"އެންމެ ރަނގަޅު. އެޓް ލީސްޓް ވިސްނާލަފަ ވީކެއް ތެރޭ އަހަންނަށް ޖަވާބެއް ދިނަސް އެންމެ ރަނގަޅޭ... އެހާ އިރަށް ވިސްނޭނެއެއްނު!." ޒާމިން ބުނެލިއެވެ. ސަޖަލްއާ ޒާމިންއާ ދެމީހުންގެ ހަތަރު ކަޅި ބައްދަލުވި ވަގުތު ދެ ޒުވާނުންގެ ހިތަށް ވެސް އާދަޔާ ޚިލާފު ގޮތެއް ވެގެން ދިޔައެވެ.

ދެ ހިތުގެ ތެޅުން އިންތިހާ ބާރުވިއެވެ. އެކަކުގެ ލޮލުގެ ޖާދޫގައި އަނެކަކު ގައިދުކޮށްލާފައި ވާކަހަލައެވެ. އިރުކޮޅެއް ވަންދެން ދެމީހުންނަށް ވެސް، ދެމީހުންގެ ދެލޮލުގެ ތެރެއަށް ގެއްލިފައި ތިބެވުނެވެ. އެންމެ ފުރަތަމަ ނަޒަރު ވަކިކޮށްލީ ސަޖަލްއެވެ. އޭނާއަށް ދުރުބަލައިލެވުނީ، އަމިއްލަ ހިތަށް ބާރު ފޯރުވަން ނުކުޅެދިދާނެހެން ހީވުމުންނެވެ.

"ސޯ ހަފްތާއެއްގެ ތެރޭގައި އަހަންނަށް ޖަވާބެއް ދޭނަންތަ؟" ޒާމިން އަނެއްކާ ވެސް އިސްވެ ސުވާލުކޮށްލިއެވެ.

"އޯކޭ... އަހަރެން... އަހަރެން ޖަވާބެއް ދޭނަން." ސަޖަލް އިސްޖަހައިލަމުން ބުނެލިއެވެ. އޭރު ވެސް އޭނާގެ ހިތް ދިޔައީ އިންތިހާ ބާރުމިނުގައި ތެޅެމުންނެވެ.

ލަސްތަކެއްނުވެ އެމީހުން އޯޑަރުކުރި އެއްޗެހި ހިފައިގެން އައިސް ވެއިޓަރު އެ އެއްޗެހި މޭޒުމަތީގައި ބެހެއްޓިއެވެ. ޒާމިން ސަޖަލްއަށް ލުއި ހިނިތުންވުމެއް ހަދިޔާކޮށްލުމަށްފަހު، ކޮފީ ޖޯޑުން އެތިފޮދެއް ބޮއިލިއެވެ.

*****

އެނދުގައި އޮށޯވެލައިގެން ސީލިންގަށް ނަޒަރު ހުއްޓާލައިގެން އޮތް ރިއުމާންގެ ދެލޮލުން ފެންނަނީ ހުސްކަމެވެ. އޭނާގެ އަމިއްލަ ހިޔާލީ ދުނިޔެއަށް ގެއްލިފައި އޮތް ރިއުމާންގެ ސިކުނޑީގައި ހިނގަމުންދިޔައީ ކޮން ހިޔާލުތަކެއްކަން ލަފާކޮށްލާކަށް ނޭނގުނެވެ. އެެހެން އެތައް އިރަކު އޮވެފައި، އޭނާ އެއްފަރާތުގައި ބާއްވާފައި އޮތް ފޯނު ނަގާ ހުޅުވައިލިއެވެ. އަތުގެ ލަސް ހަރަކާތަކާއެކު، އޭނާ ފޭސްބުކް ހުޅުވައިލާ އަޒްހާގެ ނަން ޖަހައިލާ އަޒްހާގެ ޕްރޮފައިލް ހުޅުވައިލިއެެވެ. އަޒްހާގެ ފޮޓޯގަނޑު ހުލުވައިލުމަށްފަހު، އޭނާ ފަރުވާތެރިކަމާއެކު ބަލައިލިއެވެ. އެހެން އޮތްއިރު މިއަދުގެ ހަނދާންތައް އޭނާގެ ސިކުނޑީގެ ދޮރުފަތުގައި ޓަކިޖަހަން ފަށައިފިއެވެ.

