ސެމްސަންގުން އަނެއްކާވެސް ފަތްޖަހާލެވޭ ފޯނުތަކެއް، ކުރީގެ މޮޑެލްތަކަށް ވުރެ އަގުހެޔޮ

ސެމްސަންގުގެ ޒީ ފްލިޕް 3 (ވ) އަދި ޒީ ފޯލްޑް 3 -- ފޮޓޯ: ސެމްސަންގް

ސެމްސަންގުން އަނެއްކާވެސް ދެ ގޮތަކަށް ފަތްޖަހާލެވޭ، އާ ދެ ސްމާޓްފޯނު ދައްކާލައިފިއެވެ.

ސެމްސަންގުން އިއްޔެ އޮންލައިންކޮށް ބޭއްވި "އަންޕެކްޑް" ހަފްލާގައި އެ ކުންފުނިން ވަނީ ގެލެކްސީ ޒީ ފްލިޕް 3 އާއި ގެލެކްސީ ޒީ ފޯލްޑް 3ގެ ނަން ދީފައިވާ ދެ ފޯނެއް ދައްކާލާފައެވެ.

މިމަހުގެ 27 އިން ފެށިގެން ވިއްކަން ފަށާ އެ ދެ ފޯނުގެ ތެރެއިން ޒީ ފްލިޕް 3ގެ އަގަކީ 999 ޑޮލަރެވެ. އެއީ ފަތްޖަހާލެވޭ ސްމާޓްފޯނެއްގެ އަގު 1،000 ޑޮލަރަށް ވުރެ ދަށް އަގަކަށް ވިއްކާ ފުރަތަމަ ފަހަރެވެ. އަދި ޒީ ފޯލްޑް 3ގެ އަގަކީ 1,799 ޑޮލަރެވެ.

ފަތްޖަހާލެވޭ ސްމާޓްފޯނުތައް 2019 ގައި ތައާރަފް ކުރަން ފެށި އިރު އެ ފޯނުތަކުގެ އަގު އުޅުނީ ގާތްގަނޑަކަށް 2،000 ޑޮލަރުގައެވެ.

ޒީ ފްލިޕް 3 އަކީ 1990 ގެ އަހަރުތަކުގައި މަޝްހޫރުވި ފްލިޕް ފޯނުތަކާ އެއްގޮތަށް ފަތްޖެހޭ ފޯނެކެވެ. އޭގައި 6.7 އިންޗީގެ ސްމާޓް ސްކްރީނެއް ހަރުކޮށްފައިވާ އިރު، ފަތްޖަހާލުމުން ބޭރަށް ފެންނަން ހުންނަ ފަރާތުގައި ނޮޓިފިކޭޝަންސް ފަދަ މައުލޫމާތު ދައްކައި ދިނުމަށް 1.9 އިންޗީގެ ޑިސްޕްލޭއެއް ހުރެއެވެ.

ސެމްސަންގް ޒީ ފްލިޕް 3 -- ފޮޓޯ: ސެމްސަންގް

ޒީ ފްލިޕް 3 އަކީ އޭގެ ކުރިން ނެރެފައިވާ ޒީ ފްލިޕްއަށް ވުރެ ކުޑަ އަދި ވަރުގަދަ ފޯނެކެވެ. އެގޮތުން އޭގައި ހިމަނާފައިވާ ބިއްލޫރި އާއި އެލުމިނިއަމް ކުރިއަށް ވުރެ ވަރުގަދަ ވާނެ ކަމަށް ސެމްސަންގުން ބުންޏެވެ.

ޒީ ފްލިޕް 3 އާ ހިލާފަށް ޒީ ފޯލްޑް 3 އަކީ ފޮތެއް ގޮތަށް ލައްޕާލެވޭ ފޯނެކެވެ.

އެ ފޯނު ލައްޕާފައި އޮންނަ އިރު 6.2 އިންޗީގެ ސްކްރީނެއް ފެންނަން ހުރެ އެވެ. އަދި ފޯނު ހުޅުވާލުމުން 7.6 އިންޗީގެ ޑިސްޕްލޭއެއް ފެންނާނެއެވެ. އެ ފޯނުގެ ފުރަގަހުގައި ހުންނަ ތިން ކެމެރާގެ އިތުރުން ޑިސްޕްލޭގެ ދަށުގައި ފޮރުވާފައިވާ ސެލްފީ ކެމެރާއެއްވެސް ހިމަނާފައިވެއެވެ.

ސެމްސަންގުން ބުނި ގޮތުގައި ޒީ ފޯލްޑް 3ގެ ސްކްރީނުގައި ހަރުކޮށްފައިވާ 'ޕްރޮޓެކްޓިވް ފިލްމު' ޒީ ފޯލްޑް 2 އަށްވުރެ 80 ޕަސަންޓު މާ ވަރުގަދަ ވާނެއެވެ.

އަދި އެ ފޯނުގެ ފްރޭމް ހަދާފައި ވަނީ ކުރީގެ މޮޑެލްތަކުގައި ބޭނުން ކުރި އެލުމިނިއަމަށް ވުރެ 10 ޕަސެންޓު ވަރުގަދަ އެލުމިނިއަމްއިން ކަމަށް އެ ކުންފުނިން ފާހަގަ ކުރިއެވެ.

އެ ދެ ފޯނުގެ އިތުރުން ސެމްސަންގުން ވަނީ އާ ދެ ސްމާޓްވޮޗް ކަމަށްވާ ގެލެކްސީ ވޮޗް 4 އާއި ގެލެކްސީ ވޮޗް 4 ކްލެސިކްވެސް ދައްކާލާފައެވެ. އަދި ބޮޑު ތަރުހީބެއް ލިބޭ ގެލެކްސީ ބަޑްސްގެ އިތުރު ވާޝަންއެއްވެސް ނެރެފައެވެ.

ސެމްސަންގް ގެލެކްސީ ވޮޗް 4 (ވ) އަދި ސެމްސަންގް ގެލެކްސީ ވޮޗް 4 ކްލެސިކް -- ފޮޓޯ: ސެމްސަންގް

ގެލެކްސީ ވޮޗް 4ގައި ބޭނުން ކުރަނީ ސެމްސަންގާއި ގޫގުލްއިން ގުޅިގެން އުފައްދާފައިވާ "ވެޔާ އޯއެސް 3" ސޮފްޓްވެޔާއެވެ. އެހެންކަމުން އޭގެއިން ދެ ކުންފުނީގެ އެޕްތަކާއި ހިދުމަތްތައް ފެނިގެންދާނެއެވެ.

މީގެ އިތުރުން އެ ގަޑިތަކުން ހާޓް ރޭޓާއި ހާޓްބީޓް ރިދަމް ރެކޯޑު ކުރެވޭނެއެވެ. އަދި އޭގައި ތަފާތު 100 ފިޓްނެސް ހަރަކާތްތައް ޓްރެކް ކުރެވޭނެ ގޮތް ހަދާފައިވެއެވެ.

ގެލެކްސީ ވޮޗް 4ގެ އަގު 249.99 އަށް އަރާ އިރު ގެލެކްސީ ވޮޗް 4 ކްލެސިކްގެ އަގު 349.99 ޑޮލަރަށް އަރައެވެ. އަދި ކުރީގެ ގެލެކްސީ ބަޑްސްއަށް ވުރެ މާ ލުއިކޮށް އަދި ކުޑަކޮށް ހަދާފައިވާ ގެލެކްސީ ބަޑްސް 2 ވިއްކަނީ 149 ޑޮލަރަށެވެ.

comment ކޮމެންޓް