އިޞްލާޙުގެ ނަތީޖާ ... ފުލުހުންގެ ޚިދުމަތް ބަރުބާދު ވުން

ދިވެހިރާއްޖެއަށް ޑިމޮކްރަސީ ގެނެސް، ޤައުމުގެ ކަންކަން އިޞްލާޙު ކުރުމާއި، ހެޔޮ ޙުކޫމަތެއް ޤާއިމު ކުރުމާއި، ޚުދުމުޚުތާރު ގޮތުގައި ކުރެވެމުން އައި ކަންކަން މުޅީން ހުއްޓައިލުމާއި، ޢަދުލުއިންޞާފު ޤާއިމު ކުރުމުގެ ނަމުގައި ޙަރަކާތެއް ފެށުނީ 2001 ވަނަ އަހަރާއި 2005 ވަނަ އަހަރާ ދެމެދު ކަމަށް ބަލަމާ ހިންގަވާށެވެ!

ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންމެ ވަރުގަދަ އެއް ޝަޚްޞިއްޔަތު އެ ޚިދުމަތާ ދުރު ވެވަޑައިގަތީ މި ދެންނެވި މުއްދަތުގެ ތެރޭގައެވެ. 19 ސެޕްޓެންބަރު 2003 ގައި، މާފުށީ ޖަލުގައި ޙަސަން އީވާން ނަސީމު މަރައިލެވުނު ހާދިސާ އަށް ފަހު، ރައީސް މައުމޫން އެޅުއްވި އެއް ފިޔަވަޅަކީ، ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި ބްރިގޭޑިއަރ އާދަމް ޒާހިރު މަޤާމުން ދުރު ކުރައްވައި، މިނިސްޓްރީ އޮފް އިންފޮރމޭޝަން، އާރޓްސް އެންޑް ކަލްޗަރގެ އެގްޒެކެޓިވް ޑިރެކްޓަރގެ މަޤާމަށް ބަދަލު ކުރެއްވުމެވެ. ބެލެވޭ ގޮތުން، އެ ފިޔަވަޅަކީ "އިޞްލާޙީ ޙަރަކާތުގެ މީހުން" ރުއްސޭތޯ އެޅުއްވި ފިޔަވަޅެކެވެ. އާދެ، ޤުރުބާން ކުރެވޭ ކަންބަޅިއަކަށް އާދަމް ޒާހިރު ހެއްދެވީއެވެ. ނަމަވެސް، މާ ދިގު މުއްދަތެއް ފާއިތު ނުވަނީސް އާދަމް ޒާހިރު އަލުން ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް ގެންނެވިކަން ފާހަގަ ކުރެވެއެވެ. 2004 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 15 ވަނަ ދުވަހުއެވެ. ފަހުން އެމަނިކުފާނަށް މަޤާމުގެ ކުރިއެރުން ވެސް ދެއްވިއެވެ. ބްރިގޭޑިއަރގެ ރޭންކުން މޭޖަރ ޖެނެރަލްގެ ރޭންކަށެވެ. ނަމަވެސް އިތުރަށް މާ ގިނަ ދުވަސްތަކަކު އާދަމް ޒާހިރު ފުލުހުންގެ ޚިދުމަތުގައި މަސައްކަތެއް ނުކުރައްވައެވެ. މުސްކުޅި ކުރައްވައި، 1 ސެޕްޓެންބަރު 2004 ގައި ފުލުހުންގެ ޚިދުމަތުން ވަކި ވެވަޑައިގަތީއެވެ.

ފުލުހުންގެ ޚިދުމަތް އެ ޚިދުމަތުގެ އެންމެ ޤާބިލު އެއް ލީޑަރުގެ ހިޔާވަހިކަމުން މަޙުރޫމު ވީއެވެ. "އިޞްލާޙީ ޙަރަކާތުގެ މީހުން" އެމަނިކުފާނާ ދެކޮޅަށް ތުހުމަތުތަކެއް ކުރެއެވެ. އެ ކުރާ ތުހުމަތުތައް ޙަޤީޤީ ތުހުމަތުތަކަކަށް ވުރެ ވައްތަރީ، ދޫ ނުބައި ދެ މީހަކު ޒުވާބު ކުރާ އިރު، އެކަކު އަނެކަކާ ދިމާޔަށް ގޮވާ ހުތުރު އެއްޗެއްސާއެވެ.

2008 ވަނަ އަހަރު ފެނުނީ "އިޞްލާޙީ ޙަރަކާތުގެ މީހުން" ދިވެހިރާއްޖޭގެ ވެރިކަމަށް އައި މަންޒަރެވެ. ދެން ފެށުނީ ނާޖާއިޒު ސިޔާސީ މަޤްޞަދުތަކެއްގައި ފުލުހުންގެ މުޅި ޤިޔާދަތު އެފުށް މިފުށަށް ޖެހުމުގެ ސިލްސިލާއެކެވެ. އެއިރުއްސުރެ ފާއިތު ވެގެން މި ދިޔަ ތޭރަ ވަރަކަށް އަހަރުގެ ތެރޭގައި، ފުލުހުންގެ ޚިދުމަތުގެ ތެރެއިން ސިޔާސީ ނުފޫޒުގެ ކަޅު ހިޔަނި ނުފެންނަ އިރެއް ދަނީ ވަރަށް މަދު ފަހަރަކުއެވެ. މި މުއްދަތުގެ ތެރޭގައި، ފުލުހުންގެ ޚިދުމަތުން ވަކި ކުރެވުނު، ނުވަތަ ކަންކަން ދާ ގޮތުން މަޤާމުގައި ނުތިއްބަވާން ވެގެން މަޤާމު ދޫ ކޮށްލެއްވި ބެއިފުޅުންގެ ޢަދަދު ގިނައެވެ. ސީނިއަރ ޑެޕިއުޓީ ކޮމިޝަނަރ ޢަބްދުއްޝުކޫރު ޢަބްދުﷲ، ޑެޕިޔުޓީ ކޮމިޝަނަރ އިބްރާހީމް ލަޠީފް، ކޮމިޝަނަރ އަޙްމަދު ފަސީޙް، ޑެޕިޔުޓީ ކޮމިޝަނަރ މުޙައްމަދު ރިޝްވާން، ޑެޕިޔުޓީ ކޮމިޝަނަރ އަޙްމަދު ޢަޠީފް، ޑެޕިޔުޓީ ކޮމިޝަނަރ އަޙްމަދު މުނީރު، ޑެޕިޔުޓީ ކޮމިޝަނަރ މުޙައްމަދު ފަޔާޒް، ކޮމިޝަނަރ ޢަބްދުﷲ ރިޔާޟް، ކޮމިޝަނަރ ޙުސައިން ވަޙީދު، ޑެޕިޔުޓީ ކޮމިޝަނަރ ޙަސަން ޙަބީބް، ޑެޕިޔުޓީ ކޮމިޝަނަރ އަޙްމަދު ސަޢުދީ، ޑެޕިޔުޓީ ކޮމިޝަނަރ މުޙައްމަދު ޞާދިޤު، އެސިސްޓެންޓް ކޮމިޝަނަރ ޙުސައިން އާދަމް، ކޮމިޝަނަރ އަޙްމަދު ޢަރީފް، ޑެޕިޔުޓީ ކޮމިޝަނަރ ޢަބްދުﷲ ނަވާޒު، ކޮމިޝަނަރ ޙަމްދޫން ރަޝީދު، އެސިސްޓެންޓް ކޮމިޝަނަރ ޢަބްދުﷲ ފައިރޫޝް، އަދި އެސިސްޓެންޓް ކޮމިޝަނަރ ޢަބްދުﷲ އަޙްމަދަކީ މި ލިސްޓުގައި ހިމެނޭ ބެއިބެއިފުޅުންނެވެ. މިއިން ކޮންމެ ބެއިފުޅަކީ ވެސް، ޚިދުމަތުގެ އިތުރު އެތައް އަހަރެއް ކުރިޔަށް އޮއްވައި، ފުލުހުންގެ ސަފުތަކުގެ ތެރެއިން ބޭރު ވެވަޑައިގަންނަވާން ޖެހިވަޑައިގަތް ބެއިފުޅުންނެވެ.

