ރަންބީރު އާ އާލިއާ މިއަހަރު ކައިވެނިކުރަނީ

އާލިއާ އާއި ރަންބީރު...

ބޮލީވުޑްގެ ޖޯޑު އާލިއާ ބަޓް އާ ރަންބީރު ކަޕޫރު މިއަހަރު ކައިވެނިކުރާނެ ކަމަށް މިސް ޔުނިވާސް ހޯދި ބަތަލާ ލާރާ ދައްތާ ބުނެފިއެވެ.

ބެލްބޮޓަމް ޕްރޮމޯޝަންގެ އިންޓަވިއުގައި ވާހަކަ ދައްކަމުން ލާރާ ބުނީ މިއަހަރު ތެރޭ އާލިއާ އާ ރަންބީރު ކައިވެނިކުރާނެ ކަމަށް ބެލެވޭ ކަމަށެވެ. އޭނާ މިހެން ބުނިއިރު ރަންބީރު މީގެ ކުރިން ދިން އިންޓަވިއުއެއްގައި ވަނީ މިދިޔަ އަހަރު ކުރިމަތިވި ކޮވިޑް ޕެންޑެމިކްގެ ސަބަބުން އެ މީހުންނަށް ކައިވެނިކުރެވޭ ގޮތް ނުވީ ކަމަށް ބުނެފައެވެ. އެހެން ނޫންނަމަ އެ ދެ މީހުން މިހާރު ކައިވެނިކުރާނެ ކަމަށެވެ.

ދެހާސް ސަތާރަ ވަނަ އަހަރު މިދެތަރިން ލޯބީގެ ގޮތުން ގުޅުނުއިރު އާލިއާ އާ ރަންބީރުގެ ކައިވެންޏަކީ އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާ އެއް ކައިވެންޏެވެ. މިދެތަރިންގެ ކައިވެނީގެ ވާހަކަ 2018 ވަނަ އަހަރުން ފެށިގެން އަންނަނީ މީޑީއާތަކުގައި ދެކެވެމުންނެވެ. އެންމެ ފަހުން މަޝްހޫރު ބޮލީވުޑްގެ ތަރިންގެ ތެރެއިން ކައިވެނިކުރީ ވަރުން ދަވަންއެވެ.

އާލިއާ ވަނީ ވަރަށް ކުޑަ އިރުން ފެށިގެން ރަންބީރުއަކީ އޭނާގެ "ކްރަޝް"އެއް ކަމަށާއި ރަންބީރާއި ކައިވެނި ކުރުމުގެ ހުވަފެންވެސް ދެކުނުކަމަށް މީގެ ކުރިން ބުނެފައެވެ. އާލިއާގެ އިތުރުން ރަންބީރުވެސް ވަނީ އާލިއާއާ ގަޔާވާކަމަށް މީގެ ކުރިން އެއްބަސްވެފައެވެ.

އާލިއާ އާއި ރަންބީރު އެކުގައި ސްކްރީނުން ފެނިގެންދާ ފުރަތަމަ ފިލްމު "ބްރަމާސްތުރާ" އަންނަ އަހަރު ރިލީޒްކުރާނެއެވެ.

comment ކޮމެންޓް