މާލޭގެ ގެސްޓްހައުސްތަކަށް ޗެކްއިން ކުރެވޭނީ ވެކްސިން ފުރިހަމަކޮށްފައިވާ ފަތުރުވެރިންނަށް

ޖުލައި 19، 2021: ފަތުރުވެރިން ރާއްޖޭ މައި އެއާ ޕޯޓްގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭ ސަރަހައްދުގެ ވެކްސިނޭޝަން ކަވަރޭޖް ފުރިހަމަ ނުވާތީ މާލޭ ސަރަހައްދުގައި ހުންނަ ގެސްޓްހައުސްތަކަށް ޗެކްއިން ވެވޭނީ ވެކްސިން ފުރިހަމަކޮށްފައިވާ ފަތުރުވެރިންނަށް އެކަނި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން މިއަދު ނެރުނު އުސޫލެއްގައި ބުނީ މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ގެސްޓް ހައުސްތަކަށް ޗެކްއިން ކުރެވޭނީ ވެކްސިންގެ ޑޯޒްތައް ފުރިހަމަވެ، 14 ދުވަސް ހަމަވެފައިވާ ފަތުރުވެރިންނަށް ކަމަށެވެ. އެގޮތަށް ވެކްސިން ފުރިހަމަނުވާ ފަތުރުވެރިންނަށް މީހުން ދިރިއުޅޭ ރަށްރަށުގެ ގެސްޓްހައުސްތަކަށް ޗެކްއިން ކުރެވޭނީ އެ ރަށެއްގެ ވެކްސިން ޖެހޭ އާބާދީގެ 60 އިންސައްތަ ވެކްސިން ފުރިހަމަކޮށްފައިވާ ނަމަ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އަދި ރަށުގައި ފަތުރުވެރިންނަށް ހިދުމަތް ދިނުމުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތައް ހިމެނޭގޮތަށް 95 އިންސައްތަ މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމުގެ އިތުރުން، އެ ރަށެއްގެ 65 އަހަރުން މަތީގެ އާބާދީގެ 90 އިންސައްތަ މީހުން ވެކްސިން ފުރިހަމަކޮށްފައިވާނަމަ ކަމަށް އެޗްޕީއޭގެ އުސޫލުގައި ބުނެފައިވެއެވެ.

އެޗްޕީއޭ އިން ބުނީ ވެކްސިން ކަވަރޭޖް ހަމަވެފައިވާ ރަށްރަށަށް، ވެކްސިންގެ ޑޯޒްތައް ފުރިހަމަނުވާ ފަތުރުވެރިން ދަތުރުކުރާނަމަ ޗެކްއިން ކުރާ ދުވަހުން ފެށިގެން ހަތް ދުވަސް ހަމަވުމުން ޕީސީއާރު ޓެސްޓް ހަދަންޖެހޭނެ ކަމަށެވެ.

"ވެކްސިނޭޝަން ކަވަރޭޖް ފުރިހަމަވެފައިނުވާތީ ގްރޭޓާ މާލޭ އޭރިއާގައި ހުންނަ ގެސްޓްހައުސްތަކަށް ޗެކްއިން ކުރެވޭނީ ވެކްސިންގެ ޑޯޒްތައް ފުރިހަމަވެފައިވާ ފަތުރުވެރިންނަށް އެކަންޏެވެ،" އެޗްޕީއޭގެ އުސޫލުގައި ބުނެފައިވެއެވެ.

ވެކްސިން ފުރިހަމަކޮށްފައިވާ ކަަމަށް ބަލާނީ ވެކްސިންގެ ޖަހަންޖެހޭ ޑޯޒުތައް ފުރިހަމަވުމަށްފަހު 14 ދުވަސް ވުމުންނެވެ.

comment ކޮމެންޓް