މިއިން ކޮންމެ ބެއިފުޅަކީ ފުލުހުންގެ ޚިދުމަތުގެ ތެރޭގައި އެތައް އަހަރެއް ވާންދެން ޚިދުމަތް ކުރެއްވި ބެއިފުޅެކެވެ. ފަނަރަ ވިއްސަކަށް އަހަރުގެ ނުވަތަ އެއަށްވުރެ ވެސް ދިގު މުއްދަތުގެ ޚިދުމަތުގެ ރިކޯޑެއް އޮތް ބެއިފުޅެކެވެ. ތަޖުރިބާއިން ލިބޭ ޢިލްމުގެ ޚަޒާނާތަކެއް ކަމަށް ވެވަޑައިގެންފައި ވާ ބެއިފުޅެކެވެ. ފުލުހުންގެ ޚިދުމަތާ ގުޅޭ އެކިއެކި ދާއިރާތަކުން ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ޔުނިވަރުސިޓީތަކުން ފުރަތަމަ ޑިގްރީ އާއި މާސްޓަރޒް ޑިގްރީ އާއި ޕީއެޗްޑީ ޙާޞިލު ކުރައްވައިގެން ތިއްބެވި ބެއިފުޅުން މި ލިސްޓުގައި އެބަ ހިމެނެއެވެ. ފާއިތު ވެގެން ދިޔަ ދިހަ ފަނަރަ ވަރަކަށް އަހަރުގެ ތެރޭގައި، ފުލުހުންގެ ޚިދުމަތުގެ މެންބަރުންނަށް ލީޑަރުންގެ ގޮތުގައި ފެނިފައި ވަނީ މި ބެއިބެއިފުޅުންނެވެ. އެހެންކަމުން، މި ބެއިބެއިފުޅުން ފުލުހުންނާ ވަކި ވެވަޑައިގަތުމަކީ، ފުލުހުންގެ މުއައްސަސާގެ ތަނބުތައް މުގުރިގެން ދިޔުން ފަދަ ކަމެކެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، ފުލުހުންގެ މުއައްސަސާ މިހާރު އޮންނާނޭ ޙާލަތު ހިތަށް ގެނައުމަކީ މާކަ އުނދަގޫ ކަމަކަށް ނުވާނެއެވެ. އޭގެ ސަބަބުން ފުލުހުންގެ މުއައްސަސާއަށް ލިބިގެން ދިޔަ ގެއްލުމަކީ ދުވަހަކު ވެސް ފޫ ބެއްދޭނޭ ގެއްލުމެއް ނޫނެވެ. ހަމަ އެހެންމެ، މި ބެއިބެއިފުޅުން އެއް ފަރާތް ކުރެވި "އުކައިލެވުނީ" ސިޔާސީންގެ ބާރާއި، ސިޔާސީންގެ ސިޔާސީ އެޖެންޑާތަކުގެ ދަށުންކަން ފެންނާން އޮތް އިރު، އޭގެ ސަބަބުން ކުރިމަގުގައި ފުލުހުންގެ މުއައްސަސާ ބައްޓަން ކުރެވޭ ގޮތަށް އަންނާނޭ ބަދަލުތަކަކީ ކޮބައިތޯއެވެ؟ ކުރިޔަށް އޮތް ތަނުގައި، ފުލުހުންގެ އިސް ރޭންކުތަކުގެ އޮފިސަރުން، މަތީ މަޤާމުތަކުގެ އެދުމުގައި، ސިޔާސީންގެ އުނގަށް ވަނުމާއި، ސިޔާސީންގެ ރުހުން ހޯދުމަށް ޓަކައި ނަޒާހަތްތެރިކަން ވިއްކައިލުން ފަދަ ކަންކަން ޢާއްމު ވެގެން ނުދާނޭތޯއެވެ؟ މި މަންޒަރުތަކުން، ޢާއްމު ފުލުހުންނަށް މި ނަގައިދެވޭ ފިލާވަޅަކީ ކޮބައިތޯއެވެ؟ މީގެ ނަތީޖާއަކަށް، ފުލުހުންގެ ކިބައިން ޤައުމާއި ޤާނޫނާއި ރައްޔިތުންގެ ޙައްޤުގައި ޚިދުމަތް ކުރުމުގެ ވިލް ނުވަތަ އިރާދާ ނެތިގެން ނުދާނޭ ގޮތަކީ ކޮބައިތޯއެވެ؟

