާމްދަނީއެއް ލިބުނު ނަމަވެސް، އެކަން ދެނެގަނެވޭނެ ގޮތެއް ނެތް ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ނަގުދު ފައިސާއިން އާމްދަނީ ލިބޭ ގިނަ ފަރާތްތަކަކީ މާލީ ނިޒާމުގެ ތެރެއަށް ވަންނަ ފަރާތްތަކަށް ނުވުމުގެ ސަބަބުން އެފަދަ ފަރާތްތަކުން އެލަވަންސަށް އެދި ހުށަހެޅި ނަމަވެސް، އެފަދަ ފަރާތްތަކުގެ އާމްދަނީ ކަށަވަރު ކުރެވޭނެ ގޮތެއް ނެތް ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

"މިހެންވުމުގެ ސަބަބުން އާމްދަނީ ލިބޭ ފަރާތްތަކަށްވެސް އޮޅުވާލުމެއްގެ ތެރެއިން އެލަވަންސަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވިފައިވާ ކަމާއި އިންކަމް ސަޕޯޓަށް ޝަރުތު ހަމަނުވާ ފަރާތްތަކަށް އެލަވަންސް ދެވުމުގެ ހިރާސް އޮތް ކަން ފާހަގަކުރަން،" އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

އިންކަމް ސަޕޯޓަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެ ތެރެއިން އަނބުރާ ފައިސާހޯދަންޖެހޭ އެޕްލިކޭޝަންގެ ގޮތުގައި 217 އެޕްލިކޭޝަނެއް އޮޑިޓަށް ވަނީ ފާހަގަވެފަ އެވެ. އޭގެ ތެރޭގައި ގިނަ ނުވަތަ 60 އެޕްލިކޭޝަނަކީ ވަޒީފާގައި އުޅެމުންދިޔަ ފަރާތްތަކަށް އެލަވަންސް ދެވިފައިވުމުން އަނބުރާ ފައިސާ ހޯދަން ޖެހޭ އެޕްލިކޭޝަންތަކެވެ.

އެފަދަ ކޭސްތައް ފާހަގަވާން ފެށީ އިކޮނޮމިކް މިނިސްޓްރީއާއި ކަމާގުޅޭ އެހެން އިދާރާތަކުގެ ސިސްޓަމްތައް ގުޅުވާލުމުންނެވެ. އަދި ވަކިވަކި އަތޮޅުތަކަށް އިންކަމް ސަޕޯޓް ދީފައިވާ ގޮތް ބަލަން ފަށައި، ފާހަގަވި 217 ފަރާތަކާ ގުޅޭ އެފަދަ މައްސަލަތަކުން ދައުލަތަށް 409،969 ރުފިޔާ އަނބުރާ ލިބެންޖެހޭ ކަމަށް މިނިސްޓްރީން ފާހަގަކޮށްފައިވާ ކަމަށާއި އެ ފައިސާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

މިކަން އިސްލާހު ކުރުމަށް އޮޑިޓް ރިޕޯޓުގައި މައިގަނޑު ތިން ލަފައެއް ވަނީ ދީފަ އެވެ. އެއީ؛

  • އިންކަމް ސަޕޯޓު ދީފައިވާ ފަރާތްތަކުގެ ލިޔުންތައް ރިވިއުކޮށް، ޝަރުތު ހަމަނުވާ ފަރާތްތަކަށް ދެވިފައިވާ އެލަވަންސް އަނބުރާ ހޯދުން އަވަސްކޮށް، އެފަދަ ފަރާތްތަކުގެ މައްސަލަ ކަމާބެހޭ އިދާރާތަކަށް ހުށަހެޅުން
  • މުސްތަގްބަލުގައިވެސް މިފަދަ ސްކީމެއް ތައާރަފުކުރަން ޖެހިދާނެ ކަމަށް ބަލައި، އިކޮނޮމިކް މިނިސްޓްރީން އިސްނަގައިގެން ކަމާބެހޭ އިދާރާތަކާ ގުޅިގެން އިގްތިސާދުގެ ރަސްމީ ދާއިރާއާއި ނުރަސްމީ ދާއިރާވެސް ހިމެނޭ ގޮތަށް އެކި ގޮތްގޮތުން އާމްދަނީ ލިބޭ ފަރާތްތަކުގެ ރަޖިސްޓްރީއެއް ގާއިމުކުރުން
  • މިފަދަ ސްކީމްތައް ފެށުމުގެ ކުރިން ތަޖުރިބާކާރުންގެ އެހީގައި "ފްރޯޑް ރިސްކް އެސެސްމަންޓް" އާއި "އިންޓާނަލް ކޮންޓްރޯލް އެސެސްމަންޓް" ހެދުން

އިންކަމް ސަޕޯޓު އެލަވަންސް ދޭން ފެށީ 20 މެއި 2020 ގައެވެ. އޭގެ ފަހުން 18 މާޗު 2021ގެ ނިޔަލަށް 132،363 ފަރާތަކުން ވަނީ އެޕްލިކޭޝަން ހުށަހަޅާފައެވެ. އޭގެ ތެރެއިން ޝަރުތު ހަމަވަނީ 93،544 ނުވަތަ 90 ޕަސެންޓް އެޕްލިކޭޝަނެވެ.

ޝަރުތު ހަމަވި ފަރާތްތަކުގެ ތެރެއިން 18 މާޗު 2021ގެ ނިޔަލަށް ފައިސާ ދޫކޮށްފައިވަނީ 80،750 އެޕްލިކޭޝަނަށެވެ.

comment ކޮމެންޓް