ބޭނުން ވަނީ ރާއްޖޭގެ ހުރިހާ ރަށެއް ދުނިޔެއަށް ދައްކާލަން: ޒުވާން މަސްވެރިޔާ

ސާޖިން ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދާން އަޒުމު ކަނޑައަޅާފަ -- ފޮޓޯ: ޒުވާން މަސްވެރިޔާ

މީގެ ހަތް އަހަރު ކުރިން ޒުވާން މަސްވެރިޔާގެ ނަމުގައި ސޯޝަލް މީޑިއާއަށް ތައާރަފްވި ހަސަން ސާޖިން މިހާރު ވަނީ މަސްވެރިކަމުގެ ދާއިރާއިން ރާއްޖެ އާއި ބޭރުގެވެސް ގިނަ ބައެއްގެ ސަމާލުކަން ހޯދާފައެވެ. އަދި މިހާރު އޭނާގެ ވިސްނުން ހުރީ މަސްވެރިކަމުގެ އިތުރުން މުޅި ރާއްޖެއަށްވެސް ފައިދާ ވާނެ ގޮތަކަށް، ރާއްޖޭގެ ކޮންމެ ރަށެއްގެ ހާއްސަކަން މުޅި ދުނިޔެއަށް ދައްކުވައި ދިނުމަށެވެ.

ސާޖިން މިހާރު ތައްޔާރު ވަމުން ދަނީ 17 މަސް ތެރޭ ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ދަތުރު ކުރުމަށެވެ. އަދި "ޑިސްކަވާ މޯލްޑިވްސް ވިތު ޒުވާން މަސްވެރިޔާ" ގެ ނަމުގައި ފަށާ އެ ދަތުރުގެ މައިގަނޑު އެއް މަގުސަދަކީ ރާއްޖޭގެ ހުރިހާ ރަށެއް މުޅި ދުނިޔެއަށް ދައްކާލުން ކަމަށް އޭނާ ބުންޏެވެ.

"މިކަމަކީ އަޅުގަނޑުގެ ވަރަށް ދުވަސްވީ ހުވަފެނެއް. އަޅުގަނޑުގެ ޕްލެޓްފޯމުން މިހާރުވެސް މުޅި ދުނިޔެއަށް ރާއްޖެ ދައްކަމުން މިގެންދަނީ އަދި މި ދަތުރު ކުރާ އެންމެ ބޮޑު އެއް ސަބަބަކީ ރާއްޖެ އެއްކޮށް މުޅި ދުނިޔެއަށް ދައްކާލުން،" ސާޖިން ކިޔައިދިނެވެ.

ސާޖިން ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދާން އަޒުމު ކަނޑައަޅާފަ -- ފޮޓޯ: ޒުވާން މަސްވެރިޔާ

ސާޖިން ބުނި ގޮތުގައި ރާއްޖޭގެ މަސްވެރިކަން ކުރިއެރުވުމުގައި އޭނާ ވަނީ އެހެން ބަޔަކަށް އަދި ވާސިނުލުވެވޭ ހަރުފަތަކަށް އަރާފައެވެ. އެގޮތުން އޭނާގެ ޕޭޖަށް އެތައް މިލިއަނުން ލިބޭ 'ވިއުސް' ރާއްޖޭގެ އެފަދަ އެހެން ޕޭޖަކަށް ނުލިބޭކަން އޭނާ ފާހަގަ ކުރިއެވެ.

"މިދިޔަ އެއް އަހަރާ ހަ މަސް ތެރެއަށް ބަލާ ނަމަ އަޅުގަނޑުގެ ޕޭޖަށް ވަދެ، ބަލާފަ އެބަހުރި 100 މިލިއަނަށް ވުރެ ގިނަ މީހުން،" ސާޖިން ފާހަގަކުރިއެވެ.