ކޮންމެ މުއައްސަސާއެއް ވެސް، މުއައްސަސާއެއްގެ ގޮތުގައި ކުރި އަރައި ތަރައްޤީ ވެގެން ދަނީ، އެ ތަނެއްގެ ޤިޔާދަތުގައި ޢިލްމާއި ތަޖުރިބާ ހުރި، އަދި އެތަނެއްގައި ދަށަށް ތިބޭ މުއައްޒަފުންނާއި މެންބަރުންގެ އިޙުތިރާމާއި ލޯބި ލިބިފައި ވާ ބަޔަކު ތިބެގެންނެވެ. ތަނަށް "ހެދި ބޮޑު ވެފައި އޮންނަ" ޤިޔާދަތެއް އޮވެގެންނެވެ. ނަޒާހަތްތެރިކަމާ އެކު، މެރިޓުން، ރޭންކަކަށް ފަހު ރޭންކެއް އަދި ދަރަޖައަކަށް ފަހު ދަރަޖައެއް މައްޗަށް ޖެހެމުން ގޮސް، ތަނުގެ އިސް މަޤާމުތަކަށް ވާޞިލު ވެފައި ތިބޭ ބަޔަކު ތަނުގެ ލީޑަރުންގެ ގޮތުގައި ތިބެގެންނެވެ. ފުލުހުންގެ މުއައްސަސާގެ އިސް ވެރީންނަކީ، ކޮންމެ ސިޔާސީ ބަދަލަކާ އެކު ބަދަލު ވާ ބަޔަކަށް ވަންޏާ، ފުލުހުންގެ މުއައްސަސާއަކު ދުވަހަކު ވެސް ހަރުދަނާ ޤިޔާދަތެއް ނޯންނާނެއެވެ. އަދި ތަނުގެ އިސް ވެރީންނަކީ، އަބަދު ވެސް އެއިރަކު އޮންނަ ވެރިކަމެއްގެ "ސިޔާސީ ރުހުމުގެ" ވާސިޠާއިން އިސް މަޤާމުތަކަށް އައިސް ތިބޭ ބަޔަކަށް ވަންޏާ، އެމީހުންނަށް ޢާއްމު ފުލުހުން ކުރާނޭ ޤަދަރެއް ވެސް އަދި އިތުބާރެއް ވެސް ނުއޮންނާނެއެވެ. ހެޔޮ ވެރިކަން ނުވަތަ "ގުޑް ގަވަރނެންސް" ގެ އެންމެ ވަރުގަދަ އެއް އަސާސަކީ މި ޙާލަތުން ދައުލަތުގެ ހުރިހައި މުއައްސަސާތަކެއް ވެސް ސަލާމަތް ކުރުމެވެ. ކޮންމެ މުއައްސަސާއެއް ވެސް، ސިޔާސީ ނުފޫޒުން އެއްކިބާ ވެފައި ވާ، ނަޒާހަތްތެރިކަމާއި މެރިޓަށް ބަލައިގެން އެތަނެއްގެ ޤިޔާދަތު ބިނާ ކުރެވޭ، އަދި ޢަދުލުވެރިކަމާއި އިޙުސާންތެރިކަމުގެ އަސާސުގައި ހިނގާ މުއައްސަސާއަކަށް ވުމެވެ. ޚާއްޞަ ގޮތެއްގައި، ފުލުހުންގެ މުއައްސަސާ ހަރުދަނާ އަދި ރަނގަޅު ގޮތުގައި ބިނާ ވެފައި އޮތުމަކީ ޤައުމު ދެމިއޮތުމަށް ޓަކައި މުޠުލަޤު ގޮތެއްގައި ލާޒިމު ވެގެން ވާ ކަމެކެވެ.

ދެން، މަތީގައި ދެންނެވުނު ބެއިފުޅުންގެ ތެރެއިން ކޮންމެ ބެއިފުޅަކީ ވެސް، އެ ބެއިފުޅަކު ތަމްރީނު ކުރުމަށާއި، ފުލުހުންގެ ޚިދުމަތުގެ އެކިއެކި ދާއިރާތަކުން އެ ބެއިފުޅުންނަށް މަތީ ތަޢުލީމު ދިނުމަށް ޓަކައި، ރައްޔިތުންގެ މައުމޫލު ފައިސާއިން އެތައް މިލިއަން ރުފިޔާއެއް ޚަރަދު ކުރެވިފައި ވާ ބެއިފުޅުންނެވެ. މިއިން ކޮންމެ ބެއިފުޅަކީ ދިވެހި ރައްޔިތުން އެމީހުންގެ ފައިސާއިން ކޮށްފައި ވާ ބޮޑު އިންވެސްޓްމަންޓެކެވެ. މި ބެއިބެއިފުޅުން އުކައިލުމުން، ރައްޔިތުން ކުރި އިންވެސްޓްމަންޓަށް އެ ހެދުނީ ކޮން ގޮތެއްތޯއެވެ؟ ރައްޔިތުންގެ ފައިސާއިން އިސްރާފު ވެގެން އެ ދާ އެތައް މިލިއަން ރުފިޔާއަކާ މެދު ޒިންމާ ނަގަނީ ކާކުތޯއެވެ؟

ހަމައެހެންމެ، މީގެ ކޮންމެ ބެއިފުޅަކީ ޤައުމަށް ބޮޑެތި ޚިދުމަތްތަކެއް ކުރެއްވި ދިވެހި ދަރިއެކެވެ. ސިޔާސީންގެ "އިޞްލާޙީ" ކަޅު ލިސްޓަށް މި ބެއިބެއިފުޅުންގެ ނަންފުޅުތައް އެރުމުގެ ނަތީޖާއެއްގެ ގޮތުން، ދައުލަތުގެ ޚިދުމަތުން ނިކަމެތި ގޮތުގައި ބޭރު ކޮށްލެވި، ނުވަތަ ފެއްސިގަނެގެން ދާން މަޖުބޫރު ކުރެވޭ އިރު، އެ ޚިދުމަތުގެ އަގު ކޮބައިތޯއެވެ؟ ގެއްލުވައިލެވޭ އެ ބެއިފުޅުންގެ ޙައްޤުތައް ކޮބައިތޯއެވެ؟ އެ ބެއިފުޅުންނާއި އެ ބެއިފުޅުންގެ ޢާއިލާތައް ޒަލީލު ކޮށްލެވި، ނިކަމެތި ކޮށްލެވޭ ކޮށްލެވުމާ މެދު ބުނާން އޮތީ ކީކޭތޯއެވެ؟ މިހެން ކަންކަން ވަންޏާ، ޤާބިލު ދިވެހި ދަރީން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ދައުލަތުގެ އެހެން ޚިދުމަތެއްގައި ނުވަތަ ދާއިރާއެއްގައި ވެސް މަސައްކަތް ކުރާން ބޭނުން ވާނޭ ގޮތަކީ ކޮބައިތޯއެވެ؟ އަޅުގަނޑު މި ދައްކަނީ ފުލުހުންގެ ވާހަކައެވެ. ދިވެހި ސިފައިންގެއާ މެދު ވެސް ދައްކާން އޮތީ ހަމަ އެއް ވާހަކައެކެވެ. މާ ދިގު ނުކުރުމަށް ޓަކައި، ސިފައިންގޭގެ ވާހަކަ ބާއްވާނީއެވެ. އެތައް އެހެން ދާއިރާތަކެއްގައި، ސިޔާސީންގެ "އިޞްލާޙީ ޤުރުބާންގާހުގައި" ކަތިލެވުނު ޚިދުމަތްތެރި، ނަޒާހަތްތެރި، އަދި އެއްވެސް ކުށެއް ނެތް އެތައް ދިވެހި ދަރީންނެއްގެ ވާހަކަ ވެސް ތަފްޞީލަށް ނުގޮސް ބާއްވާނީއެވެ.

