ސަރުކާރު މުވައްޒަފުން ވެކްސިން ފުރިހަމަ ނުކުރާ ނަމަ ކޮންމެ ދެ ހަފްތާއަކުން ޕީސީއަރު ހަދަންޖެހޭނެ

މާޗް 25، 2021: ވެލާނާގެ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ޑޯޒްތައް ފުރިހަމަ ނުކުރާ ސިވިލް ސާވިސްގެ މުވައްޒަފުން އަންނަ މަހުން ފެށިގެން، ކޮންމެ ދެ ހަފްތާއަކުން ޕީސީއާރު ޓެސްޓު ހަދަންޖެހޭ ގޮތަށް ހަމަޖައްސައިފިއެވެ.

ސިވިލް ސާވިސް ކޮމިޝަނުން މިއަދު އާންމުކުރި، ވަޒީފާއަށް ނުކުތުމުގައި އަމަލުކުރަންވީ ގޮތާ ބެހޭ ގަވާއިދުގައިވާ ގޮތުން، ސަރުކާރު މުވައްޒަފުންގެ ތެރެއިން ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަކޮށްފައި ނުވާ މުވައްޒަފުންނަން ސެޕްޓެމްބަރު އެކަކުން ފެށިގެން ވަޒީފާއަށް ނުކުމެވޭނީ ޕީސީއާރު ޓެސްޓު ހަދައިގެންނެވެ.

އަދި އެއަށްފަހު ކޮންމެ 14 ދުވަހަކުން ޕީސީއާރު ޓެސްޓު ހަދައިގެން ވަޒީފާއަށް ނުކުތުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގާފައިވާ ކަަމަށް ސިވިލް ސާވިސް ކޮމިޝަނުން ބުނެއެވެ.

އޭގެ އިތުރުން ކޮވިޑުން ރައްކާތެރިވުމަށް، ސަރުކާރު މުވައްޒަފުގެ ތެރެއިން ވެކްސިން ޖެހުމުގެ ޝަރުތު ފުރިހަމަވާ މުވައްޒަފުން ވެކްސިން ޖެހުމަށް ސިވިލް ސާވިސް ކޮމިޝަނުން ވަނީ އެދިފައެވެ.

އެހެންކަމުން އަންނަ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ސަރުކާރު މުވައްޒަފުންގެ ތެރެއިން ވެކްސިން ޖެހުމަށް ޝަރުތު ފުރިހަމަވެ ވެކްސިން ޖަހާފައި ނުވާ މުވައްޒަފުން، އެޗްޕީއޭގެ ގަވާއިދާ އެއްގޮތަށް އަމަލުކުރާކަން ސިވިލް ސާވިސްގެ އިދާރާތަކުން ކަށަވަރުކުރަމުން ގެންދިއުމަށް އެ ކޮމިޝަނުން ވަނީ އަންގާފައެވެ.

ސަރުކާރުގެ ހުރިހާ މުވައްޒަފުން ވެކްސިން ފުރިހަމަ ކުރުމަށް މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވެސް ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި ވެކްސިން ނުޖަހާ މީހުންނާމެދު ތަފާތުކޮށް އަމަލުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

އެގޮތުން ވެކްސިން ނުޖަހާ ސަރުކާރު މުވައްޒަފުންގެ ކަރަންޓީނު މުއްދަތު އެމީހުންގެ އަހަރީ ޗުއްޓީގައި ހިމެނުމަށްވެސް މިހާރު ވަނީ މަޝްވަރާތަކެއް ކުރެވިފައެވެ.

https://sun.mv/155270

އޭގެ އިތުރުން ވެކްސިން ފުރިހަމަ ނުކުރާ ޓީޗަރުންތަކެއްވެސް މި ފަހުން ވަނީ ވަޒީފާގެ މަސްއޫލިއްޔަތު ތަކުން އެކަހެރިކޮށްފައެވެ.

މި މަސް ނިމުމުގެ ކުރިން ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ 90 ޕަސެންޓު ވެކްސިން ފުރިހަމަ ކުރުމަކީ ސަރުކާރުގެ އަމާޒެއް ނަމަވެސް، މިހާތަނަށް ވެކްސިން ފުރިހަމަކޮށްފައި ވަނީ 69 ޕަސެންޓު މީހުންނެވެ. އަދި އާބާދީގެ 80 ޕަސެންޓު މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ.

comment ކޮމެންޓް