*****

އަޒްހާ ބުނެލި ޖުމްލައިގެ މާނަ ނަގަން ނޭނގިފައި އިން ރިއުމާންއަށް ބުމަ އަރުވައިލެވުނެވެ.

"ކީކޭ... އަޒޫ... ކީކޭ ތިކިޔަނީ؟ ހާދަ އެހެން ގޮތަކަށް..." ރިއުމާންއަށް ބުނެވުނެވެ.

"އެހެންވީމައޭ މި ބުނަނީ އަޅާ ނުލާށޭ..." އަޒްހާއަށް ބުނެވުނެވެ.

"ބަޓް.. އަޒޫ ތިހެން ތި ބުނީ ކީއްވެގެންކަން އެނގެން އަހަރެން ބޭނުމޭ," ރިއުމާން ބުނެލިއެވެ. އެއާއެކު އަޒްހާ އިސްޖަހައިލިއެވެ. ރިއުމާންއާ ކުރިމަތިލާނެހާ ހިތްވަރެއް އޭނާގެ ނެތުމާއެކު، އޭނާއަށް ތުންފަތުގައި ބާރަށް ދަތްއަޅައިގަނެވުނެވެ. ހިތުގެ ތެޅުން އިންތިހާ ބާރުވެފައިވާ ހާލު، އޭނާގެ ހިތުގައި ހިނގަމުންދާ ހައިޖާނުގަނޑުގެ ސަބަބުން އޭނާއަށް ނުތަނަވަސްކަން ވެރިވަމުންދިޔައެވެ.

މާން... އައި... އައި..." އަޒްހާ ހިތްވަރުކޮށްފައި ވާހަކަ ފެށިނަމަވެސް، އޭނާއަށް ވާހަކަ ކުރިއަށް ގެންދަން އުނދަގޫވިއެވެ. އެހެންކަމުން އެހިސާބަށް ބުނެފައި އޭނާ ހުއްޓައިލިއެވެ. ހިނދުކޮޅަކަށް ރިއުމާންއާ ނަޒަރު ސީދާކޮށްލެވުނު ނަމަވެސް، އޭނާއަށް އަނެއްކާ ވެސް އިސްޖަހައިލެވުނީ ރިއުމާންގެ އެ ގަދަ މުށި ކުލައިގެ ލޮލަށް ބަލަން އުނދަގޫވީ ފަދައަކުންނެވެ.

"އަޒޫ..." އަޒްހާ އެއްޗެއް ނުބުނެ ގިނައިރުވާން ފެށުމުން، ރިއުމާންއަށް އަނެއްކާ ވެސް އަޒްހާއަށް ގޮވައިލެވުނެވެ.

"އައި ލައިކް ޔޫ..." ދެލޯ މަރާ ބާރުކޮށްލައިގެން އިނދެ އަޒްހާ އޭނާގެ ހިތުގެ ހާލު ރިއުމާންއަށް އިއްވައިލިއެވެ. ދެެންކަންތައްވެގެންދާނީ ކިހިނެއްކަން ނޭނގޭ ޙާލު އޭނާ ވަނީ އިންތިހާ ކަންބޮޑު ވެސް ވެފައެވެ. އަޒްހާގެ ޖުމްލަ އަޑު އިވުނު ރިއުމާންއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އޭނާގެ ދެކޮނޑު ވެސް ކުޑަކޮށް އުފިލިގެން ދިޔުމާއެކު، މީހާގެ ނަފްސު ކުޑަކޮށް ހަރުކަށިވެލިއެވެ. ގޮނޑީގައި ރީތިކޮށް ލެނގިލަމުން އޭނާ ފުން ނަޒަރަކުން އަޒްހާއަށް ބަލައިލިއެވެ. އޭނާ އަޒްހާއާ ދޭތެރޭ ދެކެނީ ހަމައެކަނި ގާތް އެކުވެރިއެއްގެ ނަޒަރަކުންނެވެ. އަޒްހާ އެބުނާ ފަދަ ނަޒަރަކުން އަޒްހާއާ ދޭތެރޭ ދެކުމަކީ މީގެ ކުރިން ދުވަހަކު ވެސް އޭނާ ހިތަށް އެރިކަމެއް ނޫނެވެ. އަޒްހާގެ ތަގުޅި ކޮށްލާފައިވާ ދެލޮލަށް ބަލަހައްޓައިގެން އިން ރިއުމާން އޭނާގެ ބޮލުގެ އިސްތަށިގަނޑުގެ ތެރޭގައި އަތް ހިންގައިިލިއެވެ.