މި ދެ ދުވަހަކު ނޫސްތަކުން ފެނިގެން ދިޔަ ޚަބަރެއްގައި އޮންނަނީ، ފުލުހުންގެ ޚިދުމަތުގެ އިސް އޮފިސަރުންތަކެއް މަޤާމުން ވަކި ކުރާން ފުލުހުންގެ ބޯޑުން ނިންމައިފި ވާހަކައެވެ. ނުރަސްމީކޮށް ލިބޭ މަޢުލޫމާތުތަކުން ކަށަވަރު ވަނީ، އެއީ ހަމަ ތެދު ޚަބަރެއް ކަމެވެ. ޤާނޫނު ނަންބަރު 2020/34 (ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު) ގެ ފަނަރަވަނަ ބާބުގެ ދަށުން އުފައްދައިފައި ވާ ޕޮލިސް ބޯޑުން، ފުލުހުންގެ އެތައް އޮފިސަރުންނަކާ ބެހޭ "ޝަކުވާތައް" ބަލައި، ފިޔަވަޅު އެޅުމުގެ މަސައްކަތްތަކެއް ކުރަމުންދާ ކަމެވެ. ޤާނޫނުގެ 3 ވަނަ މާއްދާގެ (ނ) ގެ ދަށުންނެވެ. ޚަބަރުތަކުގައި އެ ބުނާ ބެއިބެއިފުޅުންނަކީ އެ މަސައްކަތުގެ ތެރެއިން، ޤުރުބާންގާހަށް ގެންދެވޭ ބެއިފުޅުން ކަމަށް ބެލެވެއެވެ.

2008 އިން 2020 އާ ހަމަޔަށް، ފުލުހުންގެ ޚިދުމަތުން ވަކި ކުރެވުނު ނުވަތަ ވަކި ވެވަޑައިގަންނަވާން މަޖުބޫރު ކުރެވުނު ބެއިފުޅުންގެ ދިގު ލިސްޓަށް އަނެއްކާވެސް އެތައް ބެއިފުޅެއްގެ ނަންފުޅުތައް އަރަނީއެވެ. މިއީ އަޅެ ފަހެ ކޮން ކަމެއްތޯއެވެ؟ މި "މޭޑްނެސް" އަށް ދުވަހަކުވެސް ހުއްޓުމެއް ނެތީތޯއެވެ؟

ދައްކާން ހުރި ވާހަކަތައް ގިނައެވެ. ނަމަވެސް ތަފްޞީލުތަކަށް ނުގޮސް، ކޮންމެ ނުކުތާއެއްގެ ވެސް ޚުލާޞާއެއް ދަންނަވައިލާނަމެވެ.

ފުރަތަމަ ކަމަކަށް، ދިވެހި ފުލުހުންގެ ޚިދުމަތަކީ ޤާނޫނުއަސާސީން އުފައްދައިފައި ވާ ދައުލަތުގެ ނިޒާމެކެވެ. އެ ޚިދުމަތް އުފައްދައިފައި ވަނީ ޤާނޫނުއަސާސީގެ 236 ވަނަ މާއްދާ އާއި 244 ވަނަ މާއްދާ ފަދަ މާއްދާތަކުންނެވެ. ޤާނޫނުއަސާސީގެ 245 ވަނަ މާއްދާ އާއި 246 ވަނަ މާއްދާއިން އެނގި ސާފު ވާ ފަދައިން، ފުލުހުންނަކީ ސިޔާސީ އެއްވެސް ނުފޫޒެއްގައި ނުޖެހި، ސިޔާސީ ތަޢައްޞުބާއި ނުފޫޒުތަކުން މުޅީން މިނިވަން ވެތިބެ، ހަމައެކަނި ޤާނޫނުއަސާސީ އަށާއި ޤާނޫނަށް ތަބަޢަ ވެގެން، ޤާނޫނުއަސާސީ އާއި ޤާނޫނާ ޚިލާފު ހުރިހައި އަމުރުތަކަށް ނޫނެކޭ ބުނެ، ވަކި ފަރާތަކަށް ނުޖެހި މަސައްކަތް ކުރާން ޖެހޭ ފަރާތެކެވެ. އެހެންކަމުން، ފުލުހުންގެ އެއްވެސް މީހަކު ސިޔާސީ ގޮތުން ވަކި ފަރާތަކަށް ޖެހުން ނުވަތަ ވަކި ފަރާތެއްގެ ނުފޫޒުގެ ދަށަށް ދިޔުން ކަމަށް ބެލެވޭ ޢަމަލެއް ކުރުމަކީ ޤާނޫނުއަސާސީއާ ޚިލާފު ޢަމަލެކެވެ. ހަމައެހެންމެ، ސިޔާސީ ގޮތުން ވަކި ބައެއްގެ ނުފޫޒުގެ ދަށަށް ފުލުހުން ގެނައުމަށް ދައުލަތުގެ އެއްވެސް ކަމަކާ ޙަވާލު ވެހުރި އެއްވެސް މީހަކު ކުރާ ކޮންމެ ޢަމަލަކީ ވެސް ޤާނޫނުއަސާސީއާ ޚިލާފު ޢަމަލެކެވެ.

