އަމާޒަކީ މިމަސް ނިމުމުގެ ކުރިން ހުރިހާ ކުދިންނަށް ފުރަތަމަ ޑޯޒު ޖަހައި ނިންމުން: ރައީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް: ސަރުކާރުގެ މިހާރުގެ އަމާޒަކީ، މި މަސް ނިމުމުގެ ކުރިން، ހުރިހާ ކުދިންނަށްވެސް، ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައި ނިންމުން ކަމުގައި ވިދާޅުވި -- ފޮޓޯ ރައީސް އޮފީސް

ސަރުކާރުގެ މިހާރުގެ އަމާޒަކީ، މި މަސް ނިމުމުގެ ކުރިން، ހުރިހާ ކުދިންނަށްވެސް ކޮވިޑް-19 އިން ދިފާއު ވުމަށްޓަކައި ޖަހާ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައި ނިންމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ދިރާސީ އައު އަހަރު ފެށުމާ ގުޅިގެން ރެހެންދި ސްކޫލްގައި މިއަދު ހެނދުނު ބޭއްވި ހާއްސަ އެސެމްބްލީގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ހުރިހާ ކުދިންނަށް، ކޮވިޑް-19 ވެކްސިން ޖެހުމުގެ ހާއްސަ ޕްރޮގްރާމެއް ވަރަށް އަވަހަށް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

ރައީސް ވިދާޅުވީ ކޮވިޑް-19ގެ ދަތި އުނދަގޫތަކުގެ ތެރޭގައިވެސް، އަޅުގަނޑުމެން މިއަދު ދިރާސީ އައު އަހަރަކާ ބައްދަލުކުރާއިރު، ދުނިޔޭގެ އެހެން ގައުމުތައް އަދިވެސް އޮތީ ވަރަށް ދަތި ނިކަމެތި ހާލަތެއްގައި ކަމަށާއި އެގޮތުން ގިނަ ގައުމުތައް އަދިވެސް އޮތީ ފުރަބަންދުވެ، އާންމު ވިޔަފާރިތަކާއި، ދަތުރުފަތުރުތައް ހުއްޓިފައި ކަމަށެވެ.

"ގިނަ ބަޔަކު އަދިވެސް ތިބީ ކޯވިޑް ވެކްސިންގެ އެންމެ ޑޯޒެއްވެސް ނުޖެހިފައި. ނަމަވެސް ރާއްޖެއަށް ބޭނުންވާވަރަށް މިހާރު ހުރީ ވެކްސިން ލިބިފައި. ގިނަ ބަޔަކު ވެކްސިންގެ ދެ ޑޯޒް ފުރިހަމަވެސް ކޮށްފި. ރާއްޖެއަށް މިހާރު މިވަނީ އައު އާންމު ހާލަތަކަށް އާދެވިފައި. އަޅުގަނޑުމެން، އޮފީސް ތަކާއި ވިޔަފާރިތައް މިއޮތީ ހުޅުވާލާފައި. ސްކޫލް މަދަރުސާ ތަކުގެ ކިޔެވުންވެސް އާންމު އުސޫލުން މިއަދު މި ފެށުނީ. އާންމު ދަތުރުފަތުރުތަކަށްވެސް ވަރަށް ބޮޑެތި ލުއިތަކެއް ލިބިއްޖެ،" ރައީސް ވިދާޅުވި އެވެ.

ދިރާސީ އައު އަހަރު ފެށުމުގެ ގޮތުން ރެހެންދި ސްކޫލްގައި ބޭއްވެވި ޚާއްސަ އެސެމްބްލީގައި ރައީސުލްޖުމްހޫރިއްޔާ، ދަރިވަރަކާ ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް

ރައީސް ސޯލިހް ވިދާޅުވީ ބޮޑެތި ލުއި ތަކެއް ދިން ނަމަވެސް، މިހާރުވެސް ބައެއް ގައުމު ތަކުގައި، ކޮވިޑް ޖައްސާ ވައިރަހުގެ ތަފާތު ބާވަތްތައް ފެތުރެމުން އެބަދާ ކަމަށެވެ.

އެހެންކަމުން، އައު އާންމު ހާލަތަކަށް އާދެވިފައިވިޔަސް، ކޮވިޑް-19ގެ ނުރައްކާތެރިކަން މުޅިން ފިލައިގެން ދިޔައީ ކަމަށް ގަބޫލުކޮށްގެން އަދި ނުވާނެ ކަމަށާއި ކޮވިޑް ޖައްސާ ވައިރަހުގެ ނުރައްކާތެރި ބާވަތްތައް އަދިވެސް ރާއްޖެއަށް އަތުވެދާނެ ކަމަށް، އަޅުގަނޑުމެން އަބަދުވެސް ސަމާލުވާން ޖެހޭނެ ކަމަށެވެ.

