އިންތިގާލީ އިންސާފުގެ މައްސަލަތައް ހުށަހެޅޭނެ މުއްދަތު އިތުރުކޮށްފި

ޗިފް އޮމްބަޑްސްޕާސަން، އަބްދުއްސަލާމް އާރިފް --

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް މައްސަލަ ހުށަހަޅަން ދީފައިވާ މުއްދަތު އަންނަ މަހުގެ 13އާ ހަމަޔަށް އިތުރުކޮށްފިއެވެ.

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް މައްސަލަ ހުށަހަޅަން ހުޅުވާލީ މިދިޔަ ޖޫން މަހުގެ 13އިގައެވެ. އަދި އޭރު މައްސަލަތައް ހުށަހެޅޭނެ ކަމަށް ބުނެފައި އޮތީ މިމަހުގެ 13އާ ހަމަޔަށެވެ.

ނަމަވެސް މިއަދު އެ އޮފީހުން ގެޒެޓު ކުރި އިއުލާނެއްގައި ވަނީ އެ މުއްދަތު އިތުރު ކުރަން ނިންމާފައިވާ ކަމަށް ބުނެފައެވެ.

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަކީ އަމިއްލަ ނަމުގައި ދައުވާކުރުމާއި، ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ، އަމިއްލަ ނަމުގައި މުއުމަލާތުކުރުމުގެ ހައިސިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކައެއް އޮންނަ މުސްތަގިއްލު ގާނޫނީ ޝަހުސެކެވެ.

އޮމްބަޑްސްޕާސަން އޮފީހުގެ މަގުސަދަކީ ނިޒާމީ ގޮތެއްގައި ރޭވިގެން ހިންގާފައިވާ އަމަލެއްގެ ސަބަބުން މީހެއްގެ އިންސާނީ ހައްގެއް ހިފެހެއްޓިފައިވާ ނަމަ އެކަން ބަލައި، އެ އަމަލުގެ ޝިކާރައަކަށްވި ފަރާތަށް ބަދަލު ލިބިދިނުމެވެ. އެގޮތުން 1953 ޖަނަވަރީ އިން ނޮވެންބަރު 17، 2018 އާ ދެމެދު ހިނގާފައިވާ އެފަދަ މައްސަލަތައް އޮމްބަޑްސްޕާސަންގެ އޮފީހަށް ބެލޭނެ އެވެ.

އެ އޮފީހަށް މައްސަލަ ހުށަހަޅާނީ އޮފީހުގެ މައްސަލަ ހުށަހަޅާ ފޯމުންނެވެ. އަދި ބަދަލު ހޯދުމަށް އެދޭ ނަމަ، ބަދަލު ހޯދުމަށް އެދި ހުށަހަޅާ ފޯމް ފުރިހަމަކޮށް، އެ ފޯމްތަކުގައި ބަޔާންކޮށްފައިވާ މައުލޫމާތުތަކާ އެކު، އެ އޮފީހުގެ އީމެއިލް އެޑްރެސް[email protected] އަށް ނުވަތަ އޮފީސް ހުޅުވާފައި ހުންނަ ވަގުތުތަކުގައި އޮފީހުގެ ކައުންޓަރަށް ހުށަހެޅޭނެ ކަމަށް އިއުލާނުގައިވެ އެވެ.

މައްސަލަ ހުށަހަޅާ ފޯމާއި ބަދަލު ހޯދުމަށް އެދި ހުށަހަޅާ ފޯމް އެއޮފީހުގެ ވެބްސައިޓު www.otj.gov.mv އަދި އޮފީސް ހުޅުވާފައި ހުންނަ ގަޑިތަކުގައި އޮފީހުގެ ކައުންޓަރުން ލިބޭނެ އެވެ.

comment ކޮމެންޓް