ދެވަނަ ކަމަކަށް، ދިވެހި ސިޔާސީ ލީޑަރުންނަށް އެއްގޮތަކަށް ވެސް ދޭހަ ނުވާ މަފްހޫމެއް އޮވެއެވެ. އެ މަފްހޫމަކީ، ދިވެހި ޤައުމަކީ ސިޔާސީ ލީޑަރުންގެ "ވިލް" ނުވަތަ "އިރާދާ" ގައި އޮތް ކޮންމެ ގޮތަކަށް ހަން ދަމާން އޮތް ރޮނޑެއް ނޫންކަމުގެ މަފްހޫމެވެ. ދިވެހި ދައުލަތަކީ ސިޔާދަތު ޤާނޫނުއަސާސީއާ މަތި ކުރެވިފައި ވާ، ނުވަތަ "ސުޕްރެމަސީ އޮފް ކޮންސްޓިޓިޔުޝަން" އޮންނަ ދައުލަތެކެވެ. އެހެންކަމުން، ދައުލަތުގެ ސިޔާސީ ދެ ގުނަން ކަމަށް ވާ ވެރިކަން ހިންގާ ބާރާއި ޤާނޫނު ހަދާ ބާރަށް ލިބިދޭ ސިޔާސީ ބާރަކީ ދުސްތޫރީ އިންތަކަކުން މަޙްދޫދު ކުރެވި، ލިމިޓް ކުރެވިފައި ވާ އެއްޗެކެވެ. ކަން މިހެން އޮތް އިރު، ޤާނޫނުއަސާސީން ފުލުހުންގެ ޚިދުމަތް ސިޔާސީ ނުފޫޒުން މިނިވަން ކުރާށޭ ބުނުމުން، ދެން އެކަން އެގޮތަށް ވާން ޖެހޭނެއެވެ. ރައްޔިތުންގެ މަޖިލިހަށް ވެސް، ފުލުހުންގެ ޚިދުމަތުގެ މައްޗަށް ބާރު ފޯރުވައި، އެ ޚިދުމަތާ ގުޅޭ ޤާނޫނުތައް ހެދޭނީ، އެ ޚިދުމަތުގެ މައްޗަށް ސިޔާސީ ނުފޫޒާއި މަނަސް ނުފޯރުވޭނޭ ގޮތަށެވެ. އެއާ ޚިލާފަށް ޤާނޫނެއް ހެދިޔަސް، އެ ޤާނޫނެއް ވާނީ ބާޠިލު ޤާނޫނަކަށެވެ. ފުލުހުންނަކީ ވެސް، އަދި ދިވެހި ސިފައިންނަކީ ވެސް ސިޔާސީ ލީޑަރުންގެ "މިލީޝިއާ" ނުވަތަ އެމީހުންގެ އެޖެންޑާ ހިންގާން އުފައްދައިފައި ވާ "ގޭންގުތަކެއް" ނޫނެވެ. އެއީ ފުރަމާނަ ދިވެހި ދައުލަތާއި ދިވެހި އުއްމަތުގެ ސަލާމަތާއި އަމަންއަމާންކަމާއި ޞުލްޙަ މަސަލަސްކަން ނެގެހެއްޓުމަށް ޓަކައި ދިވެހި ރައްޔިތުން އުފައްދައިފައި ވާ ޤައުމީ މުއައްސަސާތަކެކެވެ. ސިޔާސީ ކޮންމެ ޕާޓީއަކަށް ބާރު ލިބޭ އިރަށް، އެ ބަޔަކު ބޭނުން ވާ ގޮތަށް އަތުރައިލާ ކުޅިބައެއް ފަދައިން ފުލުހުންނާއި ސިފައިންނާ މެދު މުޢާމަލާތު ކުރުމަކީ ޤައުމާ ދެކޮޅަށް ހިންގޭ ބޮޑު ޖަރީމާއެކެވެ. މަޢާފު ނުކުރެވޭނޭ ޖަރީމާއެކެވެ. ޤާނޫނުއަސާސީ މުގުރައިލައިގެން ހިންގާ ބޮޑު ޚިޔާނާތެކެވެ.