"އަޅުގަނޑުމެން މިއަދު ގަދައަޅައި މަސައްކަތް ކުރަންވީ، ކޮވިޑް ކޮންޓްރޯލް ކުރުމަށް. މި ލިބުނު ކުރިއެރުން އެގޮތުގައި ދަމަހައްޓަން. އަޅުގަނޑުމެންގެ ސްކޫލްތަކުގެ ކިޔެވުން ކުރިއަށްދާއިރުވެސް، ކޮވިޑުން ރައްކާތެރި ވުމުގެ ފިޔަވަޅުތަކަށް، ޓީޗަރުންނާއި ދަރިވަރުންނާއި ބެލެނިވެރިންވެސް ފުރިހަމައަށް އަމަލު ކުރެއްވުން ވަރަށް މުހިންމު،" ރައީސް ވިދާޅުވި އެވެ.

ދިރާސީ އައު އަހަރު ފެށުމުގެ ގޮތުން ރެހެންދި ސްކޫލްގައި ބޭއްވެވި ޚާއްސަ އެސެމްބްލީގައި ރައީސުލްޖުމްހޫރިއްޔާ، ދަރިވަރަކާއިއެކު -- ފޮޓޯ/ ރައީސް އޮފީސް

"ސަރުކާރު އޮފީސްތަކާއި އަމިއްލަ އޮފީސްތައްވެސް، އާންމު އުސޫލުން ހުޅުވައިގެން ޚިދުމަތްދޭއިރު، އޮފީސްތަކުގެ މުވައްޒަފުންވެސް، އަދި ޚިދުމަތް ހޯއްދަވާ ބޭފުޅުންވެސް، ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލުކުރެއްވުމަކީ ވަރަށް މުހިންމު ކަމެއް،"

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިދިޔަ ދިރާސީ އަހަރުގެ ވަރަށް ގިނަ ދުވަސް ތަކެއްގައި، މާލެއާއި އެހެން ބައެއް ރަށްރަށުގައިވެސް، ދަރިވަރުން ތިބެންޖެހުނީ ސްކޫލަށް ދާނެ ފުރުސަތެއް ނުލިބި، ވަރަށް ބޮޑު ނުތަނަވަސް ކަމެއްގައި ކަމަށެވެ.

އެހެންކަމުން، މިއަދު މި ލިބުނު ފުރުސަތުގެ ބޭނުން ހިފައި، ހުރިހާ ދަރިވަރުންވެސް ދިރާސީ އައު އަހަރުގެ ކިޔެވުން ކުރިއަށް ގެންދަންވީ އުފާވެރި ކަމާއި ހިތްހަމަޖެހުމާ އެކުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު މި ފެށުނު ދިރާސީ އަހަރަކީ، ދަރިވަރުންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް، ހެޔޮ ބަދަލުތަކެއް އަންނާނެ އަހަރެއް ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖެއަށް ކުރިމަތިވި ދަތި އުނދަގުލުގައިވެސް، ނިމިގެންދިޔަ ދިރާސީ އަހަރުގެ ކަންކަން ރާވައި ހިންގުމުގައި، ސްކޫލް ތަކުގެ ވެރިންނާއި މުވައްޒަފުން ކުރައްވާފައިވަނީ ވަރަށްވެސް މަތިވެރި ޖިހާދެއްކަން ފާހަގަ ކުރައްވާ، އެކަމަށްޓަކައި، ސްކޫލްތަކުގެ ވެރިންނާއި ޓީޗަރުންނާއި، ދަރިވަރުންނާއި ބެލެނިވެރިން، އެ ކުރެއްވި ބުރަ މަސައްކަތުގެ އަގު ވަޒަން ކުރައްވާ ފެ ފަރާތްތަކަށް ރައީސް ވަނީ އިހްލާސްތެރި ކަމާއެކު ޝުކުރު އަދާ ކުރައްވާފައެެވެ.

ދިރާސީ އައު އަހަރުގެ ކިޔެވުން މިއަދު ފެށިގެން ދިޔައީ ސަރުކާރު ސްކޫލްތަކާއި، އަމިއްލަ ސްކޫލް މަދަރުސާ ތަކުގެ 92936 ދަރިވަރުންނާއި އެކުގައެވެ.

comment ކޮމެންޓް