މާލޭގައި ގެންގުޅެވޭނެ އެއްގަމު އުޅަނދުފަހަރުގެ އަދަދު ކަނޑައަޅަނީ

ރޭ މައްޗަން ގޮޅީގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން--- ފޮޓޯ/މާލެ ސިޓީ ކައުންސިލް

މާލެ ސިޓީގައި ގިނަވެގެން ގެންގުޅެވޭނެ އެއްގަމު އުޅަނދުފަހަރުގެ އަދަދާއި، މުއްދަތު ވަރަށް އަވަހަށް ކަނޑައަޅާނެ ކަމަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލޭ ސިޓީގެ ތަރައްގީގެ ޕްލޭން ހެދުމަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ސިޓީ ކައުންސިލުން ބާއްވަމުންދާ ބައްދަލުވުންތަކުގެތެރެއިން ރޭ މައްޗަންގޮޅީގެ ރައްޔިތުންނާ މުހާތަބުކުރައްވައި ވާހަކަ ދައްކަވަމުން މޭޔަރު މުއިއްޒު ވިދާޅުވީ އެ މަސައްކަތަކީ މިހާރު ސިޓީ ކައުންސިލާ މަތިކުރެވިފައިވާ މަސައްކަތެއް ކަމަށެވެ.

އަދި މާލެ ސިޓީގައި އެންމެ ގިނަވެގެން ގެންގުޅެވޭނެ އެއްގަމު އުޅަނދުފަހަރުގެ އަދަދު ވަރަށް އަވަހަށް ކަނޑައަޅައި އިއުލާނު ކުރައްވާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ. އެގޮތުން މާލެ ސިޓީގައި އެއްގަމު އުޅަނދުފަހަރު ދުއްވޭނެ އެންމެ ދިގު މުއްދަތު ކަނޑައެޅުމުގެ ގޮތުން އެއްގަމު އުޅަނދުފަހަރުގެ އުމުރު ވަރަށް އަވަހަށް ކަނޑައަޅުއްވާނެކަމަށް މޭޔަރު ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ އެ މަސައްކަތް މިހާރު ލަސްވެފައިވަނީ ޓްރާންސްޕޯޓް މިނިސްޓްރީއިން ލިބެންޖެހޭ މައުލޫމާތު ނުލިބިގެން ކަމަށެވެ. އެއްގަމު އުޅަނދުފަހަރު ގެންގުޅެވޭނެ އަދަދު ކަނޑައެޅުމުން މާލެ ސިޓީގެ އުޅަނދުގެ އަދަދު އެއަށްވުރެ އިތުރުވިޔަނުދިނުމަށް ކަނޑައަޅަންޖެހޭ މިންގަނޑުތައް ކަނޑައަޅާނެ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

އަދި އުޅަނދުފަހަރު ގެންގުޅެވޭނެ މުއްދަތެއް ކަނޑައެޅުމުން އެ މުއްދަތަށްވުރެ ގިނަ ދުވަސްވެފައިވާ އުޅަނދުފަހަރު މަގުމަތީގައި ނުދުއްވޭނެއެވެ.

ރޭގެ ބައްދަލުވުމުގައި މައްޗަންގޮޅީގެ ރައްޔިތުން ބައިވެރިވެ އެފަރާތްތަކުގެ ޝުއޫރު ވަނީ ފާޅުކޮށްފައެވެ. އެގޮތުން މިހާރުވެސް ގޭގެއަށް ވަނުމަށާއި އަވަށުގެ ބައެއް ގޯޅިތަކުން ދުއްވުމުގައި ދިމާވެފައިވާ މައްސަލަތައް ފާހަގަކޮށް އިތުރަށް އެއްގަމު އުޅަނދުފަހަރު ބޭނުންނުވާކަން ފާހަގަކުރިއެވެ.

comment ކޮމެންޓް