އަލީ ވަހީދަށް ދެމަސްދުވަހުގެ ޖަލު ހުކުމެއް!

މާޗް 8، 2020: ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ދެމަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ސުޕްރީމް ކޯޓުން އިއްވައިފިއެވެ.

އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ނުބޭއްވޭނެ ކަމަށް ކަނޑައަޅައިދިނުމަށް ދައުލަތުން ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުގައި މިއަދު ވަނީ އަޑުއެހުމެއް ބާއްވައިފައެވެ. އަލީ ވަހީދު ޝަރީއަތަށް މިއަދުވެސް ހާޒިރެއްނުވިއެވެ.

ސުޕްރީމް ކޯޓަށް މިއަދު 13:00އަށް ހާޒިރުވުމަށް އަލީ ވަހީދަށް އަންގާފައިވާއިރު މިއަދުގެ އަޑުއެހުމަށްވެސް އަލީ ވަހީދު ހާޒިރުނުވުމުގެ ސަބަބުން ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބުނެ ދެ މަސް ދުވަހާއި 12 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފިއެވެ.

އަލީ ވަހީދުގެ މައްޗަށް ދެމަހާއި ބާރަދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވަނީ މިމަހުގެ ދެވަނަ ދުވަހުވެސް ކޯޓަށް ހާޒިރުވުމަށް އަންގައި ހާޒިރު ނުވުމާ އެކު މިއަދުގެ އަޑުއެހުމުގެ ޗިޓް އަލީ ވަހީދަށް ރައްދުވެފައިވުމުން ކަމަށް މައްސަލަ ބައްލަވާ ބެންޗުގެ އިސް ފަނޑިޔާރު ހުސްނު ސުއޫދު ވިދާޅުވިއެވެ.

ހުކުމް ކުރުމުގެ ކުރިން ފަނޑިޔާރުގެ ރައުޔު އިއްވަމުން ފަނޑިޔާރު ސުއޫދު ވިދާޅުވީ ރާއްޖޭގެ ކޯޓު ތަކަކީ ކުޅޭ ކުޅޭ ކޯޓުތަކެއް ނޫންކަމަށާއި އެއްވެސް މީހަކަށް ރާއްޖޭގެ ކޯޓުތަކަށް އެ ބީދައިން ކަންތައް ކުރުމުގެ އިހްތިޔާރު ލިބިގެން ނުވާނެ ކަމަށެވެ. އެހެންކަމުން އަލީ ވަހީދަށް ގާނޫނުގައިވާ ފަދައިން ފިޔަވަޅެއް އެޅެން ޖެހޭނެ ކަމަށްވެސް ފަނޑިޔާރު ވިދާޅުވިއެވެ.

އިސްފަނޑިޔާރު ހުސްނުސުއޫދުގެ މި ރައުޔަށް ފަނޑިޔާރު ޢަލީ ރަޝީދު ހުސައިން އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައިވެއެވެ.

އަލީ ވަހީދުގެ މައްޗަށް ޖަލު ހުކުމް އިއްވަފައިވަނީ ކޯޓުތަކުގެ ގާނޫނާއި ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާ ބެހޭ ގަވާއިދާއި ގަނޫނުލް އުގޫބާތުގެ 541 ވަނަ މާއްދާގެ ދަށުންނެވެ.

އަލީ ވަހީދުގެ މައްޗަށް ޖަލު ހުކުމް އިއްވުމާއެކު ކަރެކްޝަނަލް ސާވިސްއަށް އެ ހުކުމް ތަންފީޒު ކުރުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފައިވެއެވެ.

އަލީ ވަހީދުގެ މައްޗަށް ކުރަނީ ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުރިއިރު އެ މިނިސްޓްރީގެ ގިނަ އަދަދެއްގެ އަންހެން މުއައްޒަފުންތަކަކަށް ޖިންސީ ގޯނާ އަދި ރޭޕް ކުރަން އުޅުނު ކަމުގެ ތުހުމަތެވެ.

ބޭސްފަރުވާއަށް ކަމަށް ބުނެ އަލީ ވަހީދު ވަނީ ހަތަރު މަހުގެ މުއްދަތަކަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފައެވެ.

comment ކޮމެންޓް