"އަޒޫ... އައި..."

"އައި ނޯ މާން އަހަންނާ މެދު ދެކެނީ ހަމައެކަނި ގާތްއެކުވެރިއެއްގެ ނަޒަރުންކަން. އަދި މި އިޙްސާސްތައް ހިންދައިލުމަކީ އެންމެ ރަނގަޅު ގޮތްކަން ވެސް އަހަންނަށް އެނގޭ. މި އިޙްސާސްތަކުގެ ސަބަބުން އަހަރެމެން ދެމީހުންގެ ގުޅުމަށް ބުރޫއަރާނެކަން ވެސް އަހަންނަށް އެނގޭ. ވީއިރު އެންމެ ރަނގަޅު ގޮތަކީ އަހަރެން އަހަރެންގެ އަމިއްލަ އިހުސާސްތައް ކޮންޓްރޯލް ކުރުން. ވީއިރު މާން ހާސްނުވޭ... އަހަރެން... އައި ވިލް ގެޓް ރިޑް އޮފް ދީސް ފީލިންގްސް... ޑޯންޓް ވޮރީ... އަހަންނަށް އެނގޭ އެއީކަން މާން ވެސް ބޭނުންވާނެގޮތަކީ..." ރިއުމާންގެ ވާހަކަ މެދު ކަނޑައިލާފައި، އަޒްހާ ލޯ ހުޅުވައިލަމުން ވާހަކަ ދެއްކިނަމަވެސް، ފަހު ޖުމްލަތައް ބުނެލިއިރު އޭނާގެ އަޑަށް ހިސާބެއްގެ މަޑުމޮޅިކަމެއް ވެރިވެފައިވެއެވެ. އޭނާގެ ހިތަށް ކުރަމުންދިޔަ އަސަރު އޭނާގެ އަޑުން އެކަނިވެ ސް ހާމަވަމުން ދިޔައެވެ. ހިސާބެއްގެ ލަދުވެތިކަމަކުން އޭނާގެ ނަފްސު އިތުރަށް ނުތަނަވަސްކުރުވާ ހާސްކުރުވަމުން ދިޔައެވެ. ރިއުމާންގެ އަމަލުތައް ދެން ހުންނާނީ ކިހިނެއްކަން ނޭނގޭ ޙާލު އޭނާ ވަނީ އިންތިހާ ކަންބޮޑުވެފައެވެ. ރިއުމާންއާ ދެމެދު އޮތް ގުޅުން އެގޮތުގައި އޮންނަން އޭނާ އެހާމެ ބޭނުންވާތީއާ ވެސް އެކުގައެވެ.

ރިއުމާންއަށް ބުނާނެ އެއްޗެއް ނޭނގިފައި އިނދެވުނެވެ. އަޒްހާގެ މޫނުމަތިން ފެނުނީ ބަޔާންކުރަން ދަތި އަސަރުތަކެކެވެ. ތުންފަތުގައި ދަތް އަޅައިލައިގެން އިސްޖަހާލައިގެން އިންނަމަވެސް، އެ މޫނުމައްޗަށް އަރާ ފައިބަމުންދިޔަ ކުލަވަރު ރިއުމާންއަށް ރީތިކޮށް ފަހުމްވަމުންދިޔައެވެ.

"އައި...އައި... " އިތުރު އެއްޗެއް އަޒްހާ ބުނަން އުޅުނު ނަމަވެސް، އޭނާއަށް އެކަންކުރަން އުނދަގޫވިއެވެ.

"އަޒޫ..." ރިއުމާން ދެން ވެސް ވާހަކަ ދައްކަން އުޅުނެވެ. އެހެންނަމަވެސް އަނެއްކާ ވެސް އޭނާގެ ވާހަކަ މެދުކަނޑައިލީ އަޒްހާއެވެ.

"އައި އެމް ވެރީ ސޮރީ މާން... އަހަންނަށް އަމިއްލަ ފީލިންގްސްތައް ކޮންޓްރޯލް ނުކުރެވުނީ... އެންމެ ފުރަތަމަ މާން ފެނުނު ދުވަހުން ފަށައިގެން ވެސް އަހަރެންގެ ހިތުގައި މާންއަށްޓަކައި ކޮންމެ ވެސް ޖަޒުބާތުތަކެއް ދިޔައީ ހޭލަމުން... އެ ހިސާބުން އެކަންތައް ހިންދައިލަން މަސައްކަތްކުރިނަމަ މިއަދު މިހާ ހިސާބަކަށް ކަންތައް ނުދިޔައީސް." އަޒްހާ ބުނެލިއެވެ.