ދެން އޮތީ، ފުލުހުން ޖަވާބުދާރީ ކުރުވޭ ގޮތުގެ ވާހަކައެވެ. ފުލުހުން ޖަވާބުދާރީ ކުރުވުމަށް ޓަކައި ޤާނޫނުއަސާސީން ވަނީ ފުރިހަމަ ނިޒާމެއްގެ އޮނިގަނޑު އެކަށައަޅައިފައެވެ. އެ އޮނިގަނޑު، ޤާނޫނުއަސާސީގެ 241 އަދި 242 ވަނަ މާއްދާއިން ފެނެއެވެ. އެ ނިޒާމުގައި ހިމެނެނީ ފުލުހުންގެ ޚިދުމަތް އިދާރީ ގޮތުން ހިންގައި މެނޭޖް ކުރުމުގެ މަސްއޫލިއްޔަތު މަތި ކުރެވޭ ވަޒީރާއި، ރައީސުލްޖުމްހޫރިއްޔާ އާއި، ރައްޔިތުންގެ މަޖިލިހުގައި އޮންނަ މަޝްހޫރު 241 ކޮމިޓީއެވެ. މި ތިން ފަރާތުން، ޤާނޫނުއަސާސީއާ އެއްގޮތް ވާ ގޮތުގެ މަތީން، ފުލުހުންގެ މައްޗަށް ސިޔާސީ އެއްވެސް ނުފޫޒެއް ފޯރުވުމެއް ނެތި، ފުލުހުން ޖަވާބުދާރީ ކުރުވާން ވީއެވެ. ޖަވާބުދާރީ ކުރުވާން ވީ ކޮން ގޮތަކަށް ތޯއެވެ؟ ފުލުހުން ކަން ކުރަނީ ޤާނޫނާ އެއްގޮތަށް ތޯ ބަލައިގެންނެވެ. ފުލުހުންގެ ވަސީލަތްތައް ބޭނުން ކުރެވެނީ ދައުލަތުގެ މާލިއްޔަތާ ބެހޭ އުޞޫލުތަކާއި ޤާނޫނުތަކާ އެއްގޮތަށްތޯ ބަލައިގެންނެވެ. ފުލުހުންގެ މުއައްސަސާ ދުވަހުން ދުވަހަށް ތަރައްޤީ ކުރެވެމުން ދޭތޯ ބަލައިގެންނެވެ. ޢާއްމު ފުލުހުންނަށް ދައުލަތުން ފޯރު ކޮށްދޭން ޖެހޭ ޢިނާޔަތްތަކާއި ރައްކައުތެރިކަން ފޯރު ކޮށްދިނުމުގެ މަސްއޫލިއްޔަތު ފުލުހުންގެ ޤިޔާދަތުން އަދާ ކުރޭތޯ ބަލައިގެންނެވެ. ދައުލަތުގެ ގުނަންތަކުގެ ބޭރުން އެހެން އެއްވެސް ފަރާތަކުން ވެސް ފުލުހުންގެ ތެރެޔަށް ނުފޫޒެއް ވައްދާތޯ ބަލައިގެންނެވެ. މި ގޮތްގޮތުން، ފުލުހުން ޖަވާބުދާރީ ކުރުވުމުގެ ފުރިހަމަ ނިޒާމެއް ޤާނޫނުއަސާސީން ޤާއިމު ކޮށްފައި އޮތް އިރު، ރައްޔިތުންގެ މަޖިލިހަށް ކުރެވޭނޭ ކަމަކީ، މި ނިޒާމު ހިންގުމާ ބެހޭ ތަފްޞީލީ ހަމަތައް ޤާނޫނުން އެކަށައެޅުމެވެ. އާދެ، ފުލުހުން ޖަވާބުދާރީ ކުރުވުމުގައި ވަޒީރުގެ ދައުރަކީ ކޮބައިކަން ކަނޑައެޅުމެވެ. އެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ދައުރަކީ ކޮބައިކަން ކަނޑައެޅުމެވެ. އެކަމުގައި 241 ކޮމިޓީގެ ދައުރަކީ ކޮބައިކަން ކަނޑައެޅުމެވެ. މީގެ އިތުރުން، ފުލުހުން އެ ފަރާތަކަށް ޖަވާބުދާރީ ވާން ޖެހޭ އެހެން ފަރާތްފަރާތް އުފައްދައި ޤާއިމު ކޮށް، ފުލުހުން އެ ފަރާތްތަކަށް ޖަވާބުދާރީ ކުރުވުމަކީ މަޖިލިހަށް ލިބިގެން ވާ ބާރެއް ނޫނެވެ. ދުސްތޫރީ ޢިލްމުގެ އަސާސްތަކާއި އުޞޫލުތަކުގެ އަލީގައި، ޤާނޫނުއަސާސީގެ 239، 241، އަދި 242 ވަނަ މާއްދާ މާނަ ކުރުމުން، މި ނޫން ގޮތެއް ނެތްކަން ސާފު ވާނެއެވެ. އެހެންކަމުން، ޕޮލިސް ބޯޑަކީ ކަނޑައެޅިގެން ޣައިރުދުސްތޫރީ ކިޔާނެކެވެ. ފުލުހުން ޖަވާބުދާރީ ކުރުވުމަށް ޓަކައި ޤާނޫނުއަސާސީގައި ފުރިހަމަ އަދި ރޭޝަނަލް ނިޒާމެއް އުފައްދައިފައި އޮއްވައި، އޭގެ ބޭރުން ހަދައިގެން އުޅޭ ކަމާނުބެހޭ އަދި ޣައިރުޤާނޫނީ އެއްޗެކެވެ.

ހަތަރުވަނަ ވާހަކަ އަކީ، ޕޮލިސް ބޯޑުން، ފުލުހުންގެ ޚިދުމަތުގެ އައު ޤާނޫނުގެ 3 ވަނަ މާއްދާގެ (ނ) ތަންފީޛު ކުރުމުގައި ހިންގި އިޖުރާއާތުގެ ދެކޮޅުނުޖެހުމާއި ބޭއިންޞާފުގެ ވާހަކަ އެވެ. އެއީ ވެސް ވަރަށް ދިގު ވާހަކައެއް ކަމުން، މުޅި އެ ވާހަކަ ދައްކާކަށެއް ނުހަދާނަމެވެ. މުޅި އެ އިޖުރާއާތު ހިންގެމުން ދަނީ ޠަބީޢީ ޢަދާލަތާ ޚިލާފަށް، ތަޢައްޞުފީ ނުވަތަ އާރބިޓްރަރީ ގޮތެއްގައި، ފުލުހުންނާ މެދު ފިޔަވަޅު އެޅޭނޭ ނިޒާމެއް އޮއްވައި އެ ނިޒާމުގެ ތެރެއިން މަސައްކަތް ނުކޮށް، ވަކި ޚާއްޞަ ފުލުހުންތަކަކާ މެދު ފިޔަވަޅު އެޅުމަށް ޓަކައި ވަކި ޚާއްޞަ ނިޒާމެއް އަދި ވަކި ޚާއްޞަ އިޖުރާއާތެއް ޤާއިމު ކޮށްގެން، ޤާނޫނުގެ ވެރިކަން ނުވަތަ ރޫލް އޮފް ލޯވގެ އަސާސީ އެއް އުޞޫލު މުގުރައިލައިފައިކަން ފާހަގަ ކުރުމާ އެކު، މި ވާހަކަ ކުރު ކޮށްލާނަމެވެ.