ސާޖިންގެ 'ޒުވާން މަސްވެރިޔާ' ފޭސްބުކް ޕޭޖް ފޮލޯ ކުރާ މީހުންގެ އަދަދު މިހާރު 160,623އަށް އަރާ އިރު، 61،949 މީހުން އެ ޕޭޖަށް ލައިކު ދީފައިވެއެވެ.

އާއްމު ގޮތެއްގައި ސޯޝަލް މީޑިއާ މެދުވެރިކޮށް ސާޖިން ހިއްސާ ކުރަނީ މަސްވެރިކަމާ ބެހޭ ވާހަކަތައް ކަމަށްވީ ނަމަވެސް ރާއްޖޭގެ ރަށްތަކަށް ކުރާ ދަތުރުގައި އިސްކަން ދޭނީ ހަމައެކަނި އެ ދާއިރާއަށް ނޫން ކަމަށް ސާޖިން ބުންޏެވެ.

އެގޮތުން އޭނާ ވަނީ ކޮންމެ ރަށެއްގެވެސް ތަފާތު ކަންތައްތައް ބަލާ، "އަޑިންނާއި މަތިން" ވީޑިއޯ އާއި ފޮޓޯ ނަގަން އަޒުމު ކަނޑައަޅާފައެވެ.

ސާޖިން ވަނީ އޭނާގެ ދަތުރުތަކުގައި "އަޑިންނާއި މަތިން" ފޮޓޯ އާއި ވީޑިއޯ ނަގާނެ ކަމަށް ބުނެފަ -- ފޮޓޯ: ޒުވާން މަސްވެރިޔާ

"ރަށްރަށުގައި ހުންނަ އާސާރީ ތަންތަނާ ބީޗުތަކާ ކަނޑު އަޑީގެ މަންޒަރުތައް، މިހުރިހާ ތަންތަނެއް ސޯޝަލް މީޑިއާއަށް ދޫކޮށްލަން މިއުޅެނީ ރާއްޖެ އިޝްތިހާރު ކުރުމުގެ ނިޔަތުގަ. މި އިވެންޓަށް ކިޔާ ނަމަކީވެސް ޑިސްކަވާ މޯލްޑިވްސް ވިތު ޒުވާން މަސްވެރިޔާ. ވީމާ ސީދާ މަސްވެރިކަމަށް ފޯކަސްކޮށްގެން ނޫން. ހުރިހާ ކަމަކަށްވެސް،" ސާޖިން ބުންޏެވެ.

ސާޖިން މަސައްކަތް ކުރަމުން ދަނީ މިމަހުގެ ފަހުކޮޅު އޭނާއަށް ދަތުރު ފެށޭނެ ގޮތެއް ހަމަޖެއްސުމަށެވެ. އަދި އޭނާ މިވަގުތު މަޑުކޮށްގެން ހުރީ ސްޕޮންސާއެއް ލިބެންދެން ކަމަށާއި ސްޕޮންސާޝިޕެއް ލިބުމާ އެކު ދަތުރު ފެށޭނެ ކަމަށް އޭނާ ބުންޏެވެ.

ސާޖިން އުންމީދު ކުރަނީ މުސްތަގުބަލުގައިވެސް އޭނާއަށް މަސްވެރިކަމުގެ ދާއިރާއިން ކުރިއަށްގޮސް، މި ދާއިރާ އިތުރަށް އިޝްތިހާރު ކުރެވޭނެ ކަމަށެވެ. އަދި މަސްވެރިކަމަކީ އެހާ ގަޔާ ނުވާ ކަމެއްގެ ގޮތުގައި ބައެއް މީހުން ގެންގުޅޭ ވިސްނުން ބަދަލުކޮށް، މަސްވެރިންނަނީ އިއްޒަތްތެރި، ގަދަރުވެރި ބައެއްގެ ގޮތުގައި މީހުން ދެކޭނެ ދުވަހެއް އަންނާނެ ކަމަށެވެ.

comment ކޮމެންޓް