އަޒްހާގެ ނަސީބު ވެސް ރަނގަޅީ ކަންނޭނގެއެވެ. އެވަގުތު ދޮންތަ ނާއިފާގެ ފޯނު ކޯލެއް އޭނާއަށް ލިބުނެވެ. ރިއުމާންއަށް އިތުރު އެއްޗެއް ބުނަން ފުރުސަތު ނުދީ އަޒްހާ ފޯނު ނަގާ ކަންފަތުގައި ޖައްސައިލިއެވެ. ނާއިފާ ބުނެލީ ކުޑަކަމަކު ގެއަށް އައުމަށެވެ. އޭނާ މިދަނީ ކަމުގައި ބުނެ އަޒްހާ ފޯނު ބާއްވަމުން ރިއުމާންއަށް ބަލައިލިއެވެ.

"ދާން ޖެހުނީތަ؟" ރިއުމާން ސުވާލުކޮށްލިއެވެ.

"އާނ... ކުޑަކަމެއް ގޭގައި ދިމާވީ، ގޮސްލަނީ އިނގޭ ދެން..." އަޒްހާ ބުނެލީ އޭނާ އެ ގޮތް ބޭނުންވެފައި ހުރިފަދަ ގޮތަކަށެވެ. އެކަން ރިއުމާންއަށް ވެސް އެނގުނެވެ. އޭނާ އިތުރަށް އަޒްހާ ހުއްޓުވާކަށް ވެސް ނޫޅުނެވެ. އަޒްހާ ގޮސް ލޯމަތިން ގެއްލެންދެން އޭނާ ބަލަހައްޓައިގެން އިނެވެ.

******

ޚިޔާލުތަކުން ނުކުތް ރިއުމާން ނިދޭތޯ އުޅުނު ނަމަވެސް ހިތުގައި އުފެދިގެން އުޅޭ ތޫފާނުގެ ސަބަބުން އޭނާގެ ހަނދާނުގައި އޭރު ވެސް އަޒްހާ ރަސްކަން ކުރަމުން ދިޔައެވެ. އަޒްހާއަށް މެސެޖެއް ކޮށްލަން ހިތަށް އަރާފައި ވެސް ރިއުމާން އެ ހިޔާލު ދޫކޮށްލަމުން އަނެއްކާ ވެސް ސީލިންގަށް ނަޒަރު ހުއްޓައިލިއެވެ.

ޖެހިގެން އައި ދުވަހު މެންދުރު އަތަށް އެޅިއިރު އުޑުމަތިން ވިއްސާރަކުލަވަރު ފެންނަން ފަށައިފިއެވެ. ވައި ވެސް ހިނދެއް ހިނދަކަށް ބާރުވަމުން ދިޔައީ ތޫފާނެއްގެ އިންޒާރު ދޭފަދައަކުންނެވެ. އުޑުމަތި ބަނަކޮށްލާފައިވާ ކަޅު ވިލާތައް އިރުގެ އަލިން ދުނިޔެ މަޙްރޫމްކޮށްލުމުގައި ކާމިޔާބު ހޯދާފައިވާއިރު، ޖެހެމުންދިޔަ ބާރު ވައިރޯޅިތަކުގެ 'ޒޫމް' އަޑުން ދުނިޔެމައްޗަށް އިތުރު ހަލަބޮލިކަމެއް ވެރިވެފައިވެއެވެ.

އޮފީހުން ނުކުތް ސަޖަލް މަގުގެ ދެކޮޅު ހޯދައިލަމުން ކަޅު ދޫލައެއްހެން ފެތުރިފައިވާ ވިލާތަކަށް އަވަސް ނަޒަރެއް ދިނެވެ. އޭނާ ފިޔަވަޅުތައް ބާރުކޮށްލަމުން، ހަލުވިކޮށް ހިނގައިގަތީ ޕާކުކުރާ ޖާގައިގައި ބަހައްޓާފައިވާ އޭނާގެ ސައިކަލާ ދިމާލަށެވެ. ތޫފާނުގެ ކުރިން ގެއަށް ދާން އޭނާ ހުރީ ބޭނުންވެފައެވެ.