ދެން އޮތީ ޕޮލިސް ބޯޑުގެ މެންބަރުންގެ ވާހަކައެވެ. އެ ބޯޑުން ފުލުހުންގެ އައު ޤާނޫނުގެ 3 ވަނަ މާއްދާގެ (ނ) ގެ ދަށުން ކުރާން މި އުޅޭ މައިގަނޑު އެއް ކަމަކީ، އެ މާއްދާގައި އޮންނަ ގޮތުން، ކޮމިޝަނަރ އޮފް ޕޮލިސް ފިޔަވައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްއިން ފެށިގެން މަތީ ރޭންކުތަކުގެ ކޮމިޝަންޑް އޮފިސަރުންގެ ކިބައިގައި މަޤާމާ އެކަށޭނަ "ނަޒާހަތްތެރިކަން" ހުރިތޯ ބެލުމެވެ. މިކަން ބެލުމަށް ޕޮލިސް ބޯޑުގެ މެންބަރުން ކުފޫ ހަމަވޭތޯ، މިއީ ސަލާމަތް ބުއްދި ހުރި ކޮންމެ މީހަކު މެ ކުރާން ޖެހޭ ސުވާލެކެވެ. ނަޒާހަތްތެރިކަން ހުރި މީހަކަށް މެނުވީ، އެހެން މީހުންގެ ނަޒާހަތްތެރިކަން ހުރިތޯ ނުވަތަ ނޫންތޯ އާއި ހުރި މިންވަރު ވަޒަނެއް ނުކުރެވޭނެއެވެ. އަޅުގަނޑު ހުރިހައި މެންބަރުންގެ ވާހަކަ ދައްކާކަށް ނުހަދާނަމެވެ. އަދި ހުރިހައި މެންބަރުންނަކީ ނަޒާހަތްތެރިކަމެއް ނެތް މެންބަރުންނެކޭ ވެސް ނުދަންނަވާނަމެވެ. ތިޔަ ބެއިފުޅުން ވަޑައިގެން ބޯޑުގެ ހުރިހައި މެންބަރުންގެ ފަތިފުށް ބައްލަވާށެވެ! ބޯޑުގައި ތިބީ، ދިވެހި ފުލުހުންގެ ތެރޭގައި ދިހަ ބާރަ ފަނަރަ އަހަރު ވާންދެން، އަޚްލާޤީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ނަމޫނާތަކެއް ދައްކަވައިގެން، މަތީ ރޭންކުތަކާ ހަމަޔަށް މެރިޓުން ވަޑައިގެން ތިއްބެވި އެތައް ބެއިފުޅުންނެއްގެ "ނަޒާހަތްތެރިކަން އެބަހުރިތޯ ބަލާން ފަތިގަނޑު އަޅާ" ވަރުގެ މީހުންތޯ ބައްލަވާށެވެ!

އަޅުގަނޑު ދަންނަވާނީ ދެ ބެއިފުޅެއްގެ ވާހަކައެވެ.

އެއް ބެއިފުޅަކީ، ރައްޔިތުންގެ މަޖިލިހުގެ ރައީސްކަމުގެ މަޤާމުގައި ޑީ ފެކްޓޯކޮށް ހުންނެވި މުޙައްމަދު ނަޝީދުގެ ޤާނޫނީ ވަކީލެއްގެ ގޮތުގައި ދިގު މުއްދަތެއްގައި އުޅުއްވި އަލްއުސްތާޛާ ޞަފާ ޝަރީފެވެ. ޞަފާ އެ މަސައްކަތް ކުރެއްވީ، ޤާނޫނީ ޚިދުމަތް ދިނުމުގެ ހަމަތަކާއި އުޞޫލުތަކުގެ ދަށުން، މިނިވަންކަމާ އެކު ޚިދުމަތް ދެއްވާ ޕްރޮފެޝަނަލް ވަކީލެއްގެ ގޮތުގައި ކަމަށް ވެސް ވެދާނެއެވެ. ނުވަތަ، އެއީ ނަޝީދުގެ ޕާޓީއާ ސިޔާސީ ގޮތުން ކޮންމެވެސް ގޮތަކަށް ގުޅިވަޑައިގެން އުޅުއްވި އުޅުއްވުމެއް ކަމަށް ވެސް ވެދާނެއެވެ. ކަން ހިނގައިފައި އޮތީ ފަހުން މި ދެންނެވި ގޮތަށް ކަމަށް ވަންޏާ، ޞަފާ އެ ހުންނެވީ ޕްރެކްޓިސް ކުރާ ޤާނޫނީ ވަކީލުން ހިފަހައްޓާން ޖެހޭ މިނިވަންކަމާއި ޕްރޮފެޝަނަލް އެތިކްސްގެ މިންގަނޑާ ޚިލާފު ވެވަޑައިގެންފައެވެ. ކަން ހިނގައިފައި އޮތީ ކުރީން ދެންނެވި ގޮތަށް ކަމަށް ވިޔަސް، ނަޝީދުގެ ޤާނޫނީ ވަކީލެއްގެ ގޮތުގައި ޞަފާ އުޅުއްވުމުގެ ނަތީޖާއެއްގެ ގޮތުން، ޞަފާ އަކީ ސިޔާސީ ގޮތުން ވަކި ފަރާތަކަށް ބުރަ ވެވަޑައިގެން ހުންނެވި ބެއިފުޅެއް ކަމަށް ދެކޭ އެތައް ރައްޔިތުންނެއް ދިވެހި ޤައުމުގައި އެބަ ތިއްބެވެ. އެ ޢަދަދު އެތައް ހާހަކަށް އަރާނޭ ކަމަށް ވެސް ބެލެވެއެވެ. އެހެންކަމުން، ޢަދުލުއިންޞާފާއި ހެޔޮ ވެރިކަމާއި ދުސްތޫރިއްޔަތުގެ އަސާސްތަކާ އެކަށީގެން ވާ އަދި ރިވެތި ގޮތަކީ ޞަފާ ޕޮލިސް ބޯޑަށް ކުރިމަތި ވެސް ނުލެއްވުމެވެ. ކުރިމަތި ލެއްވިޔަސް، އޭނާ އެ ބޯޑަށް ހޮވުމަކީ ޖާއިޒު ކަމަކަށެއް ނުވެއެވެ.

ދެވަނަ މީހަކީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީގެ އިންޓަރނޭޝަނަލް ސްޕޯކްސްޕާރސަންގެ މަޤާމުގައި ހުރި ޙާމިދު ޢަބްދުލްޣަފޫރެވެ. ޙާމިދު ޢަބްދުލްޣަފޫރުގެ ވާހަކަ ދައްކާ އިރު، ދިވެހި ބަހުގެ މާތް ދަރަޖަތަކުގެ ތެރެއިން ދަރަޖައެއް ބޭނުން ކުރުމަށް އަޅުގަނޑު އުޒުރުވެރި ވަމެވެ. އޭނާއާ މެދު މާތް ދަރަޖައެއްގެ ބަހުރުވަ ބޭނުން ކުރުމަކީ، އަބުރުވެރި އަދި މާތް އިންސާނުންނަށް ކުރެވޭ ބޭއިޙުތިރާމެއް އަދި ބޭއިންޞާފެއް ކަމަށް އަޅުގަނޑުގެ ބުއްދި އާއި ޟަމީރު ދެކޭތީއެވެ. ދިވެހި އެންމެހައި ރައްޔިތުން ދަންނަ ފަދައިން، މި ޙާމިދު ޢަބްދުލްޣަފޫރަކީ އިސްލާމް ދީނުގައި ޙައްދު ކަނޑައެޅިފައި ވާ ކުށެއް ކަމަށް ވާ ބަނގުރާ ބުއިމުގެ ކުށުގެ ތުހުމަތު ކުރެވިގެން، ޤާނޫނު ލާޒިމު ކުރާ ގޮތުގެ މަތީން އެކަން ޓެސްޓު ކުރުމަށް ޓަކައި ކުޑަކަމުދާ ތަކެތީގެ ސާންޕަލެއް ދޭން ފުލުހުން އަމުރު ކުރުމުން، ޤާނޫނަށް ގޮން ޖަހައި، ފުލުހުންގެ ވާޖިބަށް ހުރަސް އަޅައި، ޢަދުލުއިންޞާފު ޤާއިމު ކުރުމަށް ހުރަސް އަޅައި، ސާންޕަލް ދޭން އިންކާރު ކުރި މީހެކެވެ. އެ މީހެއްގެ މައްޗަށް ޖިނާއީ ތަޙުޤީޤެއް ހިންގާން ޖެހިފައި ވާ މީހެކެވެ. އިސްލާމް ދީނުގެ ޝަރުޢީ މިންގަނޑުތަކުން، ޢަދުލުވެރި މީހެއް ކަމަށް ބެލެވިގެން ނުވާނޭ މީހެކެވެ. މިފަދަ މީހަކު ފުލުހުންގެ ނަޒާހަތްތެރިކަން ބަލާނޭ ގޮތެއް، ތިޔަ ބެއިފުޅުން ނިކަން ވިދާޅު ވެދެއްވަބައްލަވާށެވެ! ޕޮލިސް ބޯޑުގައި އޭނާ ބައިންދައިގެން، އޭނާ ލައްވައި ފުލުހުންގެ އިސް ވެރީންގެ ނަޒާހަތްތެރިކަން ވަޒަން ކުރުވައި، އޭނާ ލައްވައި ފުލުހުންގެ އިސް ބެއިފުޅުން މަޤާމުން ވަކި ކުރުމުގެ ލިޔުންތަކުގައި ސޮއި ކުރުވުމުން، ދިވެހި ފުލުހުންނާ ދިމާޔަށް އެ ބުނެވެނީ ކީކޭތޯއެވެ؟ ދިވެހި ޤައުމާ ދިމާޔަށް އެ ބުނެވެނީ ކީކޭތޯއެވެ؟ ޝަރުޢީ ޙައްދަކަށް އަރައިގަތް ކަމުގެ ތުހުމަތު ކުރެވޭ މީހަކު، ދިވެހި ފުލުހުންގެ އިދާރާގެ މައްޗަށް ބަސް ކިޔާން ބެއިންދީމާ، ޤާނޫނުއަސާސީގެ 10 ވަނަ މާއްދާއަށް އެ ހެދުނީ ކިހިނެއްތޯއެވެ؟ މި ކަންކަމުގެ އިތުރުން، ޙާމިދަކީ ވެސް އެމްޑީޕީގެ އިސް ލީޑަރެއްގެ ގޮތުގައި އެތައް އަހަރެއް ވާންދެން މަސައްކަތް ކޮށްފައި ވާ މީހެކެވެ. އޭނާ ޕޮލިސް ބޯޑަށް ލުމަކީ، ކަނޑައެޅިގެން ޤާނޫނުއަސާސީ އަށް ގޮން ޖަހައި، ފުލުހުންގެ މައްޗަށް ސިޔާސީ ނުފޫޒު ފޯރުވުން ފިޔަވައި އެހެން ކަމެއް ނޫނެވެ.

ފުލުހުންގެ ޚިދުމަތް އިޞްލާޙު ކުރާން ޖެހެއެވެ. އެކަން ކުރެވޭނޭ ހަމައެކަނި ގޮތަކީ، ސިޔާސީން ފުލުހުންގެ މައްޗަށް ނުފޫޒު ފޯރުވުން ހުއްޓައިލުމެވެ. ޕޮލިސް ބޯޑުގެ ނަމުގައި ހަދައިފައި އޮތް ޣައިރުދުސްތޫރީ އަދި ޣައިރުއަޚްލާޤީ ކިޔާނުން ހިންގަމުންދާ ޣައިރުދުސްތޫރީ އަދި ޣައިރުޤާނޫނީ ޢަމަލުތައް ވަގުތުން ހުއްޓުވުމެވެ. ދެން، މި ފާއިތު ވި ފަނަރަ ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ފުލުހުންގެ ޚިދުމަތުން ސިޔާސީ ނުފޫޒުގައި ނުޙައްޤުން ބޭރު ކުރެވުނު ބެއިބެއިފުޅުންނާއި، ސިޔާސީ ނުފޫޒާ ހުރެ އަމިއްލަފުޅަށް ދުރު ވެވަޑައިގަތް ބެއިފުޅުންގެ ކިބައިން މަޢާފަށް އެދިވަޑައިގެން، ފުލުހުންގެ ސަފުތަކުގެ ތެރެޔަށް އަލުން އެ ބެއިފުޅުން ގެންނަވާށެވެ. އަދި މުޅި މުއައްސަސާ އަލުން ކޮޅަށް ނަންގަވައި ސާބިތު ކުރެއްވުމުގެ މަސްއޫލިއްޔަތު އެ ބެއިފުޅުންނަށް ދޫ ކޮށްލައްވާށެވެ. ދެން، ސިޔާސީން ދުރުގައި ތިއްބަވާށެވެ! އެ ބެއިފުޅުންނަށް ނޫނީ ފުލުހުންގެ ޚިދުމަތް އިޞްލާޙެއް ނުކުރެވޭނެއެވެ. އެކަން ކުރުމުގެ ޤާބިލިއްޔަތެއް ވެސް، އިރާދާއެއް ވެސް، ހުނަރެއް ވެސް، ތަޖުރިބާއެއް ވެސް، ޢިލްމެއް ވެސް، އަޚްލާޤެއް ވެސް، ސިޔާސީ ލީޑަރުންގެ ކިބަޔަކު ނެތެވެ. ފާއިތު ވި ފަނަރަ ވަރަކަށް އަހަރު ޤައުމީ ލޮލުގެ ކުރިމަތީގައި ތަމްސީލު ވެގެން ދިޔަ ޙަޤީޤަތްތަކުން ސާބިތު ވާ ކަމަކީ އެއީއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް