އެމްޑީޕީއާ ޕީޕީއެމް ގުޅުން އެއީ އެންމެ ރަނގަޅު ގޮތެއް ނޫން: ރައީސް

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ރައީސް ސޯލިހު--- ފޮޓޯ/ ރައީސް އޮފީސް

ވެރިކަންކުރާ މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އެކީ ގުޅިގެން މަސައްކަތް ކުރުމަކީ އެންމެ ރަަނގަޅު ގޮތް ކަމުގައި ގަބޫލުފުޅު ނުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިފަދައިން ވިދާޅުވެފައި މިވަނީ ރައީސް ސޯލިހާއެކު ސިޔާސީ ގޮތުން މަސައްކަތް ނުކުރެއްވޭނެ ކަމަށާއި، އިދިކޮޅާ ގުޅިގެން މަސައްކަތް ކުރަން ބޭނުންވާ ކަމަށް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ތަކުރާރުކޮށް ވިދާޅުވެފައި ވަނިކޮށެވެ.

މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ ކުރިއެރުމާއި މަސްލަހަތަށް، އަދި ސިޔާސީ ނިޒާމަށްވެސް އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީއާއި ޕީޕީއެމް ދެފަރާތުގައި ތިބެގެން މަސައްކަތް ކުރުން ކަމަށެވެ. އަދި ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ދެ ޕާޓީ ކޯލިޝަން ހެދުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑަކީ މަލްޓިޕާޓީ ނިޒާމަށް ތާއިދުކުރާ މީހެއް. މި ރާއްޖޭގައި ބޮޑުކޮށް މިއޮތީ ދެ ފިކުރެއް. އެމްޑީޕީއާ ޕީޕީއެމް. އަޅުގަނޑަކަށް ގަބޫލެެއް ނުކުރެވޭ އެމްޑީޕީއާ ޕީޕީއެމް ކޯލިޝަނެއް ހެދުމަކީ މަލްޓި ޕާޓީ ނިޒާމަށް އޮތް އެންމެ ރަނގަޅު ގޮތް ކަމަކަށެއް. މި ދެ ޕާޓީން މަސައްކަތް ކުރަންވާނީ އަޅުގަނޑު ގަބޫލުކުރާ ގޮތުގަ ދެ ފަރާތުގައި ތިބެގެން،" ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ އެއްބަޔަކު އަނެއް ބަޔަކު ކުރާ ކަންތައްތަކަށް ސުވާލު ކުރެވި ފާޑު ކިޔަންޖެހޭ ކަމަށެވެ. އެއާ ހިލާފަށް އެމްޑީޕީއާއި ޕީޕީއެމް އެކުވެއްޖެނަމަ ރާއްޖޭގައި މިހާރު އޮތް މަލްޓި ޕާޓީ ނިޒާމު ނިމުމަކަށް އަންނާނެ ކަމަށް ކަމަށެވެ.

"އެމްޑީޕީއާއި ޕީޕީއެމް ގުޅުމަކީ، ގުޅިގެން މަސައްކަތް ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަކަށް އަޅުގަނޑު ނުދެކެން." ރައީސް ސޯލިހު ވިދާޅުވިއެވެ.

comment ކޮމެންޓް