ސައިކަލު ނެރިގެން ސްޓާރޓްކޮށްލިތަނާ ތުނިތުނިކޮށް ވެހެންފެށި ވާރޭގެ ތިކިތަކުގެ ޝިކާރައަކަށް އޭނާ ވިއެވެ. ތެމޭވަރުނުވާތީ މަޑުނުކޮށް ދާން ނިންމާ ސަޖަލް ސައިކަލު ދުއްވައިލީ އެހެންޏާ އޭނާ ދުއްވާވަރަށް ވުރެ ބާރަށެވެ. އޭރު މަގުތައް ވެސް އާދަޔާ ހިލާފަށް ހަލަބޮލިވެފައިވީ ވިއްސާރައިގެ ކުރިން ގެއާ ހިސާބަށް ފޯރަން މަގުމަތީގައި މީހުން ހޭލަމޭލަވެ އުޅެން ފެށުމުންނެވެ. ސަޖަލްގެ ނަސީބު ރަނގަޅުކަމުން ވާރޭ ބޯކޮށްލީ އޭނާއަށް ގެއަށް ވަދެވުނު ފަހުންނެވެ.

ކޮންމެވެސް ވަރަކަށް ތެމިފައި ހުރީތީ ކޮޓަރިއަށް ވަދެ އޭނާ ތުވާއްޔަކުން ކުޑަކޮށް އިސްތަށިގަނޑު ހިއްކައިލިއެވެ. އޭރު މީހާ ކޮންމެވެސް ވަރަކަށް ރޫރޫ އަޅަމުން ދިޔައީ ފިނިވެފައި ހުރި ވަރުންނެވެ.

އެއްޗެހި ބަދަލުކޮށްގެން ނުކުމެ ސަޖަލް ނޫޑުލްސް ކައްކައިގެން ކާން އިށީނެވެ. އެއާއެކު އޭނާއަށް އަނެއްކާ ވެސް ބައްޕަގެ ހަނދާންތައް އާވާން ފެށިއެވެ. ސަޖަލް ނުރޯން ހިތްވަރުކުރަމުން ތުންފަތުގައ ދަތް އަޅައިލިއެވެ. އެވަގުތު އޭނާއަށް ޒާމިންގެ މެސެޖެއް ލިބުނެވެ. ރިޕްލައިކޮށްލި ސަޖަލްއަށް، ޒާމިންއާމެދު ވިސްނެން ފެށުނެވެ. މިހާރު އޭނާ އަކީ ވެސް އެކަނި ހުރި މީހަކަށް ވާއިރު، އިތުރު މީހެއްގެ އަޅާލުމާ އެހީތެރިކަން އޭނާއަށް ބޭނުންވާނެކަން އެނގެއެވެ. އަދި ޚާއްސަކޮށް އޭނާ އަކީ އަންހެން ކުއްޖަކަށް ވާތީއެވެ. ބޮޑުދައިތަ ވެސް އަބަދާ އަބަދު އޭނާ ގެންދަންވެގެން އުޅެނީ އެހެންވެގެންކަން އޭނާއަށް އެނގެއެވެ. އޭނާ ޒާމިންއަށް އާބަސްބުނަންވީ ބާއޭ ސަޖަލް ހިތަށް އެރިއެވެ. ޒާމިންއަކީ ކޮންކަަހަލަ މިޒާޖެއްގެ ކާކުކަން މިހާރު އޭނާއަށް އެނގެއެވެ. އޭނާއަށް ޒާމިންއަށް އިތުބާރުކުރެވެއެވެ. އެހާ ދުވަސްވާއިރު ވެސް ޒާމިން އޭނާގެ އިންތިޒާރުގައި ހުރީ ހަގީގަތުގައި ވެސް، ޒާމިން އޭނާ ދެކެ ލޯބިވާތީކަމުގައި ސަޖަލްގެ ސިކުނޑި އޭނާއަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ.

ހަފްތާއެއް ފާއިތުވެގެންދިޔައީ ހަލުވި ކަމާއެކުގައެވެ. ސަޖަލްއާ ޒާމިންއާ އާއްމުކޮށް ދިމާވަނީ އެންޖީއޯއިންނެވެ. އެއީ ވެސް އެފަދަ ރެއެކެވެ. ސަޖަލް އޭނާ ނިންމަން ޖެހޭ މަސައްކަތެއް ނިންމަން އެންޖީއޯއަށް ދިޔައިރު ޒާމިންމެންގެ ކެބިން ހުރީ ދިއްލާފައެވެ. އޭނާ އެބިންއާ ދިމާލަށް މިސްރާބުޖެހީ މީހަކު އުޅެނީ އޭ ހިތާއެވެ. ދޮރު ހުޅުވައިލިއިރު، އެތަނުގައި އިށީނދެގެން އިން ޒާމިން ސަޖަލްގެ ލޮލުގައި އަޅައިގަތެވެ.

