ފުރަތަމަ ކުއާޓަރުގައި ސަރުކާރުގެ ފަސް ކުންުފުންޏަކަށް އެއްވެސް އާމްދަނީއެއް ނުލިބޭ

އޮކްޓޯބަރ 1، 2019: ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް-- ސަން ފޮޓޯ/ ފަޔާޒް މޫސާ

ސަރުކާރު ހިއްސާވާ 30 ކުންފުނީގެ ތެރޭގައި މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެއްވެސް އާމްދަނީއެއް ނުލިބޭ ފަސް ކުންފުނި އެބައޮތް ކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނެފިއެވެ.

އެ ބޯޑުން އާންމުކޮށްފައިވާ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ފުރަތަމަ ކުއާޓަރުގެ މާލީ ހިސާބުތަކުން ދައްކާ ގޮތުގައި އެއްވެސް އާމްދަނީއެއް ނުލިބޭ ކުންފުނިތަކަކީ؛

  • ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)
  • މޯލްޑިވްސް ސެންޓާ ފޮ އިސްލާމިކް ފައިނޭންސް (އެމްސީއައިއެފް)
  • މޯލްޑިވްސް ފަންޑު މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ)
  • މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)
  • މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން (އެމްއެސްސީއެލް)

އޭގެ ތެރެއިން ފަހިދިރިއުޅުން ކޯޕަރޭޝަނާއި މޯލްޑިވްސް ސެންޓާ ފޮ އިސްލާމިކް ފައިނޭންސް އަދި މޯލްޑިވްސް ފަންޑު މެނޭޖްމަންޓް ކޯޕަރޭޝަނަށް މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައިވެސް އެއްވެސް އާމްދަނީއެއް ލިބިފައިނުވެއެވެ.

ޕީސީބީގެ ރިޕޯޓުގައި ބުނެފައިވަނީ އެފްޑީސީ، އެމްސީއައިއެފް އަދި އެމްއެފްއެމްސީގެ އިތުރުން އެމްއެސްސީއެލްއިން ފުރަތަމަ ކުއާޓަރުގެ ތެރޭގައި އާމްދަނީއެއް ލިބޭނެ އެއްވެސް މަސައްކަތެއް ކުރިއަށްގެންގޮސްފައި ނުވާ ކަމަށެވެ.

އެމްއައިޓީޑީސީގެ ބެލުމުގެ ދަށުން އޮންނަ ލ. ބަރެސްދޫ ކެއާޓޭކިން އެއްބަސްވުން މިދިޔަ އަހަރު ޑިސެމްބަރު މަހު ހަމަވުމާއެކު އޭގެ ފަހުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެމްއައިޓީޑީސީއަށް އާމްދަނީއެއް ލިބިފައިނުވެއެވެ.

އެއްވެސް އާމްދަނީއެއް ނުލިބޭ ކުންފުނިތަކުގެ އިތުރުން ފުރަތަމަ ކުއާޓަރުގައި އެންމެ ދަށް އާމްދަނީއެއް ރިކޯޑުކޮށްފައިވަނީ ހައްޖު ކޯޕަރޭޝަނުންނެވެ.

މުޅި ކުއާޓަރުގައި ހައްޖު ކޯޕަރޭޝަނަށް އާމްދަނީގެ ގޮތުގައި ލިބުނީ 525 ރުފިޔާ އެވެ. ސަބަބަކީ ޕެންޑެމިކްއާއެކު ފުރަތަމަ ކުއާޓަރުން ބައެއްގައި އެ ކޯޕަރޭޝަންގެ ވިޔަފާރި އޮޕަރޭޝަންތައް ކުރިއަށް ނުގެންދާތީއެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ޖުމުލަކޮށް ލިބިފައިވަނީ 7.09 ބިލިއަން ރުފިޔާގެ އާމްދަނީއެކެވެ. އެއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު 14 ޕަސެންޓް ނުވަތަ 1.1 ބިލިއަން ރުފިޔާ ދަށް އަދަދެކެވެ.

comment ކޮމެންޓް