ފުލުހުންގެ އިސް އޮފިސަރުންތަކެއް މަގާމުން ވަކިކުރަނީ

ކވ. ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު، އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދު، އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީ، އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ޖަމްޝީދު، ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް --

ފުލުހުންގެ އިސް އޮފިސަރުންތަކެއް މަގާމުން ވަކި ކުރަން ފުލުހުންގެ ބޯޑުން ނިންމައިފިއެވެ.

"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުންގެ އިސް އޮފިސަރުންތަކެއް މަގާމުން ވަކިކުރަން ޕޮލިސް ބޯޑުން ނިންމާފައި ވަނީ ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ފާސް ކުރި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުންނެވެ. އެގޮތުން ވަޒީފާއިން ވަކި ކުރަން ހަމަޖެހިފައި ވަނީ:

  • ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު
  • އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީ
  • ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝުހާދު
  • އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ޖަމްޝީދު
  • އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދު
  • ސުޕްރިންޓެންޑެންޓް އިސްމާއީލް ޝަމީމް
  • ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 27ގައި ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރި ފުލުހުންގެ ހިދުމަތުގެ ގާނޫނަށް އަމަލު ކުރަން ފެށީ މިދިޔަ މާޗް މަހުގައެވެ. އަދި އެ ގާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން ފުލުހުންގެ ބޯޑެއް ވަނީ މިދިޔަ އޭޕްރިލް މަހު އެކުލަވާލާފައެވެ.

އެ ގާނޫނުގައި ވަނީ، އެ ގާނޫނަށް އަމަލުކުރަން ފަށާއިރު، ޕޮލިސް ކޮމިޝަނަރު ފިޔަވައި ސުޕްރިންޓެންޑް އޮފް ޕޮލިސްއިން ފެށިގެން މަތީ ރޭންކުގެ ކޮމިޝަންޑް އޮފިސަރަކު ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުން ނުވަތަ ލާއިންސާނީ އަނިޔާވެރި އަމަލެއް ނުވަތަ ކޮރަޕްޝަނުގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ނަމަ ނުވަތަ އެ މީހަކާ ދެކޮޅަށް އެފަދަ މައްސަލައެއް ރިޕޯޓުކޮށްފައިވާ ނަމަ، އެ އޮފިސަރަކީ މަގާމަށް ގާބިލު މީހެއް ކަމާ މެދު ގޮތެއް ނިންމުމުގެ ބާރު ފުލުހުންގެ ބޯޑަށް ދީފައެވެ.

އެ ބޯޑުން ނިންމާ ނިންމުން ތަންފީޒުކުރުމަށް ކޮމިޝަނަރަށް ފޮނުވަން ޖެހޭނެ ކަމަށްވެސް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.

comment ކޮމެންޓް