ޕެނަލްޓީގައި ވިލަރެއާލް ބަލިކޮށް ޗެލްސީ ސުޕަ ކަޕް ކާމިޔާބުކޮށްފި

ޕެނަލްޓީ ޝޫޓްއައުޓުގެ ތެރެއިން ޗެލްސީ ކުޅުންތެރިން--- ފޮޓޯ: އޭއެސް

ޔުއެފާ ސުޕަ ކަޕުގައި ވިލަރެއާލް އާއި ޗެލްސީ ވާދަކުރި މެޗު ޕެނަލްޓީ ޖަހައިގެން ޗެލްސީއިން ކާމިޔާބުކޮށްފިއެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު މެޗުގެ ނަތީޖާ ވަނީ 1-1 އެއްވަރުވެފައެވެ.

މެޗު ފަށައިގެން މާގިނަ އިރެއްނުވެ އެންގޮލޯ ކާންޓޭ ފޮނުވާލި ހަމަލާ ދިޔައީ ވިލަރެއާލް ގޯލު ދަނޑި ކައިރިން ބޭރަށެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ޗެލްސީއިންނެވެ. މިލަނޑު އެޓީމަށް މެޗުގެ 27 ވަނަ މިނިޓުގައި ޖަހައިދިނީ އެޓޭކިން މިޑްފިލްޑަރު ހަކީމް ޒިއެޗްއެވެ.

ޒިއެޗް މިލަނޑު ޖެހީ ކައި ހަވާޓްޒް ހުސްކޮށްލާފައި ތިރި ތިރިން ދިން ބޯޅައެއް ގޯލުގެ ތެރެއަށް ވައްދާލާއިގެންނެވެ.

މެޗުގެ ފުރަތަމަ ހާފު ކޮންޓްރޯލްކޮށް ޗެލްސީއިން ރަނގަޅު ކުޅުމެއް ދެއްކިއެވެ. ނަމަވެސް ދެވަނަ ހާފު ފަށައިގެން ވިލަރެއާލްއިން އެޓީމުގެ އެޓޭކު ވަރުގަދަކޮށް ރަނގަޅު ހަމަލާތަކެއް އުފެއްދިއެވެ.

އެގޮތުން 52 ވަނަ މިނިޓުގައި ފޯވާޑް ޖެރާޑް މޮރޭނޯ ބޯޅަ ހިފައިގެން ވަދެ ޗެލްސީ އޭރިއާ ތެރެއިން ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

73 ވަނަ މިނިޓުގައި މޮރޭނޯ ޗެލްސީގެ ޑިފެންސް ލައިނު ފޫއަޅުވާލިއެވެ. ޗެލްސީގެ އޭރިއާ ތެރެއިން ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު ބޫލޭ ޑިއާ ފަހަތަށް ހުސްކޮށްލި ބޯޅަ ލިބުނީ މޮރޭނޯއަށެވެ.

އޭނާ ވަނީ އެބޯޅަ ކާނާތު ފައިން ގޯލުގެ މަތީ ދުރުކަނަށް ވައްދާލައި މެޗުގެ ނަތީޖާ އެއްވަރުކޮށްލާފައެވެ.

މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ޗެލްސީގެ ކްރިސްޓިއަން ޕުލިސިޗްއަށް މެޗު ނިންމާލަން ރަނުގެ ފުރުސަތެއް ލިބުނެވެ. ނަމަވެސް ގޯލު ކައިރިން އޭނާ ފޮނުވާލި ހަމަލާ ދިޔައީ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

ފުރަތަމަ ޕެނަލްޓީ ޖެހީ ޗެލްސީއިންނެވެ. ކައި ހަވާޓްޒް ފޮނުވާލި ޕެނަލްޓީ ކާމިޔާބުވާގޮތެއް ނުވިއެވެ. ވިލަރެއާލްގެ ފުރަތަމަ ޕެނަލްޓީ ޖެހީ މޮރޭނޯއެވެ. އޭނާ ވަނީ ޔަގީން ކަމާއެކު ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން ޕެނަލްޓީ ކާމިޔާބުކޮށްފައެވެ.

ޗެލްސީގެ ކެޕްޓަން އަޒްޕިލިކުއެޓާ ވަނީ ގޯލުގެ ކަނާތު ފަޅިއަށް ޖަހައި ޕެނަލްޓީ ގޯލަށް ވައްދާފައެވެ. ވިލަރެއާލްގެ ދެވަނަ ޕެނަލްޓީ ޗެލްސީގެ ކީޕަރު ކެޕާ ވަނީ މަތަކޮށްފައެވެ.

ވިލަރެއާލްގެ ފަހު ޕެނަލްޓީ ޖެހީ ކެޕްޓަން ރައުލް އަލްބިއޯލްއެވެ. އޭނާ ފޮނުވާލި ބޯޅަ ކެޕާ ވަނީ ދިފާއުކޮށްފައެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ޕެނެލްޓީ ޝޫޓްއައުޓަށް ނިކުތް ކެޕާ ވަނީ ޗެލްސީއަށް ސުޕަ ކަޕް ހޯދައި ދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

comment ކޮމެންޓް