ޖުލައި މަހު މީރާއަށް 624 މިލިއަން ރުފިޔާގެ އާމްދަނީއެއް

އޮކްޓޯބަރ 1، 2019: ދައުލަތުގެ ޓެކްސް އިދާރާ، މީރާ-- ސަން ފޮޓޯ/ ފަޔާޒް މޫސާ

ހުސްވި ޖުލައި މަހު މީރާއަށް 624 މިލިއަން ރުފިޔާގެ އާމްދަނީއެއް ބަލައިގެންފައިވާ ކަމަށް އެ އިދާރާއިން ބުނެފިއެވެ.

އެ އަދަދަކީ ޖުލައި މަހު ލިބޭނެ ކަމަށް އަންދާޒާކުރި އާމްދަނީއަށްވުރެ 13.6 ޕަސަންޓު އިތުރު އަދަދެއް ނަމަވެސް، މިދިޔަ އަހަރުގެ ޖުލައި މަހު ލިބުނު އާމްދަނީއަށްވުރެ 6.2 ޕަސަންޓު ދަށް އަދަދެކެވެ.

އާމްދަނީ ދަށްވި މައިގަނޑު ސަބަބަކީ އީދު ބަންދު ދުވަސްތަކުގެ ސަބަބުން ޖުލައި މަހުގެ ތެރޭގައި އައި ޓެކުހުގެ ސުންގަޑިތައް އޯގަސްޓު މަހަށް ފަސްކުރުމުން ކަމަށް މީރާއިން ބުނެއެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު ލިބުނު އާމްދަނީއާ އަޅާބަލާއިރު މި އަހަރުގެ ޖުލައި މަހުގެ އިންކަމް ޓެކްސް، ޖީ.ޖީ.އެސް.ޓީ، ގްރީން ޓެކްސް އަދި ލޭންޑް ސޭލްސް ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީ ދަށްވެފައިވާކަމަށްވެސް މީރާއިން މައުލޫމާތު ދެއެވެ.

ހަމައެއާއެކު މިދިޔަ އަހަރުގެ ޖުލައި މަހު ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީގެ ގޮތުގައި އާމްދަނީ ލިބުމަކީވެސް މިދިޔަ އަހަރު އާމްދަނީ އިތުރުވި ސަބަބެއް ކަމަށް މީރާއިން ފާހަގަކުރެއެވެ. އެ ފީ މި އަހަރުގެ ޖުލައި މަހު ލިބިފައެއް ނުވެއެވެ.

މި އަހަރުގެ ޖުލައިގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ އާމްދަނީގެ 46.7 ޕަސެންޓް ނުވަތަ 291.59 މިލިއަން ރުފިޔާއެވެ.

ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓުންނެވެ. އެއީ 17.9 ޕަސެންޓު ނުވަތަ 111.90 މިލިއަން ރުފިޔާއެވެ.

މީގެ އިތުރުން އާމްދަނީގައި ހިމެނެނީ އިންކަމް ޓެކްސްގެ ގޮތުގައި 109.64 މިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 28.19 މިލިއަން ރުފިޔާ، ވޯކް ޕާމިޓް ފީގެ ގޮތުގައި 25.92 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 56.82 މިލިއަން ރުފިޔާއެވެ.

މިދިޔަ މަހު ބަލައިގަތް އާމްދަނީގެ ތެރޭގައި 21.10 މިލިއަން އެމެރިކާ ޑޮލަރުވެސް ހިމެނެއެވެ.

comment ކޮމެންޓް