"ސަޖޫ..." ޒާމިންއަށް ވެސް ސަޖަލް ފެނުމާއެކު ގޮވައިލެވުނެވެ.

"ހައި..."

"ކީއްކުރަނީ މިގަޑީގަ؟" ޒާމިން ލުއި ހިނިތުންވުމެއް ސަަޖަލްއަށް ހަދިޔާކޮށްލިއެވެ.

"މީ... ކުޑަ ކަމަކު. ޒިމް އޯ؟" ސަޖަލް ވެސް ހިނިތުންވެލިއެވެ.

"އިނގެއެއްނު އަހަރެން ވަރަށް ވަރުގަދަ ކޭސް އެއް ނަގައިގެންކަން މިއުޅެނީ.. އެކަމާ ބޯ ގޮވަނީ. " ޒާމިން އޭނާގެ އަތުގައި އޮތް ފައިލް މޭޒުމަތީގައި ބާއްވަމުން ބުނެލިއެވެ.

"އޯކޭ... މަސައްކަތްކޮށްލާ އެހެންވީމަ. އަހަރެން ވެސް މަސައްކަތް ފަށަން މި ދަނީ" ސަޖަލް އެހެން ބުނެލުމަށްފަހު އެނބުރިލާ ދޮރުގެ ތަޅުގައި ހިފައިލިއެވެ. އޭނާއަށް ދޮރު ރަނގަޅަށް ހުޅުވައިނުލެވި އުޅެނިކޮށް ސިހުން ގެނުވީ އޭނާގެ އަތުގައ ހިފާ ޒާމިން އޭނާއާ ދިމާލަށް އަނބުރުވައިލުމާއެކުގައެވެ. ދޮރުގެ ތަޅުން އަތް ދޫވެގެން ގޮސް، ދޮރު ލެއްޕުނު އަޑު އިރުކޮޅެއްވަންދެން އެތަނުގެ އެތެރޭގައި ގުގުމާލާފައި ހުއްޓެވެ.

"ކޮބާ ޖަވާބު..." ޒާމިން އެހެން އަހައިލިއިރު ދެމީހުންނަށް ވެސް ތިބެވުނީ އެކަކުއަނެކަކު ހޫނުނޭވާ އެޅޭހާ ކައިރީގައެވެ. ހިތުގެ ތެޅުން އަވަސްވި ސަޖަލް، އެއްފިޔަވަޅު ފަހަތަށް އަޅައިލުމާއެކު، ޒާމިން ވެސް ފިޔަވަޅެއް ކުރިއަށް އަޅައިލިއެވެ. ސަޖަލް އަނެއްކާ ވެސް ފަހަތަށް ފިޔަވަޅެއް އަޅައިލުމާއެކު، އޭނާ މަތަވީ ދޮރުގައި ޖެހިފައެވެ. ތުންފަތުގައި ދަތް އަޅައިލައިގެން ސަޖަލް ހުއްޓާ ޒާމިން އަނެއްކާ ވެސް ކުރިއަށް ފިޔަވަޅެއް އަޅައިލިއެވެ.

"ގިވް މީ އެން އާންސްވާރ ސަޖޫ... ޖަސްޓް އަ ސިމްޕަލް އާންސާ...ޔެސް އޯ ނޯ..." ޒާމިން ބުނެލިއެވެ. އޭރު އެ ދެލޮލުން އާދަޔާ ހިލާފު ވިދުމެއްފެންނަމުން ދިޔައެވެ. ހަމައެއާއެކު އެ ދެލޮލުން އެތަކެއް ބައިވަރު ވާހަކައެއް ވެސް ބުނެދެމުންދިޔައެވެ. ސަޖަލްގެ ޖަވާބަކަށް އޭނާ ކުރަމުންދާ ފޮނި އުންމީދު ވެސް އެ މޫނުން ހާމަވަމުން ދިޔައެވެ.

