މަޖިލީހުގެ މެޖޯރިޓީ އޮތީ އަޅުގަނޑަށް: ރައީސް

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންގެ ތާއިދު މިހާރު އޮތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކަމަށް ރައީސް މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލު ކުރައްވަމުން ރައީސް ވިދާޅުވީ ވެރިކަމުގައި އޮންނަ އިރު ކޮންމެ ސަރުކާރަކަށްވެސް މަޖިލީހުގެ އަޣްލަބިއްޔަތު އޮތުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އަދި އެ އަޣްލަބިއްޔަތު ނެތި ވެރިކަން ކުރަން ވަރަށް އުނދަގޫ ވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން 2008އިން ފެށިގެން ރާއްޖޭގައި އޮތް ކޮންމެ ސަރުކާރެއްގެ ވެރިކަމުގައިވެސް އެކަން ސާބިތުވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމްޑީޕީ ފުރަތަމަ ވެރިކަމާ ހަވާލުވި އިރުގަ އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގެ ފަހުކޮޅުގައި މަޖިލީހުގެ އަޣްލަބިއްޔަތު ގެއްލުމުން ވެރިކަމަށް ވަރަށް ބޮޑެތި ހުރަސްތަކާއި ގޮންޖެހުންތައް ދިމާވި ކަމަށެވެ.

"އަޅުގަނޑު ވެރިކަމުގައި ހުންނައިރުގައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހޯދަން އަޅުގަނޑު ބޭނުން. އިރާދަކުރެއްވިއްޔާ މިއަދު އަޅުގަނޑު މިހުރީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއާ އެކީގައި. އެހެންވީމަ ސަރުކާރުން ސްމޫތުކޮށް ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އަޅުގަނޑު ހިފަހައްޓާނަން،" ރައީސް ވިދާޅުވި އެވެ.

ރާއްޖޭގައި މިހާރު ވެރިކަން ކުރާ އެމްޑީޕީގެ ތެރޭގައި މިހާރު ވަނީ ދެ ފެކްޝަނެއް އުފެދިފައެވެ. އެއީ މަޖިލީހުގެ އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނާއި ރައީސް ސޯލިހުގެ ފެކްޝަނެވެ.

މީގެ ކުރިން ރައީސް ނަޝީދު ވަނީ ރައީސް ސޯލިހާއެކު ސިޔާސީ ގޮތުން މަސައްކަތް ނުކުރެއްވޭނެ ކަމަށާއި، އިދިކޮޅާ ގުޅިގެން މަސައްކަތް ކުރަން ބޭނުންވާ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.

ނަމަވެސް މިއަދު ރައީސް ސޯލިހު ވަނީ އެމްޑީޕީން އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އާ ގުޅިގެން މަސައްކަތް ކުރުމަކީ އެންމެ ރަަނގަޅު ގޮތް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް