ޖޮއިންޓް ވެންޗާއާއެކު ގައުމީ އެއާލައިނުގެ ޝަރަފު ގެއްލޭނެ: ސައީދު

އޮކްޓޫބަރ 15، 2019: ކުރީގެ އިކޮނޮމިކް މިނިސްޓަަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު -- ސަން ފޮޓޯ/ ފަޔާޒުމޫސާ

ގައުމީ އެއާލައިން މޯލްޑިވިއަން ހިންގުމަށް ބޭރުގެ ކުންފުންޏަކާއެކު ޖޮއިންޓް ވެންޗާއެއް ހަދާ ހިސާބުން ދިވެހިންގެ އަތުން "ގައުމީ އެއާލައިން" ގެ ޝަރަފު ގެއްލިގެން ދާނެކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާލުވެއްޖެއެވެ.

މޯލްޑިވިއަން ހިންގުމަށް ބޭރުގެ ކުންފުންޏަކާއެކު ޖޮއިންޓް ވެންޗާއެއް ހަދަން މަޝްވަރާކުރަމުންދާކަމަށް އިއްޔެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އިއުލާންކުރައްވާފައެވެ. އެކަމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވާ ސައީދު "ސަން" އަށް ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކަކީ ރައްޔިތުންގެ ހަރުމުދާ ކަމަށެވެ. އަދި ވެންޗާއެއް ހެދުމުން އެކަމުން ނިކުންނާނެ އެތައް ގެއްލުމެއް އެބަހުރިކަމަށެވެ.

"އެތައް ކުރިއެރުމެއް ހޯދަމުން އައި ކުންފުންޏެއް ކުއްލިއަކަށް ޖޮއިންޓް ވެންޗާއެއްގެ ނަމުގައި ވިއްކާލަނީ މި،" ސައީދު ވިދާޅުވިއެވެ.

ސައީދު އިތުރަށް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި މޯލްޑިވިއަން އަށް ބޮޑެތި ކާމިޔާބީތަކެއް ލިބިފައިވާކަމަށެވެ. އަދި ކުރީގައިވެސް އެ ކުންފުނި ހިންގީ ގެއްލުމުގައިކަމަށް ރައީސް އިބްރާހިމް މުހައްމދު ސޯލިހު ވިދާޅުވެފައިވީނަމަވެސް އެކަންވެސް ސައީދު ވަނީ ދޮގުކުރައްވާފައެވެ.

އަދި ރައީސް ހެޔޮއެދިވަޑައިގެން ކަމެއް ކުރައްވާނަމަ ކުރީގެ ހާލަތާ އަޅާ ކިޔުއްވާ އިތުރަށް މައްސަލަ ގޯސްކުރައްވަންވީ ސަބަބެއް ނެތްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ކަނޑައެޅިގެން ދޮގެއް އެއީ. ހިސާބުތައް ބަލައިލީމާ ވަރަށް ރަނގަޅަށް ފެނިގެންދާނެ. 2013 އިން 2018 އަށް ރައީސް ޔާމީނުގެ ވެރިކަމުގައި ގައުމީ އެއާލައިން ވަނީ ވަރަށް ބޮޑަށް ކުރިއަރައިގެން ގޮސްފައި،"

"ޗައިނާގެ ވެސް ހަތް ސްޓޭޓަކަށް ދަތުރުކޮށް ހަމަ ބައިވަރު ފަތުރުވެރިން ގެނައި. ދެން ސީޕްލޭން އޮޕަރޭޝަންތައްވެސް އިތުރުވެގެންދިޔަ. މިހެން ގޮސް ވަރަށް ބައިވަރު ކުރިއެރުން ލިބިގެންދިޔަ،" ސައީދު ވިދާޅުވިއެވެ.

ހަމައެއާއެކު ސައީދު ވިދާޅުވީ އެމްޑީޕީ ވެރިކަމަށް އަންނަ ކޮންމެ ފަހަރަކުވެސް ދައުލަތުގެ ހަރުމުދާތައް ވިއްކަމުން އަންނަ ކަމަށެވެ.

"ސީޕްލޭން ޓާމިނަލެއް ހެދިފައި ހުންނަތާވެސް ދެ އަހަރުވަނީ މި. އެތަންވެސް ނުހުޅެވޭ. ރަންވޭ ނިމިފައި ހުންނަތާވެސް އެތައް ދުވަހެއް. އެތަންވެސް އޮތީ. މިކަހަލަ އެތައް ކަމެއް،" ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ މި ސަރުކާރުގައި އިގްތިސާދީ ހަރުދަނާ އެއްވެސް ސިޔާސަތެއް ނެތްކަމަށެވެ. މީގެ އިތުރުން ހާލަތު ރަނގަޅުކުރުމުގެ ގާބިލްކަންވެސް ސަރުކާރުގެ ކިބައިގައި ނެތްކަމަށެވެ. އަދި ކުރިޔަށް އޮތް ރިޔާސީ އިންތިހާބު ޕީޕީއެމް ކާމިޔާބުކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއެކު އަލުން އިގްތިސާދު އާރާސްތުކުރުމުގެ މަސައްކަތް ފައްޓަވާނެކަމަށެވެ.

comment ކޮމެންޓް