"ސަޖޫ..." ސަޖަލް އެއްޗެއް ނުބުނެ ހުންނަން ފެށުމުން ޒާމިން ސަޖަލްއަށް ގޮވައިލާ ސަޖަލްގެ ދަތްދޮޅީގައި ހިފާ އިސްއިފުލުވައިލާ އޭނާއާ ހަތަރުކަޅި ހަމަކޮށްލިއެވެ. ޒާމިންގެ އަތުގެ ބީހުން އިޙްސާސްކުރެވުމާއެކު، ސަޖަލްގެ އަތްފައި ފިނިވެ ގަނޑުފެންކޮޅަކަށްވިފަދައެވެ. އޭނާގެ ނޭވާ އަވަސްވެ ހިންދިރުވައިލެވުނެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވުމާއެކު އޭނާއަށް ހިސާބެއްގެ ލަދުވެތިކަމެއް އިޙްސާސްކުރެވުނެވެ.

"ސަޖޫ... ޕްލީޒް.. ޖަވާބެއް ދީބަލަ. ނޫނެކޭ ބުންޏަސް އަހަރެން ޤަބޫލުކުރާނަމޭ..." ޒާމިން އެންމެ ފަހުން ބުނެލިއެވެ. ސަޖަލް އަނެއްކާ ވެސް އިސްޖަހައިލިއެވެ. އެއާއެކު ޒާމިން ސަޖަލްއާ ދުރަށް އެއްފިޔަވަޅު ފަހަތަށް އަޅައިލިއެވެ. ސަޖަލް އެހެން ހުރުމަށްފަހު ބޯ ޖަހައިލީ ދެނެވެ.

"ކީކޭ... ސަޖޫ!" ސަޖަލްއާ ގާތަށް ފިޔަވަޅެއް އަޅައިލަމުން އަނެއްކާ ވެސް ޒާމިން ސުވާލުކޮށްލިއެވެ.

"ޔެސް..." ސަޖަލް ބުނެލިއެވެ. ޒާމިންއަށް އިތުރު އެއްޗެއް ނުބުނެވި އުޅެނިކޮށް އަނެއްކާ ވެސް ސަޖަލް ވާހަކަ ދެއްކިއެވެ.

"ޔެސް... ލެޓްސް ގިވް ދިސް އަ ޓްރައި." ސަޖަލް އެހެން ބުނެލުމާއެކު ޒާމިންގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އޭނާ އިންތިހާ އުފާވިއެވެ. ހިިނިތުންވަމުން އޭނާ ބޮލުގެ އިސްތަށިގަނޑުގައި އަތް ހިންގައިލަމުން ފުންނޭވާއެއް ދޫކޮށްލިއެވެ. އެ މަންޒަރު ބަލަން ހުރި ސަޖަލް އަނެއްކާ ވެސް އިސްޖަހައިލިއެވެ. ޒާމިން ސަޖަލްގެ އިސް އުފުލުވައިލާ އެ ލަދުވެތިކަމުން ފުރިގެންވީ މޫނަށް ނަޒަރު ހުއްޓައިލިއެވެ.

"ތެންކިއު ސަޖޫ... ސަޖޫ ރިގްރެޓް ނުކުރާނެކަމުގެ ޔަގީންކަން އަހަރެން ދެން..." ޒާމިން އެހެން ބުނެލިއެވެ. އެއަށްފަހު އޭނާ ސަޖަލްގެ އަތުގައި ހިފައްޓައިލިއެވެ. އެމީހުން އެތަނުގައި ތިއްބާ އެތެރެއިން އެހެން ދެމީހަކު ވާހަކަ ދައްކާ ކަހަލަ އަޑެއް އިވުނެވެ. ސަޖަލްއަށް ބަލައިލެވުނީ ޒާމިންއަށެވެ.

"ކޮންބައެއްތަ އުޅެނީ؟" އިވުނީ ޝައުފާގެ އަޑެވެ. ޝައުފާ އާއެކު ހުރި ކުއްޖާ އޭނާއަކަށް ނޭނގެޔޭ ބުނެލި އަޑު ވެސް އިވުނެވެ.

ޝައުފާ ގޮސް އެ ދޮރު ހުޅުވައިލީ ރޭގަނޑު މަސައްކަތްކުރަން އެއްވެސް މީހަކު އަންނަ ވާހަކަ އޭނާގެ ކައިރީގައި ބުނެފައިނުވާތީ އުޅެނީ ކޮން ބައެއްތޯ ބަލައިލުމުގެ ބޭނުމުގައެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު