އިންޑިއާ ރައްޔިތަކު ޓެކްސީ ޑްރައިވަރަކަށް ހަމަލާދީފި

ހުޅުމާލެ މަގުމަތި. -- ސަން ފޮޓޯ/ ފަޔާޒް މޫސާ

މަސްތުގެ ހާލުގައި ހުރި އިންޑިއާގެ ރައްޔިތަކު ދިވެހި ޓެކްސީ ޑްރައިވަރަކަށް ހަމަލާދީފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ ރޭ ހުޅުމާލޭގައި ޓެކްސީ ޑްރައިވަރެއްގެ ފުރާނައަށް ނުރައްކާވާފަދަ އަމަލެއް ރޭ ހިންގި ކަމުގެ ރިޕޯޓެއް ފުލުހުންނަށް ލިބިފައިވާކަމަށެވެ.

"ރޭ 00:33 ހާއިރު ހުުމާލެގައި ޓެކްސީ ޑްރައިވަރެއްގެ ފުރާނައަށް ނުރައްކާވާފަދަ އަމަލެއް ހިންގި ކަމުގެ ރިޕޯޓް ފުލުހުންނަށް ހުށަހަޅާފައިވޭ،" މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މި މައްސަލައިގައި ރޭގެ ވަގުތެއްގައި އިންޑިއާގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

"މި މައްސަލައިގައި 25 އަހަރުގެ އިންޑިއާގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައި،"

"އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައިއިރު މަސްތުގެހާލަތުގައި ހުރިކަން ވަނީ ފާހަގަ ކުރެވިފައި،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން މިހާރު ތަހްގީގު ކުރަމުންދާ ކަމަށްވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މީގެ ކުރިން 2019 އަހަރު ތެރޭ ޓެކްސީ ޑްރައިވަރެއް ފޭރެން އުޅުމުގެ ތެރޭ ހަމަލާދީ މަރާލާފައިވެއެވެ. އެ ހަމަލާއާ ގުޅިގެން ޓެކްސީ ދުއްވާ ފަރާތްތަކުން ވަނީ ވަޒީފާގެ މާހައުލުގައި އެ ފަރާތްތަކަށް ހުރި ނުރައްކާތަކާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

comment ކޮމެންޓް